ގާޑިއޯލާގެ ރީނދޫ ރިބަންގެ މައްސަލާގައި އޭނާ ޖޫރިމަނާކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 40ސ
ގާޑިއޯލާގެ ރީނދޫ ރިބަންގެ މައްސަލާގައި އޭނާ ޖޫރިމަނާކޮށްފި
އިނގިރޭސި އެފްއޭކަޕްގެ މެޗުތަކުގައި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އޭނާ ލައިގެން ހުންނަ ޖެކެޓެއްގައި ރީނދޫ ކުލައިގެ ރިބަންއެއް ހަރުކޮށްގެން ހުރުމުން އިނގިރޭސި އެފްއޭއިން އޭނާ ޖޫރިމަނާކޮށްފިއެވެ.

އިނގިރޭސި އެފްއޭއިން ދެކޭ ގޮތުގައި ގާޑިއޯލާގެ ފަރާތުން ފެނިގެން ދިޔައީ ސިޔާސީ އަމަލެއްކަމަށެވެ. ގާޑިއޯލާ ލައިގެން ހުންނަ ހެދުންތަކުގައި ހަރުކޮށްފައި ހުރި އެ ރީނދޫ ރިބަަނަކީ ކެޓަލޯނިއާގެ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލުމުގެ ގޮތުން ކެޓަލޯނިއާގެ ރައްޔިތުން ބޭނުންކުރަމުން އަންނަ ރިބަނެކެވެ.

ގާޑިއޯލާގެ މި އަމަލުތަކާ ގުޅިގެން އިނިގިރޭސި އެފްއޭއިން އޭނާ ޖޫރިމަނާކޮށްފައިވަނީ 20،000 ޕައުންޑަށެވެ. އެފްއޭއިން ބުނި ގޮތުގައި، ގާޑިއޯލާގެ ޖެކެޓްގައި ހަރުކޮށްފައިވާ ރިބަނަކީ ސިޔާސީ ބޭނުމަކަށް ހައްޔަރުކުރި ރިބަނެއްކަމަށާއި އެހެންވުމުން ގާޑިއޯލާ އެފްއޭގެ ހެދުން އެޅުމާއި އިޝްތިހާރުކުރުމުގެ ޤަވާއިދާ ޚިލާފުވެފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ގާޑިއޯލާ ޖޫރިމަނާކުރުމުގެ ކުރިން އެފްއޭއިން ވަނީ ދެ ފަހަރެއްގެ މަތިން ގާޑިއޯލާއާ ވާހަކަދައްކައި އަދި އެފަދަ ކަންކަން ތަކުރާރުވާނަމަ އޭނާއާމެދު ފިޔަވަޅު އަޅާނެކަމަށް އިންޒާރުު ވެސް ދީފައިވެއެވެ. އެހެން ނަމަވެސް، ގާޑިއޯލާ ވަނީ ބެންޗުގައި އިންނައިރުގައާއި ޕްރެސް ކޮންފެރެސްތަކުގައި ވެސް އެ ރިބަން ބޭނުންކޮށްފައެވެ.

އެ ރިބަން ބޭނުންނުކުރުމަށް އެފްއޭއިން ގާޑިއޯލާއަށް އިންޒާރުދިނުމާ ގުޅިގެން ގާޑިއޯލާ ބުނެފައިވަނީ، އެއީ ސިޔާސީ އަމަލެއް ނޫންކަމަށާއި ރިބަނަކީ ޑިމޮކްރަސީގެ ނިޝާނެއްކަމަށެވެ. އެ ރިބަންކޮޅު ރަމްޒުކޮށްދެނީ ނުހައްޤުން ހައްޔަރުކޮށްފައިވާ ދެ ބޭފުޅެއްކަމަށް ގާޑިއޯލާ ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކެޓަލޯނިއާގެ ރައްޔިތުންގެ މެދުގައި ނެގި ދެންނަ ނުފެންނަ ވޯޓުގައި ކެޓަލޯނިއާގެ ރައްޔިތުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ ކެޓަލޯނިއާއަކީ މިނިވަން ވަކި ދައުލަތެއް ކަމުގައެވެ.

އެހެން ނަމަވެސް، ސްޕެއިންގެ މައި ދައުލަތުން ވަނީ ކެޓަލޯނިއާގައި ނެގި ވޯޓަކީ ޣައިރު ޤާނޫނީ ވޯޓެއް ކަމުގައި ކަނޑައަޅައިފައެވެ. އަދި އެ މައްސަލާގައި ކެޓަލޯނިއާގެ ގިނަ ސިޔާސީ ލީޑަރުން ވަނީ ހައްޔަރުކޮށްފައެވެ.



މިއަދު އޮންލައިން