ﷲ އަމުރު ކުރެއްވެވި ކަންކަން ނުކޮށް ހުރެވޭނެގޮތެއް ހޯދޭނަމަ ތިބާއަކީ ޝައިޠާނާގެ ބައިވެރިއެއް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ﷲ އަމުރު ކުރެއްވެވި ކަންކަން ނުކޮށް ހުރެވޭނެގޮތެއް ހޯދޭނަމަ ތިބާއަކީ ޝައިޠާނާގެ ބައިވެރިއެއް: މުފްތީ މެންކް
ބައެއް މީހުންނަށް އެންމެ ގިނައިން ކުރެވޭ އެއްކަމަކީ ކުރުމަށް މާތް ﷲ އަމުރުފުޅު ކުރައްވަވާފައިވާ ކަންކަން ނުކޮށް ދޫކޮށްލެވޭނެ، ނުވަތަ ފަސްކުރެވޭނެ ގޮތެއް ހޯދުމެވެ.

ނަމާދު ވަގުތު ޖެހި ބަންގީގެ އަޑު އިވުމުން ޖަމާއަތަށް ނުގޮސް ފަސްކޮށްލައެވެ. ރަމަޟާން މަހުގެ ރޯދަ ހިފުމަށް އުޒުރުތައް ހޯދާލައެވެ. ނޭފަތުން އަރިދަފުސް ފޭބުމާއި ކެއްސައިލެވުން ފަދަ ކަންކަން އެއީ އުޒުރަކަށް ހަދައެވެ. ނަމަވެސް އެކަންކަމުން މުޅިން ސަލާމަތްވެގެން ހުރެވެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށް ހެއްޔެވެ؟ އަހަރެއްގެ ކިތައް ދުވަހު ހެއްޔެވެ؟

މިފަދަ ގޮތްގޮތަށް އަމަލުކުރެވޭނަމަ އެއިގެ މާނައަކީ ތިބާގެ މައްޗަށް ޝައިޠާނާ ނުފޫޒުފޯރުވަމުން ގެންދާ ކަމެވެ. ޝައިޠާނާގެ ޝިކާރައަކަށް ތިބާވެފައިވުމެވެ. އެހެން އިބާރާތަކުންނަމަ ޝައިޠާނާއަށް އަޅުވެތިވެވިފައިހުރުމެވެ.

މާތް ﷲ ގެ އަމުރުފުޅުތައް ތަންފީޒު ނުކުރުމަށް ނުވަތަ ތަންފިޒުކުރުން ފަސްކުރުމަށް އެއްވެސް މީހަކު ތިބާއަށް ހިތްވަރުދޭނަމަ އެކަމަށް ތިބާ ހޭލުންތެރިވާށެވެ! އެފަދަ މީހުންނާއި އަވަހަށް ދުރުހެލިވާށެވެ. ސަބަބަކީ އެމީހާއަކީ ތިބާއަށް ހެޔޮ އެދޭ މީހަކަށް ނުވާކަމެވެ. އެމީހާއަކީ ޝައިޠާނާގެ އެޖެންޓެއް ކަމެވެ.

ވިސްނާށެވެ. ނަމާދަށް އެކަނި ވިސްނައިލަބަލާށެވެ. ޝައިޠާނާ ފުރަތަމަ މަސައްކަތްކުރާނީ ތިބާ ނަމަދާ ދުރުކުރުވުމަށެވެ. ކަތްނެތް ކުރުވައިގެންވެސް ނަމާދުކުރިއަ ނުދިނުމަށެވެ. އެވަރުންވެސް ތިބާ ނަމާދަށް ގޮސް ނަމާދުކުރަން ފަށައިފިނަމަ ދެން މަސައްކަތްކުރާނީ ތިބާގެ ހިތަށް ވަސްވާސްތައް ދީގެން ނަމާދުގައި ކިޔާ ތަކެއްޗާއި ތިބާ އާއި ދުރުކުރުވުމަށެވެ.

ލޮބުވެތި އަޚުންނޭވެ. ސަލާމަތްކަމަށް އެދޭނަމަ މިކަންކަމަށް ވިސްނާށެވެ! މިކަންކަމުން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ.!
ޝައިޚް މުފްތީ މެންކްގެ ދަރުސަކުން-
މިއަދު އޮންލައިން