ޤިޔާމަތް ދުވަހު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް އިތުރު އެކަލޭގެފާނުގެ އުންމަތުގެ މީހުން ވަކިކުރައްވަވަން ވަރަށް ފަސޭހަފުޅުވާނެއެވެ. އެއީ މިއުންމަތުގެ މީހުން ވުޟޫކުރި ގުނަވަންތައް ޤިޔާމަތް ދުވަހު ހުންނާނީ ދިއްލިފައެވެ.
ތިބާގެ ގުނަވަންތައް އިތުރަށް ދިއްލަން ބޭނުން ހެއްޔެވެ؟ ގުނަވަންތައް ތަންކޮޅެއް ބޮޑަށް (މައްޗަށް)، އިތުރަށް ދޮވެލާށެވެ.
ނަމާދު ޞައްޙަވުން ވަނީ ވުޟޫ ފުރިހަމަކުރުމުންނެވެ. ވުޟޫއަކީ ނަމާދުގެ ޝަރުޠުތަކުގެތެރެއިން ޝަރުޠެކެވެ. ނަމާދު ފުރިހަމަވާނީ މި ޝަރުޠު ފުރިހަމަކޮށްގެންނެވެ. ވުޟޫކުރަން ޖެހޭނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވުޟޫކުރެއްވެވި ގޮތަށެވެ. އެކަން ކުރަން ޖެހޭނީ އިތުރު މާތް ނަބިއްޔާ ދަސްކޮށްދެއްވެވި ގޮތަށެވެ.
ވުޟޫގައި ސުންނަތް ކަންތައްތަކާއި ފަރުޟު ކަންތައްތަކެއް އެބަހުއްޓެވެ. ފަރުޟުވެގެންވަނީ މޫނު ދޮވުމާއި ދެއަތް ދެއުޅަބޮށިކައްޓާއިއެކު ދޮވުމާއި ބޮލުގައި ފެންފުހުމާއި ދެފައި ދޮވުމެވެ. އެއީ ވުޟޫ ޞައްޙަވުމުގެ އެންމެ މަދުމިންވަރެވެ.
ބޮލުގައި ފެންލުމަކީ ބޮލުގެ ތަންކޮޅެއްގައި ފެން ފުހެލުމެއް ނޫނެވެ. ބޮލުގައި ފެންފުހުނުކަމަށްވާނީ އަތުގައި ފެންލައި ބޮލުގައި އިސްތަށިފެޅި ހިސާބުން ބޮލުގައި އަތްފުހެމުން ފުރަގަހަށް ގެންދިއުމަށްފަހު އަތް އަނބުރައި ފެށި ހިސާބަށް ގެނައުމުންނެވެ. ބޮލުގައި އެގޮތަށް ފެންލާނީ އެއްފަހަރު ކަމަށެވެ. އެއް ފަހަރު ފެންލުމުން ނިމުނީ ކަމަށެވެ.
ނޭފަތަށް ފެންލާނީ ކަނައަތުންނެވެ. ބާރަށް ފެން ނޯށުން އެތެރެއަށް ދެމުމަށްފަހު ފޮޅައިލާނީ ވައަތުންނެވެ. ރޯދަވެރިން ނޫން މީހުންނެވެ. ރޯދަވެރިން އެގޮތަށް ބާރަށް ފެން ދެމުމެއް ނެތެވެ.
ތިންތިންފަށް ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. 1 ފަހަރު، 2 ފަހަރު ފެންލިޔަސް އެންމެ ރަނގަޅެވެ. އެންމެ ރަނގަޅު ގޮތަކީ 3 ފަހަރު ލުމެވެ. 4 ވަނަ ފަހަރު ފެންލުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއިރުން އެއީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ނުކިޔަމަންތެރިވުމެވެ. އެއީ ކޮށްގެންވާނެ ކަމެއް ނޫނެވެ.
ވުޟޫކުރަން ފަށަނީ ދެއަތް ދޮވުމުންނެވެ. އެހިސާބުން ނިޔަތް ގަނެވިދާނެއެވެ. ނަމަވެސް ވުޟޫގެ ފުރަތަމަ ފަރުޟުކަމަށްވާ މޫނަށްވުރެ (މޫނުގައި ފެންލުމަށްވުރެ) ފަސްކޮށްގެން ނުވާނެއެވެ.
ވުޟޫކުރާއިރު ފެން ޖައްސަން ޖެހޭ ތަންތަނުގައި ފެން ނުޖެހި ހުރެގެން ވުޟޫ ފުރިހަމަ ނުވާނެ އެވެ. ރަނގަޅަށް ފެންލައި ފެން ޖައްސަން ޖެހޭނެ ކަމަށެވެ. "ޙަދީޘްގަ އެބަ އާދޭ ފުންނާބުން ފެން ނުޖެހި ހުންނަ ބައަށް ހަލާކު އެބަހުއްޓޭ. އެހެންވީމާ ހުރިހާ ތަނެއްގައިވެސް ވަރަށް ރަނގަޅަށް ފެން ޖައްސަންވާނެ. އިނގިލިތަކުގައިވެސް ރަނގަޅަށް ފެންޖައްސަންވާނެ. ދެ އިނގިލި ދޭތެރެއަށް އިނގިލި ލައިގެންވެސް ފެން ޖައްސަންޖެހޭނެ."
މިއީ ވުޟޫކުރާނެ ގޮތް އެކުގައި ކިޔައިދިނުމެއް ނޫނެވެ. މިފާހަގަކޮށްލީ ވުޟޫ ކުރުމުގައި ކުރެވޭކަމަށް ފާހަގަކުރެވޭ ބައެއް ކުށް ކަންތައްތަކެވެ.
އުންމަތަށް ބުރައަކަށް ނުވާނެނަމަ ކޮންމެ ނަމާދަށް ދަތް އުނގުޅަން އެންގެވިސްކަމަށް ރަސޫލާ (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވައިފައެވެ. ނަމާދަށް ދަތް އުނުގުޅުމަކީ ސުންނަތްކަން ގަދަ މުޞްތަޙައްބު ސުންނަތެވެ.
- ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސާޢީދު ޤާސިމްގެ ދަރުސަކުން -
ގުޅުންހުރި ވީޑިއޯ: