އިޓަލީ ލީގުގައި 0-2 ގެ ނަތީޖާއިން އެޓަލާންޓާ ބަލިކޮށް، ލީގު ތާވަލުގެ އެއްވަނައިގައި ޔުވެންޓަސްއަށް ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ޔުވެންޓަސް ލީޑު ނަގައިދިނީ މެޗުގެ 29 ވަނަ މިނެޓުގައި ގޮންޒާލޯ ހީގުއައިންއެވެ. މެޗުގެ 79 ވަނަ މިނެޓުގައި އެޓަލާންޓާގެ ގިއަންލުޗަ މަންޗިނީއަށް ރަތްކާޑެއް ދައްކައި ވަނީ ދަނޑުން ފޮނުވާލައިފައެވެ. ޔުވެންޓަސްގެ ދެވަނަ ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްލައިސް މަަޓުއިޑީއެވެ.
ޔުވެންޓަސްއަށް ލީގުގެ އެއްވަނައިގައި އޮތީ ކުޅުނު 28 މެޗުން 74 ޕޮއިންޓް ލިބިގެންނެވެ. ދެވަނައިގައި އޮތް ނަޕޯލީއަށް 28 މެޗުން ލިބިފައިވަނީ 70 ޕޮއިންޓެވެ. ޔުވެންޓަސްއަށް އެއްވަނައިގައި ހަތަރު ޕޮއިންޓެއްގެ ލީޑެއް ނެގުމަށް މަގުފަހިވެގެން ދިޔައީ ލީގުގައި ނަޕޯލީން އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅުވެވޭ ގޮތް ނުވުމުންނެވެ. ލީގުގައި ނަޕޯލީ އެންމެ ފަހުން ކުޅުނު ދެ މެޗުގެ ނަތީޖާއަށް ބަލާއިރު، ރޯމާ އަތުން 2-4 ގެ ނަތީޖާއިން ބަލިވިއިރު، އިންޓަ މިލާނާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
1990 ވަނަ އަހަރުގައި ނަޕޯލީން އިޓަލީ ލީގު ކާމިޔާބުކުރުމަށްފަހު މިހާތަނަށް ނަޕޯލީއަށް ލީގު ކާމިޔާބުކުރެވިފައިނުވާތީ މި އަހަރުގެ ލީގު ކާމިޔާބުކުރުމަށް ނަޕޯލީން އަންނަނީ ވަރަށް މަސައްކަތްކުރަމުންނެވެ. އެހެން ނަމަވެސް، ނަޕޯލީގެ މި ހުވަފެން ސީދާކުރުމަށް ދެން އޮތީ ވަރަށް އުނދަގޫ މަގެކެވެ. މި ސީޒަންގައި ނަޕޯލީ ޗެމްޕިއަންސް ލީގާއި، ޔޫރޮޕާ ލީގާއި، އިޓަލީ ކަޕުން ވެސް ކާޓާފައިވާތީ މި ސީޒަންގައި ނަޕޯލީއަށް ކާމިޔާބުކުރެވެން އޮތް ހަމައެކަނި މުބާރާތަކީ ވެސް އިޓަލީ ލީގެވެ.
އިޓަލީ ލީގުގެ އެއްވަނައިގައި ޔުވެންޓަސްއިން ހަތަރު ޕޮއިންޓްގެ ލީޑެއް ނެގިއިރު، ޔުވެންޓަސްއަކީ މިދިޔަ ހަ ސީޒަންގައި ވެސް އިޓަލީ ލީގު ކާމިޔާބުކުރި ޓީމެވެ. އަދި މިހާތަނަށް އިޓަލީ ލީގު އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ ވެސް ޔުވެންޓަސްއިންނެވެ. ޔުވެންޓަސްއިން ވަނީ މިހާތަނަށް 33 ފަހަރު އިޓަލީ ލީގު ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން، އިޓަލީ ކަޕްގެ ފައިނަލަށާއި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާ ޔުވެންޓަސްއަށް މި ސީޒަންގައި ތިން މުބާރާތް ވެސް ކާމިޔާބުކުރުމުގެ ފުރުސަތު އަދި އެބައޮތެވެ.