ސްވިޒަލޭންގައި ހުންނަ ޔޫއެފާގެ ހެޑް ކުއާޓަރުގައި މިއަދު ޔޫއެފާ ޗެމްޕިއަންސް ލީގުގެ މި ސީޒަންގެ ކުއާޓާ ފައިނަލްގެ ގުރުއަތު ނެގިއިރު، ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑާއި އިޓަލީގެ ގަދަ ބާރު ޔުވެންޓަސް ކުރިމަތިލާން ޖެހިއްޖެއެވެ.
މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ރިއާލާއި ޔުވެންޓަސް ކުރިމަތިލާން ޖެހުނުއިރު، ފާއިތުވެދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މި ދެ ޓީމު ވަނީ ކުރިމަތިލައިފައެވެ. މިދިޔަ ސީޒަންގެ ފައިނަލްގައި ޔުވެންޓަސްގެ މައްޗަށް ރިއާލްއިން ކުރި ހޯދާފައިވަނީ 1-4 ގެ ނަތީޖާއިންނެވެ. އޭގެ ކުރިން، ޗެމްޕިއަންސް ލީގުގައި 19 ފަހަރު ކުރިމަތިލާފައިވާއިރު، 9 މެޗު ނިމުނީ ރިއާލް މޮޅުގެންނެވެ. 8 މެޗުން ޔުވެންޓަސް މޮޅުވިއިރު، 2 މެޗު ނިމުނީ އެއްވަރުވެގެންނެވެ. އޭގެ އިތުރުން، މިދިޔަ ސީޒަންގެ ފައިނަލް ފިޔަވައި ހުރިހާ ފަހަރެއްގައި މުބާރާތުގެ ނޮކްއައުޓް ބުރުތަކުގައި ރިއާލް ވަނީ ޔުވެންޓަސް އަތުން ކަޓައިފައެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާގައި މެންޗެސްޓާ ސިޓީ ނުކުންނަން ޖެހޭނީ ލިވަޕޫލާ ދެކޮޅަށެވެ. ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ސިޓީން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އިނގިރޭސި ޕްރެމިއާ ލީގުގައި ސިޓީން މިހާތަނަށް ކުޅުނު މެޗުތަކުގައި ބަލިވެފައިވަނީ ވެސް ހަމައެކަނި ލިވަޕޫލް އަތުންނެވެ. އަދި މިއީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި މި ދެ ޓީމު ކުރިމަތިލާ ފުރަތަމަ ފަހަރެވެ.
ކުއާޓާގަައި ސްޕެއިންގެ ގަދަ ބާރު ބާސެލޯނާ ނުކުންނަން ޖެހޭނީ އިޓަލީގެ ރޯމާއާ ދެކޮޅަށެވެ. އަދި ވަރުގަދަ މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލައި މުބާރާތުގެ ކުއާޓާއަށް ދަތުރުކުރި ސެވިއްޔާ ކުޅެންޖެހޭނީ ޖަރުމަނުގެ ގަދަ ބާރު ބަޔާން މިއުނިޗްއާއެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ މެޗުތައް
1. ޔުވެންޓަސް - ރިއާލް މެޑްރިޑް
2. ސެވިއްޔާ - ބަޔާން މިއުނިޗް
3. ލިވަޕޫލް - މެންޗެސްޓާ ސިޓީ
4. ބާސެލޯނާ–- ރޯމާ
ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ފުރަތަމަ ލެގުގެ މެޗުތައް އޮންނާ އަންނަ އޭޕްރީލް މަހުގެ 3 އަދި 4 ވަނަ ދުވަހުގައެވެ. ދެވަނަ ލެގުގެ މެޗުތައް އޮންނާނީ އޭޕްރީލް މަހުގެ 10 އަދި 11 ވަނަ ދުވަހުގައެވެ.
.