އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިތުރު މެންބަރަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 2ސ
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިތުރު މެންބަރަކު ހައްޔަރުކޮށްފި
ރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިތުރު މެންބަރަކު ހައްޔަރުކޮށްފިއެވެ.

މ.ކުނޫޒު ކައިރީގައި ހުންނަ ކެފޭއެއްގެ ތެރޭގައި ހުންނަވަނިކޮށް މިއަދު ހައްޔަރުކޮށްފައިވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މާމިގިލި ދާއިރާގެ ރައީސް އިބްރާހިމް ރަޝީދު (އިބޫ) އެވެ. މަންޒަރު ދުށް ބައެއް މީހުން މައުލޫމާތު ދިން ގޮތުގައި، ފުލުހުން އިބޫ ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ އޭނާއަށް ކޯޓު އަމުރެއް ދެއްކުމަށްފަހުގައެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މާމިގިލި ދާއިރާގެ ރައީސް އިބޫ މިއަދު ހައްޔަރުކުރިއިރު، ކުރިން ހައްޔަރުކޮށްފައި ހުރި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ ރައީސް ޢަބްދުﷲ ޝަހީމް ވަނީ މިއަދު ދޫކޮށްލައިފައެވެ.

ރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ މެންބަރުން ވަނީ ހައްޔަރުކޮށް ބަންދުގައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވެސް ހިމެނެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ގިނަ މީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ސަރުކާރު ވައްޓާލަން މަސައްކަތްކުރިކަމުގެ ތުހުމަތެވެ.
މިއަދު އޮންލައިން