ބޮރުޝިއާ ޑޮޓްމަންޑަށް ކުޅެމުން އަންނަ ހުނަރުވެރި ޖަރުމަނު ކުޅުންތެރިޔާ މާކޯ ރެއަސް އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފިއެވެ.
އުމުރުން 28 އަހަރުގެ ރެއަސް ޑޮޓްމަންޑްގެ ކޮންްޓްރެކްޓް އާކޮށްފައިވަނީ އިތުރު ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެހެންވުމުން، ޑޮޓްމަންޑާއެކު ރެއަސް ސޮއިކުރި އާ ކޮންޓްރެކްޓްގެ އެއްބަސްވުން ހަމަވެގެންދާނީ 2023 ވަނަ އަހަރުގެ ނިޔަލަށެވެ. ރެއަސް ޑޮޓްމަންޑްގެ ކޮންޓްރެކްޓް އާކޮށްފައިވާއިރު، މިދިޔަ ހޫނު މޫސުމާއި ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ވެސް ބޮޑެތި ގިނަ ކްލަބްތަކުން ރެއަސް ހޯދުމަށް މަސައްކަތްކޮށްފައިވެއެވެ. އޭގެ ތެރޭގައި ޓޮޓެންހަމާއި އާސެނަލްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑް ފަދަ ކްލަބްތައް ހިމެނެއެވެ.
ޑޮޓްމަންޑްގެ އާ ކޮންޓްރެކްޓްގައި ސޮއިކުރުމަށްފަހު ރެއަސް ބުނީ ޑޮޓްމަންޑްގެ ކޮންޓްރެކްޓްގައި ސޮއިކުރީ ވަރަށް ވިސްނުމަށްފަހުގައި ކަމަށާއި ޑޮޓްމަންޑާއެކު ރަނގަޅު މުސްތަޤުބަލެއް އޮތް ކަމަށް ފެންނާތީ ކަމަށެވެ. ރެއަސް ބުނީ ޑޮޓްމަންޑްގެ ޖާޒީގައި ކުޅުމަކީ ލިބިދޭ ހިތްހަމަޖެހުމެއްކަމަށާއި އިތުރު ފަސް އަހަރު އެ ކްލަބްގެ ޖާޒީގައި ކުޅެލަން ލިބުމުން ވަރަށް އުފާވާކަމަށެވެ.
ޖަރުމަނުގެ ބޮރުޝިއާ މޮޗެންގްލެޑްބެކް ދޫކޮށް 2012 ވަނަ އަހަރުގައި ޑޮޓްމަންޑަށް ބަދަލުވި ރެއަސް ވަނީ މިހާތަނަށް އެ ކްލަބަށް ކުޅެދިން 129 މެޗުުގައި 59 ލަނޑު ކާމިޔާބުކޮށްދީފައެވެ. ޑޮޓްމަންޑްގައި ރެއަސްގެ ފަރާތުން މޮޅު ކުޅުމެއް ފެންނަމުން އައި ނަމަވެސް، ރެއަސްއަށް ވަނީ ދިގު މުއްދަތުގެ އަނިޔާތައް ލިބުމާ ގުޅިގެން ޑޮޓްމަންޑަށް ގިނަ މެޗުތަކެއް ނުކުޅެދެވިފައެވެ. މިދިޔަ މަހުގެ ތެރޭގައި ރެއަސް އަނބުރާ ކުޅުމުގެ ތެރެއަށް އައިސްފައިވަނީ ވެސް ކަކުލުގެ ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން 8 މަސް ދުވަހުގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުރުމަށްފަހުއެވެ.