ގްރީން ބަލިކޮށް އީގަލްސް ލީގުގެ އެއްވަނައަށް
އެސްޓީއޯ މާލޭ ލީގުގައި 1-2 ގެ ނަތީޖާއިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ކްލަބް އީގަލްސް ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
މި މެޗުން މޮޅުވެގެން ލީގުގެ އެއްވަނައިގައި އީގަލްސް އޮތީ 7 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީއަށް 6 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވެސް ލިބިފައިވަނީ 6 ޕޮއިންޓެެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މި މެޗު ފަށައިގެން ވެސް އީގަލްސްއިން ވަނީ ގްރީންގެ ގޯލަށް ނުރައްކާކުރަން ފަށައިފައެވެ. ނަތީޖާއެއްގެ މެޗުގެ 7 ވަނަ މިނެޓުގައި އީގަލްސްއިން ލަނޑެއް ޖަހައި މެޗުގެ ލީޑު ނެގިއެވެ. އީގަލްސްއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރެޒިލް ފޯވާޑް އެޑުއާޑޯއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ގްރީންއަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ފުރަތަމަ ހާފު ނިމުނީ ލަނޑެއްގެ ލީޑުގައި އީގަލްސް އޮވެގެންނެވެ.
މެޗުގެ 54 ވަނަ މިނެޓުގައި ގްރީންގެ މުހައްމަދު ރިޝްވާން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރި ނަމަވެސް އޭގެ ތިން މިނެޓު ފަހުން އީގަލްސްގެ މުހައްމަދު ނާއިމް ލަނޑެއް ޖަހައި އީގަލްސްއަށް އަލުން މެޗުގެ ލީޑު ނަގައިދިނެވެ. މި މެޗުގައި ނާއިމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮަސްފައިވެއެވެ.
މާލޭ ލީގުގައި މިއަދު ހަވީރު ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބް ވެލެންސިއާއެވެ. މިރޭ ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.