ނަޕޯލީއާއި އިންޓަގެ ކުރިމަތިލުން އެއްވަރުވެ، ޔުވެންޓަސް އެއްވަނައަށް

ކިޔުމަށް ހޭދަވާނީ 1މ 28ސ
ނަޕޯލީއާއި އިންޓަގެ ކުރިމަތިލުން އެއްވަރުވެ، ޔުވެންޓަސް އެއްވަނައަށް


އިޓަލީ ލީގުގައި ނަޕޯލީއާއި އިންޓަ މިލާން ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވިއިރު، ޔުވެންޓަސްއާއި އުޑިނީސް ބައްދަލުކުރި މެޗުން 0-2 ގެ ނަތީޖާއިން ޔުވެންޓަސް މޮޅުވެގެން ލީގުގެ އެއްވަނައަށް ޔުވެންޓަސް ޖެހިލައިފިއެވެ.

ނަޕޯލީއާއި އިންޓަ ބައްދަލުކުރި މެޗު ފަށައިގެން ނަޕޯލީގެ ފަރާތުން އިންޓަގެ ގޯލަށް ގިނަ ނުރައްކާތެރި ހަމަލާތަކެެއް ވަނީ ފޮނުވާލައިފައެވެ. ވަކިން ޚާއްޞަކޮށް ނަޕޯލީގެ މަރެކް ހަމްސިކްއާއި ޑްރައިސް މާޓެންސް ފޮނުވާލި ހަމަލާތައް ފާހަގަކޮށްލެވެ. އަދި މި ހަމަލާތައް ދިފާއުކުރުމުގައި އިންޓަގެ ގޯލްކީޕަރު ސަމިރް ހެންޑަނޮވިޗްގެ ހުޝިޔާރުކަން ވެސް ފެނިގެން ގޮސްފައިވެއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ހަމަހަމަ ކުޅުމެކެވެ. ދެވަނަ ހާފުގައި ނަޕޯލީއަށް ފޮނުވާލި ގިނަ ހަމަލާތައް ގޯލާ އަމާޒުވެފައިނުވާއިރު، ގޯލާ އަމާޒުވި ހަމަލާތައް ދިފާއުކުރުމުގައި އިންޓަގެ ކީޕަރު ހެންޑަނޮވިޗްގެ ހުޝިޔާރުކަން މި ހާފުގައި ވެސް ފެނިގެން ގޮސްފައިވެއެވެ. ދެވަނަ ހާފުގައި ލަނޑެއް ޖަހައި ލީޑު ނަގަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިންޓައަށެވެ. ނަޕޯލީގެ ގޯލްކީޕަރު ޕެޕް ރެއިނާ ގާތުން ނެއްޓުމަށްފަހު އިންޓަގެ މާރިއޯ އިޑާކީ ފޮނުވާލި ހަމަލާ ވަނީ ނަޕޯލީގެ ރައުލް އަލްބިއޯލް ބޮލުން ދިފާއުކޮށް ބޭރަށް ފޮނުވާލައިފައެވެ.

ޔުވެންޓަސްއާއި އުޑިނީސް ބައްދަލުކުރި މެޗު 0-2 ގެ ނަތީޖާއިން ޔުވެންޓަސް މޮޅުވިއިރު، މި މެޗުގައި ޔުވެންޓަސްގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ޕައުލޯ ޑިބަލާއެވެ.
މި މެޗުތަކުގެ ނަތީޖާއާއެކު، ލީގުގެ އެއްވަނައިގައި ޔުވެންޓަސް އޮތީ ކުޅުނު 27 މެޗުން 71 ޕޮއިންޓް ލިބިގެންނެވެ. ލީގުގެ ދެވަނައިގައި ނަޕޯލީ އޮތީ ކުޅުނު 28 މެޗުން 70 ޕޮއިންޓް ލިބިގެންނެވެ. ނަޕޯލީ އަތުން އެއްވަރުވި އިންޓަ އޮތީ 52 ޕޮއިންޓް ލިބިގެން ލީގުގެ ފަސްވަނައިގައެވެ.

މިއަދު އޮންލައިން