ސްޕެނިޝް ލީގުގައި އެތްލެޓިކޯ މެޑްރިޑްއާއި ވިޔަރިއާލް ބައްދަލުކުރި މެޗުން އެތްލެޓިކޯ ބަލިވިއިރު، އެތްލެޓިކޯ ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެގެން ބާސެލޯނާއަށް ލީގުގެ އެއްވަނައިގައި 11 ޕޮއިންޓް ލީޑެއް ނަގައިފިއެވެ.
ވިޔަރިއާލްގެ ދަނޑުގައި ކުޅުނު މެޗުން ވިޔަރިއާލް އަތުން އެތްލެޓިކޯ މެޑްރިޑް ބަލިވީ 1-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އެތްލެޓިކޯއިންނެވެ. އެތްލެޓިކޯއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 20 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެންޓޮއިނޭ ގްރީޒްމަންއެވެ. އެހެން ނަމަވެސް، މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ވިޔަރިއާލްގެ އެނެސް އުނާލް ވަނީ ދެ ލަނޑު ޖަހައި، މެޗުގެ ނަތީޖާ އަނބުރާލައިފައެވެ.
ބާސެލޯނާގެ ދަނޑުގައި ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ މޮޅުވެފައިވަނީ 0-2 ގެ ނަތީޖާއިންނެވެ. ބާސެލޯނާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 8 ވަނަ މިނެޓުގައި ޕަކޯ އަލްސަސާއެވެ. ބާސެލޯނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 30 ވަނަ މިނެޓުގައި ލިއޮނަލް މެސީއެވެ. ބިލްބާއޯއަކީ ބާސެލޯނާގެ މިހާރުގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ކުރިން އިރުޝާދު ދިން ކްލަބެވެ. މެޗަށްފަހު، ވަލްވާޑޭ ބުނީ ބާސެލޯނާގެ އަމާޒަކީ އެއްވެސް މެޗަކުން ބަލިނުވެ ލީގު ނިންމާލުންކަމަށެވެ.
ރޭގެ މެޗުތަކުގެ ނަތީޖާއާއެކު، ލީގު ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތީ ކުޅުނު 29 މެޗުން 75 ޕޮއިންޓް ލިބިގެންނެވެ. ދެވަނައިގައި އޮތް އެތްލެޓިކޯއަށް 29 މެޗުން ލިބިފައިވަނީ 64 ޕޮއިންޓްއެވެ. ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑް އޮތީ ކުޅުނު 29 މެޗުން 60 ޕޮއިންޓް ލިބިގެން ތިންވަނައިގައެވެ.