ސަސްޕެންޝަން އަދަބު އުވާލުމުން ޕާކިސްތާނު ސާފު މުބާރާތަށް

ކިޔުމަށް ހޭދަވާނީ 2މ 2ސ
ސަސްޕެންޝަން އަދަބު އުވާލުމުން ޕާކިސްތާނު ސާފު މުބާރާތަށް
ޕާކިސްތާނު ފުޓްބޯލް ފެޑެރޭޝަން (ޕީއެފްއެފް) އާ ދެކޮޅަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާކަމަށްވާ ފީފާއިން އަޅާފައިވާ ސަސްޕެންޝަން އަދަބު އުވާލައިފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފީފާއިން ޕާކިސްތާނާ ދެކޮަޅަށް ސަސްޕެންޝަން އަދަބު ދީފައިވަނީ އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަން، ޕީއެފްއެފްއަށް ތިންވަނަ ފަރާތެއްގެ ބާރު ފޯރުވާތީކަމަށް ބުނެއެވެ. ފީފާއިން މި ގޮތަށް ބުނެފައި އެވަނީ، ޕީއެފްއެފްއާއި ޕީއެފްއެފްގެ ހުރިހާ އެކައުންޓްތަކާ ހަވާލުވުމަށް އެޑްމިނިސްޓްރޭޓިވް ކޮމިޓީގެ މައްޗަށް އެ ޤައުމުގެ ސްޕްރީމް ކޯޓުން ހުކުމްކުރުމާ ގުޅިގެންނެެވެ.

ފީފާގެ ޤަވާއިދުގައިވާ ގޮތުން، ފީފާގެ މެންބަރު ޤައުމެއްގެ މައި ފުޓްބޯޅަ އިދާރާއަށް ފިޔަވަޅު އެޅޭނީ ހަމައެކަނި ފީފާއަށެވެ. އޭގެ އިތުރުން، ފީފާގެ ނިންމުމަކާ މެދު އިސްތިއުނާފަށް ހުށަހެޅޭނީ ފީފާގެ އިސްތުނާފު ކޮމިޓީއަށެވެ. އަދި ފީފާގެ އިދާރީ މަރުހަލާގެ ތެރެއިން ނުނިންމޭ ކަންތައްތައް ކޯޓުގެ މަރުހަލާއިން ގޮތެއް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ސްވިޒަލޭންޑްގައި ހުންނަ އިންޓަނޭޝަނަލް ސްޕޯޓްސް އާބިޓްރޭޝަން ކޯޓަށެވެ.

ފީފާއިން ޕާކިސްތާނާ ދެކޮޅަށް ސަސްޕެންޝަން އަދަބު ދިނުމުން، އެ ސަސްޕެންޝަންގެ މުއްދަތުގައި ޕާކިސްތާނުގެ ޤައުމީ ޓީމަށާއި ޕާކިސްތާނުގެ އެއްވެސް ފުޓުބޯޅަ ކްލަބަކަށް އެއްވެސް ބައިނަލްއަޤްވާމީ ފުޓުބޯޅަ މުބާރާތެއްގައި ބައިވެރިއެއް ނުވެވޭނެއެވެ. އެހެން ނަމަވެސް، ފީފާއިން އެ ސަސްޕެންޝަން އަދަބު އުވާލުމުން ދެން ޕާކިސްތާނުގެ ޤައުމީ ޓީމަށާއި ޕާކިސްތާނުގެ ފުޓުބޯޅަ ކްލަބްތަކަށް ބައިނަލްއަޤްވާމީ ފުޓުބޯޅަ މުބާރާތްތަކުގައި ބައިވެރިވެވޭނެއެވެ. އެހެންވުމާއެކު، އަންނަ ސެޕްޓެމްބަރު މަހުގައި، ބަންްގްލަދޭޝްގައި ބާއްވާ ސާފު ކަޕްގައި ބައިވެރިވާނެކަން ޕީއެފްއެފްއިން ވަނީ އިއުލާންކޮށްފައެވެ.

ސާފު ކަޕަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ މެދުގައި ބާއްވާ އެ ސަރަހައްދުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އިންޑިއާއެވެ. އިންޑިއާއިން ވަނީ މި މުބާރާތް ހަތް ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ. އެންމެ ފަހުން މުބާރާތް ކާމިޔާބުކުރި ޓީމަކީ ވެސް އިންޑިއާއެވެ. އިންޑިއާ ފިޔަވައި އެހެން އެއްވެސް ޤައުމަކަށް އެއް ފަހަރަށްވުރެ ގިނައިން މުބާރާތް ކާމިޔާބުކުރެވިފައެއް ނެތެވެ. މި މުބާރާތް ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 2008 ވަނަ އަހަރުއެވެ. އެ އަހަރު މުބާރާތް ބާއްވާފައިވަނީ ވެސް ރާއްޖޭގައެވެ.
މިއަދު އޮންލައިން