މިހާރަކަށް އައިސް ކޮންމެ މީހަކުހެން އެމީހަކު ގެންގުޅޭ ފޯނަށާއި ޓެބްލެޓަށާއި އެފަދަ ތަކެއްޗަށް އަޅައިގެން އެންމެ ގިނައިން ކުރާ ކަމަކީ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ބެލުމެވެ. ބަލަ ތިއަ ކުރަނީ ކީއްހެއްޔެވެ؟ ސުވާލުކުރިނަމަވެސް އުނހު އެއީ ބެލީ ނޫން ކަމަށްވެސް ބުނާނެއެވެ.
ލޮބުވެތި މުސްލިމުންނޭވެ! ތިއަކުރާ ކަންކަމުން ލިބޭނެ އެއްވެސް ހަޤީޤީ މޮޅެއް ނުވަތަ ފައިދާއެއް ނުއޮންނާނެއެވެ. ބެލިވަރަކަށް ދާނީ ސިކުނޑި ގޮވަމުންނެވެ. ހުރިހާ ކަންކަމެއް ހުއްދަ ޔޫރަޕުގައި ތިއަ އެއްޗެއް ބަލަމުން ގޮސް މީހުންގެ ސިކުނޑި ގޮވައި އަމިއްލަ ޖިންސް ވެސް އެދަނީ ބަދަލުކުރަމުންނެވެ.
އެވަރުން ނުފުދިގެން އެއްޖިންސުން ގުޅުން ހިންގުން މިވަނީ ޢާންމު ކަމަކަށް ހަދައިފައެވެ. ކޮން ބޭނުމަކުހެއްޔެވެ؟ އެހެން މީހުންގެ ސަމާލުކަން ހޯދުމަށެވެ.
ލޮބުވެތި މުސްލިމުންނޭވެ! ތިބާގެ ހަށިގަނޑަކީ ތިބާގެ އަމިއްލަ މިލްކެއް ނޫނެވެ. އެއީ އެ ހަށިގަނޑު އުފެއްދެވި ފަރާތުގެ މިލްކެކެވެ. އެހަށިގަނޑު ބޭނުންކުރަން ޖެހޭނީ މާތް ﷲ އެންގެވި ގޮތުގައެވެ. މާތް ﷲ ހުއްދަ ކުރެއްވެވި ކަންކަން ކުރުމުގައެވެ. މާތް ﷲ ކަމެއް ނަހީ ކުރައްވަވާފައިވާނަމަ ޖެހޭނީ ތިބާ އެކަމެއް ކުރަން ކިތަންމެ ބޭނުންވި ނަމަވެސް އެކަމަކާއި ދުރުހެލިވާށެވެ.
ތިބާއަށް ވިސްނުމުގެ ބާރު ދެއްވެވީ މާތް ﷲ އެވެ. ތަންތަން ބަލަން ދެ ލޯ ދެއްވެވީވެސް މާތް ﷲ އެވެ. އެ ނިއުމަތްތަކުގެ ބޭނުން ހިފަންޖެހޭނީ ތިބާ ބޭނުންވާހައި ގޮތަކަށް ނޫނެވެ. އެ ނިޢުމަތްތައް ދެއްވެވި މާތް ﷲ އެންގެވި ގޮތުގައެވެ. މާތް ﷲ ދެއްވަވާފައިވާ ކޮންމެ ނިއުމަތަކީވެސް އެކަލާނގެ ބޭނުންފުޅުވެވޮޑިގަތުމުން އަނބުރައި ގެންދަވާނެ ނިއުމަތްތަކެއްކަން ރަނގަޅަށް ހަނދާންކުރާށެވެ.
ބަރަހަނާ މަންޒަރު ބެލުމަކީ ކަނޑައެޅިގެން މާތް ﷲ ޙަރާމްކުރައްވަވާފައިވާ ކަމެކެވެ. ބިރުވެތިވާށެވެ! ނުހަނު ފަސޭހައިން އެ ބޮޑު ފާފައަށް އަރައިގަނެވޭނެ ގޮތަށް ކަންކަން ފަސޭހަވެފައި އޮތުމަކީ ފާފަތަކަށް އަރައިގަންނަވީ ސަބަބެއް ނޫނެވެ. މަސައްކަތްކުރަންވީ އެ އިމްތިޙާނުން ފާސްވުމަށެވެ!
ގުޅުންހުރި ވީޑިއޯ: