ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ހެޔޮ އަމަލުކުރުމަކީ ހަމައެކަނި މިސްކިތުގައި ކުރާ ކަންކަން ކަމަށެވެ. ނުވަތަ ހެޔޮ އަމަލުތައް ކުރެވޭނީ އަތުގައި ފައިސާ ހުރެގެން ކަމަށެވެ.
ވިސްނައިލާށެވެ. ފެނަށް ބޭނުންވެގެން އޮތް ކުއްތާއަކަށް ފެންފޮދެއްދިން ކަސްބީ އަންހެނަކު މާތް ﷲ ސުވަރުގެ ވެއްދެވިއެވެ. މަގުމައްޗަށް ވެއްޓިފައި އޮތް ގަސްގަނޑެއް އެއްކައިރި ކުރި މީހަކު މާތް ﷲ ސުވަރުގެ ވެއްދެވިއެވެ. އެއީ ކީއްވެގެންހެއްޔެވެ؟ އިޚްލާޞްތެރިކަމާއިއެކު ހެޔޮ އަމަލެއް ކުރީތީއެވެ.
ގައިގައި ބާރު ނެތިގެން ބޮޑު ބަރެއް ނުއުފުލިދާނެތީ ކަންބޮޑުވުމެއް ނެތެވެ. އަތުގައި ފައިސާ ނެތިގެން ޞަދަޤާތް ނުކުރެވިދާނެތީ ވެސް ކަންބޮޑުވުމެއް ނެތެވެ. މާތް ﷲ ގެ މަތިން ގިނަގިނައިން ހަނދުމަކުރުމަކީ އެންމެ ފަސޭހައިން ސުވަރުގެ ވަދެވޭނެ އެއް ކަންތަކެވެ.
މާތް ﷲ ގެ މަތިން ހަނދުމަކުރުމަކީ އެކަންކުރަން ބޭނުންވާ މީހަކަށް ނުހަނު ފަސޭހައިން ކުރެވޭނެ ކަމެކެވެ. ހުސްވަގުތެއް ހަމަ ލިބޭއިރަށް މާތް ﷲ ގެ މަތިން ހަނދުމަކުރަން ޢާދަކުރުމަކީ ހާދަހައިވާ ރަނގަޅު، ފައިދާހުރި ކަމެކެވެ.
"ލަވްﷲ" ގެ ދަރުސަކުން