ޤިޔާމަތްވާން ކައިރިވުމުން ފެންނާނެ ހުރިހާ ކުދި ޢަލާމާތްތަކެއް ފައުޅުވެ ނިމިއްޖެއެވެ. މިހާރު ފައުޅު ނުވަނީ އެންމެ ފަހުން ފައުޅުވާނެ ބޮޑެތި ޢަލާމާތްތަކެވެ.
މިކަމުން އެނގެނީ ޤިޔާމަތްވުމުގެ ވަގުތު ދާދި ކައިރިވެއްޖެކަމެވެ. ނަމަވެސް އެއްވެސް މީހަކު އެވަގުތު އައިސް ޖެހެން ބޭނުމެއް ނުވާނެއެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ ވީހައި ގިނަ ދުވަހަކު ދުނިޔެ މިގޮތުގައި ދެމިއޮތުމަށެވެ. އަދި ތިމާ ވެސް މަރުނުވެ ދިރިހުރުމަށެވެ. ދުނިޔެއިން ހާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާޞިލުކުރެވެންދެންނެވެ. ނަމަވެސް އެއީ ނިމުމެއް އޮތް ކަމެއް ނޫނެވެ. އެއް ކަމެއް ހާޞިލުކުރެވޭ އިރަށް އިތުރު އެތައް ކަމަކަށް އެދެވޭނެއެވެ.
މިފަދަ ޒަމާނެއްގައި އެންމެ ބޮޑަށް ވިސްނަން ޖެހޭނެ އެއް ކަމަކީ އިސްލާމް ދީނާއި އަދި އަމިއްލަ ދިރިއުޅުމާއިމެދު ޞައްޙަ މައުލޫމާތު ހޯދުމެވެ.
ކިތަންމެ މަތީ މަޤާމެއްގައި ހުރި ނަމަވެސް ފުރިހަމަ އީމާންތެރިއެއްގެ ކިބައިން ނޫނީ މައުލޫމާތު ނުހޯދުމެވެ. މާތް ﷲ އަށް ބިރުވެތިވެ މާތް ﷲ ގެ އެންގެވުންތަކަށް އަމަލު ނުކުރާ މީހުން ދައްކާ ވާހަކަ ޤަބޫލު ނުކުރުމެވެ. މާތް ﷲ ނަހީ ކުރެއްވެވި ކަންކަމަށް އަރައިގަންނަ މީހުންނާއި އެއްގޮތަކަށްވެސް ކައިރި ނުވުމަށެވެ. ބަލަންޖެހޭނީ މީހުން ދައްކާ ވާހަކައަކަށް ނޫނެވެ. އެމީހާގެ އަމަލުތަކަށެވެ. މާޒީގައި އެމީހާ ކޮށްފައި ހުރި ކަންކަމަށެވެ.
ޞަޙީޙް ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. ޢިލްމު ގެއްލިގެންދާނެކަމެވެ.
ދެން ވާނީ ކިހިނެއްހެޔެވެ؟ މުޖުތަމައުގައި ތިބޭ ޖާހިލުންނަކީ ތަންދޮރުދަންނަ ބައެއްގެ ގޮތުގައި މީސްތަކުން ބަލައިގަންނާނެއެވެ. އެމީހުން ދޭ ލަފައާއި އެއްގޮތަށް އަމަލުކުރަން ފަށާނެއެވެ. އެއީ ޖާހިލުން ކަމަށްވާއިރު އެމީހުންނަށް ދެވޭނީ ކޮން ރަނގަޅު ލަފައެއް ހެއްޔެވެ؟
ނަތީޖާއަކަށްވެގެންދާނީ އެމީހުންދޭ ޖާހިލު ލަފާގެ ސަބަބުން މީސްތަކުން އިތުރަށް މަގުފުރެދި ޖާހިލުވަމުން ދިއުމެވެ.
- މުފްތީ މެންކުގެ ދަރުސަކުން -