މެސީގެ މޮޅު ކުޅުމާއެކު ޗެލްސީ ބަލިކޮށް ބާސާ ކުއާޓާއަށް
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފަހު ލެގުގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ މޮޅު ކުޅުމާއެކު ޗެލްސީ ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ބާސާ ދަތުރުކޮށްފިއެވެ.
ބާސެލޯނާގެ ކޭމްޕް ނައު ދަނޑުގައި ކުޅުނު ފަހު ލެގުގެ މެޗު ބާސާއިން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއިންނެވެ. ޗެލްސީގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 ގެ ނަތީޖާއިންނެވެ. އެހެންވުމުން، މުބާރާތުގެ ކުއާޓާއަށް ބާސާ ދަތުރުކުރީ ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން 1-4 އުން ކުރި ހޯދައިގެންނެވެ.
މެޗު ފަށައިގެން ފުރަތަމަ ތިން މިނެޓުގެ ތެރޭގައި ބާސެލޯނާއިން ވަނީ ލަނޑެއް ޖަހައި، މެޗުގެ ލީޑު ނަގައިފައެވެ. ބާސާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މެސީއެވެ. ލުއިސް ސުއަރޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުން ޗެލްސީގެ ޕެނަލްޓީ އޭރިއާގެ އަރިމަތިން މެސީ މި ލަނޑު ކާމިޔާބުކޮށްފައިވާއިރު، ޗެލްސީގެ ޑިފެންސް ލައިންގެ ފަރާތުން ގޯސްތަކެއް ހެދުނުކަން ފާހަގަވިއެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި މެސީ ކާމިޔާބުކުރި 99 ވަނަ ލަނޑެވެ.
މެސީގެ ލަނޑަށް ފަހުގައި، ޗެލްސީން ބޮޑަށް ކުރިއަށް ޖެހިގެން ބާސާގެ ޑިފެންސަށް ނުރައްކާކުރަން ފެށިއެވެ. އެ ގޮތުން، ޗެލްސީގެ ވިލިއަންއާއި، ވިކްޓަ މޮސެސްއާއި، އޮލިވާ ޖިރޫގެ އިތުރުން އެޑެން ހަޒާޑަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ. އެހެން ނަމަވެސް، ޗެލްސީގެ އެޓޭކިން ލައިންގެ ނުރައްކާތައް ނާކާމިޔާބުކޮށްލުމުގައި ބާސާގެ ކީޕަރު ޓާ ސްޓެގަންއާއި ޑިފެންސް ލައިންގެ ކުޅުންތެރިންގެ ހުޝިޔާރުކަން ފެނިގެން ގޮސްފައިވެއެވެ.
ޗެލްސީން މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް، މެޗުގައި 20 ވަނަ މިނެޓުގައި ލިބުނު ކައުންޓާ އެޓޭކެއްގައި ބާސާއިން ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ލީޑު ފުޅާކޮށްފައެވެ. ބާސާގެ ޒުވާން ހުނަރުވެރި ކުޅުންތެރިޔާ އޮސްމާނޭ ޑެމްބެލޭ ކާމިޔާބުކުރި މި ލަނޑު ކާމިޔާބުކޮށްފައިވަނީ މެސީ ތަނަަވަސްކޮށްދިން ފުރުސަތަކުންނެވެ. މިއީ މިދިޔަ ހޫނު މޫސުމުގެ ބާޒާރުގައި ބޮރުޝިއާ ޑޮޓްމަންޓުން ބާސާއަށް ބަދަލުވި ޑެމްބެލޭ، ބާސާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
ޑެމްބެލޭގެ ލަނޑަށްފަހުގައި ވެސް، މެޗުގެ ނަތީޖާ އަނބުރާލުމަށް ޗެލްސީން ވަނީ އަލުން ކުރިއަށް ޖެހިގެން ބާސާގެ ގޯލަށް ނުރައްކާކޮށްފައެވެ. އޭގެ ތެރެއިން، ޗެލްސީގެ މާކޯ އަލޮންސޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން، ލަނޑެއް ކާމިޔާބުކުރުމަށް ރަނގަޅު ހިސާބަކުން ޗެލްސީއަށް ވަނީ ހިލޭ ޖެހުމެއް ވެސް ލިބިފައެވެ. އެހެން ނަމަވެސް، ޗެލްސީގެ އަލޮންސޯ ފޮނުވާލި މި ޖެހުން އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ޗެލްސީގެ ފަރާތުން ވަނީ އެޓޭކިން ކުޅުމެއް ފެނި، ޗެލްސީން ވަނީ ލަނޑެއް ކާމިޔާބުކުރުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެހެން ނަމަވެސް، ޗެލްސީގެ އޮލިވާ ޖިރޫއާއި އަލޮންސޯއާއި ފެބްރެގަސްއަށް ލިބުނު މި ފުރުސަތުތަކުގެ ބޭނުން ވަނީ ރަނގަޅު ގޮތުގައި ނުހިފިއެވެ.
މެޗުގެ 63 ވަނަ މިނެޓުގައި ބާސާގެ ތިންވަނަ ލަނޑު ވެސް ކާމިޔާބުކުރީ މެސީއެވެ. ލުއިސް ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން މެސީ މި ލަނޑު ވެސް ކާމިޔާބުކޮށްފައިވަނީ ފުރަަތަމަ ލަނޑެކޭ އެއްފަދައިން ޗެލްސީގެ ޕެނަލްޓީ އޭރިއާގެ އަރިމަތިން ފޮނުވާލި ރީތި ހަމަލާއަކުންނެވެ. މެސީ ކާމިޔާބުކުރި މި ލަނޑަކީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ކާމިޔާބުކުރި 100 ވަނަ ލަނޑެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފަހު ލެގުގައި ރޭ ބަޔާން މިއުނިޗްއާއި ބެސިކްޓަސް ބައްދަލުކުރި މެޗު ނިމުނީ 1-3 ގެ ނަތީޖާއިން ބަޔާން މޮޅުވެގެންނެވެ. މި މެޗުގައި ބަޔާންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ތިއާގޯ އަލްސާންތަރާއާއި، ސަންޑްރޯ ވަގްނާގެ އިިތުރުން ބެސިކްޓަސްގެ ގޯޚާން ގޯނޫލްގެ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. މެޗުގައި ފެނިގެންދިޔަ ބެސިކްޓަސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ވާގްނާ ލަވްއެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 0-5 ގެ ނަތީޖާއިން ބަޔާން މޮޅުވެގެންނެވެ. އެހެންވުމުން، މުބާރާތުގެ ކުއާޓާއަށް ބަޔާން ދަތުރުކުރީ ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން 1-8 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.
ބާސެލޯނާއާއި ބަޔާންގެ އިތުރުން ޗެމްޕިއަންސް ލީގުގެ ކުއާޓާއަށް ދަތުރުކޮށްފައިވަނީ، ސެވިއްޔާ، ރޯމާ، މެންޗެސްޓާ ސިޓީ، ޔުވެންޓަސް، ލިވަޕޫލް، އަދި މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ރިއާލް މެޑްރިޑެވެ. މުބާރާތުގެ ކުއާޓާގައި ކޮންމެ ޓީވެއް ވެސް ބައްދަލުކުރާނެ ޓީމެއް ނިންމާނީ ގުރުއަތު ނެގުމަށް ފަހުއެވެ.