ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޔުނައިޓެޑް ކަޓުވާލައި ސެވިއްޔާ ކުއާޓާއަށް

ކިޔުމަށް ހޭދަވާނީ 1މ 59ސ
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޔުނައިޓެޑް ކަޓުވާލައި ސެވިއްޔާ ކުއާޓާއަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފަހު ލެގުގައި މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައި މުބާރާތުގެ ކުއާޓާ ފައިނަލަށް ސެވިއްޔާ ދަތުރުކޮށްފިއެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު ފަހު ލެގުގެ މެޗުން ސެވިއްޔާ މޮޅުވީ 1-2 ގެ ނަތީޖާއިންނެވެ. ސެވިއްޔާގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެހެންވުމުން، މުބާރާތުގެ ކުއާޓާއަށް ސެވިއްޔާ ދަތުރުކުރީ ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން 1-2 އުން ކުރި ހޯދައިގެންނެވެ.

އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ފުރަތަމަ ހާފު ނިމުނުއިރު، ދެވަނަ ހާފުގެ ވެސް ފުރަތަމަ 30 މިނެޓު ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މެޗުގެ 75 ވަނަ މިނެޓުގައި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ސެވިއްޔާއަށް ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވިއްސަމް ބެން ޔެޑާއެވެ. އޭގެ ހަތަރު މިނެޓު ފަހުން ސެވިއްޔާއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ލީޑު ފުޅާކޮށްދިނީ ވެސް ވިއްސަމް ބެން ޔެޑާއެވެ. މެޗުގައި ފެނިގެން ދިޔަ ޔުނައިޓެޑްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 84 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫއެވެ.

މި މެޗުގައި ޔުނައިޓެޑްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް ދަށް ކުޅުމެކެވެ. އެ ގޮތުން، ޓްރާންސްފާ ބާޒާރުތަކުގައި ބޮޑެތި ޚަރަދުތަކެއްކޮށްގެން ޔުނައިޓެޑަށް ގެނެސްފައިވާ އަލެކްސިސް ސަންޗޭޒާއި ޕައުލް ޕޮގްބާ ފަދަ ކުޅުންތެރިންގެ ފަރާތުން ސެވިއްޔާގެ ގޯލަށް ރަނގަޅު ނުރައްކާތަކެއް ކުރެވުނު ތަނެއް ނުފެނެއެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ކުޅުނު އަނެއް މެޗުން ރޯމާ ވަނީ 0-1 ގެ ނަތީޖާއިން ޝަކްތަރު ޑޮނެސްކްގެ މައްޗަށް ކުރި ހޯދައިފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ރޯމާއަށް ކާމިޔާބުކޮށްދިނީ އެޑިިން ޒެކޯއެވެ. ޝަކްތަރުގެ ދަނޑުގައި މި ދެ ޓީމު ބައްދަލުުކުރި ފުރަތަމަ ލެގު ނިމުނީ 1-2 ގެ ނަތީޖާއިން ޝަކްތަރު މޮޅުވެގެންނެވެ. އެހެންވުމުން، ދެ ލެގުގެ އެގްރިގޭޓް ނަތީޖާ 2-2 އުން ދެ ޓީމު އެއްވަރުވިއިރު، މުބާރާތުގެ ކުއާޓާ ފައިނަލަށް ރޯމާ ދަތުރުކޮށްފައިވަނީ އަވޭ ގޯލުން ކުރި ހޯދައިގެންނެވެ.

ސެވިއްޔާއާއި ރޯމާގެ އިތުރުން މުބާރާތުގެ ކުއާޓާއަށް ދަތުރުކޮށްފައިވަނީ، މެންޗެސްޓާ ސިޓީ، ޔުވެންޓަސް، ލިވަޕޫލް، އަދި މިދިޔަ ދެ އަހަރުގެ ވެސް ޗެމްޕިއަން ރިއާލް މެޑްރިޑެވެ.


މިއަދު އޮންލައިން