ރިއާލާއި ބާސާއަށް ވެސް ލީގުގައި މޮޅެއް

ކިޔުމަށް ހޭދަވާނީ 1މ 21ސ
ރިއާލާއި ބާސާއަށް ވެސް ލީގުގައި މޮޅެއް
ސްޕެނިޝް ލީގުގައި ރިއާލް މެޑްރިޑްއާއި އެއިބާ ބައްދަލުކުރި މެޗުން 1-2 ގެ ނަތީޖާއިން ރިއާލް މޮޅުވިއިރު، ލީގުގައި މަލަގާއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުން 0-2 ގެ ނަތީޖާއިން ބާސާ މޮޅުވެއްޖެއެވެ.

އެއިބާއާ ދެކޮޅަށް ރިއާލް ކުޅުނު މި މެޗު ފަށައިގެން އެއިބާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް، މެޗުގެ 34 ވަނަ މިނެޓުގައި ރިއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑެއް ޖަހައި މެޗުގެ ލީޑު ރިއާލަށް ނަގައިދިނެވެ. އެއިބާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 50 ވަނަ މިނެޓުގައި އެއިބާގެ އިވާން ރާމިސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި މެޗުން ރިއާލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ރޮނާލްޑޯއެވެ.

ބާސެލޯނާގެ ތަރި ލިއޮނަލް މެސީއާ ނުލައި މަލަގާއާއި ދެކޮޅަށް ކުޅުނު މެޗުގައި ބާސާގެ ލަނޑުތައް ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައެވެ. ބާސާގެ ފުރަތަމަ ލަނޑު މެޗުގެ 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒްއެވެ. މެޗުގެ 28 ވަނަ މިނެޓުގައި ބާސާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފިލިޕޭ ކުޓީނިއޯއެވެ. މި މެޗުގައި މެސީ ކުޅެފައިނުވަނީ އޭނާއަށް ދަރިއަކު ލިބުމުން އާއިލާއާއެކު ވަގުތު ހުސްކުރުމުގެ ގޮތުންކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

މި މެޗުތަކުގެ ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ބާސެލޯނާ އޮތީ ކުޅުނު 28 މެޗުން 72 ޕޮއިންޓް ލިބިގެންނެެވެ. ދެވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ ކުޅުނު 27 މެޗުން 61 ޕޮއިންޓް ލިބިގެންނެވެ. ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑް އޮތީ ކުޅުނު 28 މެޗުން 57 ޕޮއިންޓް ލިބިގެން ތިންވަނައިގައެވެ.

ލީގުގައި އެތްލެޓިކޯ ކުޅޭ 28 ވަނަ މެޗުގައި އެ ޓީމު މިރޭ ނުކުންނާނީ ސެލްޓާ ވިގޯއާ ދެކޮޅަށެވެ. މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 8:15 ގައެވެ.
މިއަދު އޮންލައިން