ސަޖިދަ އަކީ ކާމިޔާބީގެ ތަޅުދަނޑިއެވެ. ކާމިޔާބީގެ ތަޅުދަނޑިއަކީ ސަޖިދަކަމަށް ބުނެވޭ ސަބަބުތައް ވަރަށް ގިނައެވެ.
ކަމެއް ކާމިޔާބުކުރަން އެދޭމީހާ އަށް އޮތީ މާތް ﷲ ގެ ޙަޟްރަތުން ވާގިއެދުމާއިއެކު ގަދައަޅައި މަސައްކަތްކުރުމެވެ. އިންސާނާއަށް މާތް ﷲ ދެއްވަވާފައިވާ އިޚްތިޔާރުގެ ތެރެއިން މަސައްކަތް ކުރެވިދާނެއެވެ. އެހެނަސް ކިތަންމެ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކަމެއް ކާމިޔާބު ކުރެވޭނީ މާތް ﷲ އެކަމެއް ހިންމަވައިދެއްވެވުމުންނެވެ.
ދުނިޔަވީ ހަމަތަކަށް ބެލި ނަމަވެސް މީހެއްގެ ގާތުން ކަމަކަށް އެދޭނަމަ ސިޓީއެއް ނުވަތަ މެސެޖެއް ފޮނުވުމާއި އެމީހަކާއި ބައްދަލުކޮށް ކައިރީގައި ހުރެގެން ކަމަކަށް އެދުމާއި ވަރަށް ތަފާތުކަން ފާހަގަކުރެވެއެވެ.
އިންސާނާއަށް މާތް ﷲ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތަކީ ސަޖިދައިގައި އޮންނަ ވަގުތެވެ. މާތް ﷲ އެންމެ ބޮޑަށް ލޯބި ކުރައްވަވަނީ ސަޖިދަ ކުރުމަށެވެ. ސަޖިދައިގައި އޮންނަ ވަގުތަަކީ މާތް ﷲ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތު ކަމަށްވާއިރު އެފުރުޞަތުގެ ބޭނުން ހިފައި އެމީހަކު އެދޭ ކަންކަމަށް އެދި ދެންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތުގައި އެތައް ބައިވަރު ކަންތައްތަކެއް ހިމެނެއެވެ. އެހެންކަމާއިއެކުވެސް ޤިޔާމަތް ދުވަހު އިތުރު މާތް ނަބިއްޔާގެ އަރިއަހުގައި ވުމަށް އެދޭނަމަ އޮތީ ވީހައި ގިނައިން ސުންނަތް ނަމާދުތައް ކުރުމެވެ. މިކަމުންވެސް ސަޖިދައިގެ މުހިންމުކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.
މާތް ﷲ އަށް ދަންނަވަންވީ ވަކި ކަމަކަށެއް ނޫނެވެ. އެމީހަކު އެދޭ ނުވަތަ ޙާޞިލުކުރަން ބޭނުން ކޮންމެ ކަމަކަށެވެ. އެއީ ބައްޔެއްގެޝިފާއަށް ނަމަވެސް ތަނަވަސްކަމަށް ނަމަވެސް، ހެޔޮލަފާ ދަރިފަސްކޮޅެއް ބޭނުންވެގެން ނަމަވެސް އަދި ލޯބިވާ އަންބަކު ނުވަތަ ފިރިއަކަށް އެދިނަވެސް މެއެވެ.
ވީހައި ގިނައިން ސަޖިދަކުރާށެވެ. ސަޖިދައިގައި އޮވެ އެމީހަކު ބޭނުންވާ ކަންކަމަށް އެދި ދަންނަވާށެވެ. ވީހައި ގިނައިން ސަޖިދަކުރުމާއި ސަޖިދައިގައި އޮވެ ދުޢާކުރުމަކީ ކާމިޔާބީގެ ތަޅުދަނޑި ކަމަށް ދެކޭށެވެ.
- ލަވް އިސްލާމްގެ ދަރުސަކުން -