ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޑރ. އަބްދުއްރަހީމް ގްރީން ގެ ދަރުހެއްގައި، އޭނާއާއި މީހަކު ސުވާލު ކުރިއެވެ.
އިސްލާމް ދީނާއިމެދު ޚަބަރެއް ލިބިފައިނުވާ ނުވަތަ މިދުނިޔޭގެ ޙަޔާތުގައި އިސްލާމްދީނާއި ބެހޭ ގޮތުން އެނގިފައި ނުވާ ޣައިރު މުސްލިމުންނާއިމެދު ޤިޔާމަތް ދުވަހުން ކަންތައް ކުރެވޭނީ ކިހިނެއް ހެއްޔެވެ؟
ޖަވާބުގައި ޑރ. ގްރީން ވިދާޅުވިއެވެ.
"ޤިޔާމަތް ދުވަހުން ހިސާބު ބެއްލެވޭ ހިނދު، މާތް ﷲ ގެ ޙަޟްރަތަށް އެއްބަޔަކު ގޮސް، އިސްލާމްދީން ޤަބޫލު ނުކުރެވުނީ ކީއްވެކަމާއިމެދު ބަލައިގަނެވޭނެ އުޒުރުތަކެއް ބުނާނެއެވެ. އެއްބަޔަކު ބުނާނެއެވެ. ތިމަންނާމެންގެ އަޖަލު ހަމަވިއިރު ތިމަންނާމެން އުމުރުން ވަރަށް ހަގެވެ. އެހެންކަމުން ހެވާއި ނުބައި އެނގިފައެއް ނުވެއެވެ. އަދި އިސްލާމްދީނާއި ބެހޭ ގޮތުން ތިމަންނާމެން ގާތު އެއްވެސް (ބޮޑު) މީހަކު ކިޔާދީފައެއް ނުވެއެވެ.
އަނެއް ބަޔަކު ބުނާނެއެވެ. ތިމަންނާމެން ދުނިޔޭގައި ދިރިއުޅުނު ދުވަސްވަރު އެއްވެސް ރަސޫލެއް އަދި ނަބިއްޔެއް ނުވަތަ މަސީހެއް ވެސް ނުވެއެވެ. އެހެންކަމުން ތިމަންނާމެންނަށް މާތް ﷲ ގެ މެސެޖު (އެކަލާނގެއީ އަޅުކަން ކުރުން ޙައްޤުވެގެންވާ ހަމައެކަނި އިލާހުކަން) އެނގިފައެއް ނުވެއެވެ.
މާތް ﷲ އެބައިމީހުންގެ އުޒުރުތައް އަޑުއައްސަވާނެއެވެ. އަދި ޤިޔާމަތް ދުވަހުން، ހަމައެވަގުތު، އެބައިމީހުންގާތަށް، އެމެސެޖު ފޯރުކޮށްދޭނެ މަސީހަކު ފޮނުއްވަވާނެއެވެ. އެބައިމީހުން ގާތަށް އެމަސީހު ދުރުވެ ބުނާނެތެވެ.
'މާތް ﷲ ތިޔަބައިމީހުންގެ އުޒުރު އަޑުއައްސަވައިފިއެވެ. ތިމަންކަލޭގެފާނަކީ ތިޔަބައި މީހުންނަށްޓަކައި އެކަލާނގެ ފޮނުއްވެވި މަސީހެކެވެ. އެހެންކަމުން ނަރަކައިގެ އަލިފާންގަނޑު ތެރެއަށް ވަންނާށެވެ. އެކަލާނގެ ތިޔަބައިމީހުންނަށް އެއަލިފާންގަނޑަކީ ފިނި އެއްޗެއް ކަމުގައި ލައްވަވާނެތެވެ.'
މިއީ އިސްލާމްދީނާއި ބެހޭ ގޮތުން އެނގިފައިނުވާ ޣައިރު މުސްލިމުންނާއިމެދު ޤިޔާމަތް ދުވަހުން އެކަލާނގެ އިންސާފު ކުރައްވަވާ ގޮތެވެ. ޙަގީގަތުގައި އަލިފާންގަނޑު ތެރެއަށް ވަނުމަށް އެކަލާނގެ އަމުރު ކުރައްވަވަނީ އެބައިމީހުން އިމްތިހާނު ކުރެއްވުމަށެވެ. ނަރަކައިގެ އަލިފާންގަނޑު ތެރެއަށް ވެދެވަޑައިގަތުމަށާއި އެއަލިފާންގަނޑަކީ އެބައިމީހުންނަށް ފިނި އެއްޗެއް ކަމުގައި މާތް ﷲ ލައްވައިފިކަމަށް މަސީހު ވިދާޅުވުމުން، އެބައިމީހުންގެ ތެރެއިން ތަޤްވާވެރިން އެކަލާނގެއާއި އެކަލާނގެ ފޮނުއްވެވި މަސީހުގެ ބަސްފުޅުތައް އިތުރު ޝައްކަކާއި ނުލާ ޤަބޫލު ކުރައްވާ، އަލިފާންގަނޑު ތެރެއަށް ވެދެވަޑައިގަންނަވާނެއެވެ.
ނަމަވެސް އިސްލާމްދީނާއިމެދު އެނގުމަށްފަހު ވެސް، އެކަލާނގެ ފޮނުއްވެވި މަސީހަކާއި ބައްދަލުވުމަށް ފަހުވެސް، އެކަލާނގެއާއި އެކަލާނގެ ފޮނުއްވެވި މަސީހުގެ ބަސްފުޅު ޤަބޫލުފުޅު ނުކުރެވޭ މީސްތަކުން، އެއަލިފާންގަނޑު ތެރެއަށް ވެދެވަޑައިގަތުމަށް ޖެހިލުންވާނެއެވެ. އެބައިމީހުންނަށް މާތް ﷲ ގެ ވަޙީބަސްފުޅާއި އަމުރުފުޅާއިމެދު ޝައްކު ކުރެވޭތީއެވެ."