ރަޝިއާގައި ބާއްވާ މި އަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތުގެ މެޗުތަކުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ބޭނުންކުރަން ފީފާ ކައުންސިލުން ނިންމައިފިއެވެ.
ވީއޭއާރަކީ މެޗުގައި ހިނގާ ދިޔަ ކަމަކާމެދު މެޗުގެ ރެފްރީންނަށް ސުވާލު އުފެދިއްޖެނަމަ ނުވަތަ ސުވާލު އުފައްދައިފިނަމަ ވީޑިއޯ ރީޕްލޭ ބަލައިގެން މެޗުގައި ހިނގާދިޔަ ކަމަކަށް މެޗުުގެ ރެފްރީން ގޮތެއް ނިންމުމަށް ހަމަޖެހިފައިވާ ވީޑިއޯ ރެފްރީން ސިސްޓަމެކެވެ.
ވޯޯލްޑް ކަޕް މުބާރާތަށް އަލަށް ވީއޭއާރު ތައާރަފުކުރިކަން ރަސްމީކޮށް ފީފާއިން ނިންމުމާ ގުޅިގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ވޯލްޑްކަޕް މުބާރާތަކީ މެޗުތަކުގައި މުހިންމު ނިންމުންތަކެއް ރެފްރީން ނިންމަންޖެހޭ މުބާރާތާއެއްކަމަށާއި މިފަދަ ޒަމާނެއްގައި މެޗެއްގައި ރެފްރީއަށް ހެދުނީ ގޯހެއްތޯ ނުވަތަ ނޫންތޯ މަދު ސުކުންތެއްގެ ތެރޭގައި ބެލެވޭނެ އާލާތްތައް ހުންނައިރު، އެ އާލާތްތައް ބޭނުންކުރަން ރެފްރީންނަށް ދޭން ޖެހޭނެކަމަށެވެ.
ފީފާއިން ވަނީ މިދިޔަ އަހަރުގެ ފީފާ ކްލަބް ވޯލްޑްކަޕް މުބާރާތުގައާއި ފީފާ ކޮންފެޑެރޭޝަން ކަޕްގައި ވެސް ވީއޭއާރު ސިސްޓަމް ބޭނުންކޮށްފައެވެ. މި ސިސްޓަމް މިހާރު ވެސް އިޓަލީ ލީގުގައާއި ޖަރުމަން ލީގުގައާއި އިނގިރޭސި ލީގުގައި ވެސް ބޭނުންކުރަމުންނެވެ. އަދި ސްޕެނިޝް ލީގުގައާއި ފްރެންޗް ލީގުގައި މި ސިސްޓަމް ބޭނުންކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް އެ ދެ ޤައުމުގެ ފުޓުބޯޅަ އިދާރާތަކުން އަންނަނީ ބުނަމުންނެވެ.
ފީފާ ވޯލްޑް ކަޕް ފަށާނީ އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ޤައުމު ރަޝިއާއާއި ސައުދީ އަރަބިއާއެވެ.