ތިބާގެ ތިލަފަތް ހެޔޮކޮޅަށް ބަރުވުމުން އުފަލުން ހެވިފަހުއްޓާ ތިލަފަތް ހުސްވެ ނަރަކައަށް ދާންޖެހިދާނެ ކަމަށް ބިރުވެތިވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
ތިބާގެ ތިލަފަތް ހެޔޮކޮޅަށް ބަރުވުމުން އުފަލުން ހެވިފަހުއްޓާ ތިލަފަތް ހުސްވެ ނަރަކައަށް ދާންޖެހިދާނެ ކަމަށް ބިރުވެތިވޭ!
ޤިޔާމަތްދުވަހުގެ މައިދާނުގައި ތިބާގެ ހިސާބުތައް ބެލެވި މިޒާނުގައި ތިބާގެ ތިލަފަތް ހެޔޮކޮޅަށް ބަރުވުމުން ލިބުނު އުފަލުން ހެވިދިލިފަ ހުއްޓާ ތިލަފަތް ލުއިވެ ހުސްވެ އެންމެފަހުން ތިބާއަށް ނަރަކައަށް ދާންޖެހިދާނެ ކަމާއިމެދު ބިރުވެތިވާށެވެ. މިއީ ހަމަ ވަރަށް ގިނަ ބައަކަށް ކުރިމަތިވާނެ ކަމެކެވެ.

ތިމާގެ އަމަލުތައް މީޒާނުގައި ކިރައިލެވޭވަގުތު ތިލަފަތުގައި ބަރުވެގެންދާނީ ތިބާކުޅަ ހެޔޮ އަމަލުތަކުގެ ކޮޅަށެވެ. އެވަގުތު ތިބާ ހުންނާނީ އުފަލުން ފޮޅިފައެވެ. ސުވަރުގެ ވަދެވުނީ ކަމުގެ އުންމީދުގައެވެ.

ދެން ފެންނާނީ ވަށައިގެން މީސްތަކުން އަންނަތަނެވެ. އެމީހުން މާތް ﷲ އަށް ދަންނަވާނެތެވެ. މިނާއަކީ ތިމަންނައަށް މިވެނިކަމެއް ކޮށްފައި ހުރި މީހެކެވެ. ތިމަންނަގެ މުދަލުން ވައްކަންކޮށްފައި ހުރި މީހެކެވެ. ތިމަންނަ ބަދުނާމުކޮށްފައި ހުރި މީހެކެވެ. ތިމަންނަ އާއިމެދު ދޮގު ވާހަކަތައް ފަތުރާފައި ހުރި މީހެކެވެ. ތިމަންނަގެ އަބުރު ކަތިލާފައިވާ މީހެކެވެ. ތިމަންނައަށް ލިބެން އުޅުނު މިވެނި ނިއުމަތަކަށް ހުރަސްއަޅާފައިވާ މީހެކެވެ. ތިމަންނައަށް ޙައްޤު ނޫން މިވެނި މިވެނި އަނިޔާތައް ކޮށްފައިވާ މީހެކެވެ.

މިހެންގޮސް ތިބާގެ ކިބައިން ކިތަންމެ ކުޑަ ނަމަވެސް އަދި ބޮޑު ނަމަވެސް ނިކަމެތިކަމެއް ލިބިފައިވާ އެންމެން ތިބާގެ ކިބައިން ބަދަލުހޯދަން އެދި މާތް ﷲ އަށް ދަނަނަވާނެއެވެ.

އެއިގެތެރެއިން ބައެއް މީހުން ތިބާ ހަނދާންވެސް ނުހުންނާނެއެވެ. އޭނާގެ ހައްޤަކަށް އަރައިގަނެވުނުކަން ވެސް ހަނދާނެއް ނުހުންނާނެއެވެ. އެހެންކަމުން އެއީ ކާކުތޯ އަރަގަތީ އޭނާގެ ކޮން ހައްޤަކަށްތޯ ތިބާ ސުވާލުވެސް ކުރާނެތެވެ. ސުވާލުކުރާ ވަރަކަށް ތިބާއަށް ހަނދާންވަމުންދާނެއެވެ. އޭނާ އެދައްކަނީ ޙައްޤު ވާހަކަތައްކަން ތިބާއަށް ހަނދާން ވަމުންދާނެއެވެ.

ހަނދާންވީމާ އެދުވަހުން ކުރާނީ ކީއްހެއްޔެވެ؟ ހަމަ އެކަކުވެސް މާޢާފެއް ނުކުރާނެއެވެ. ކޮންމެ މީހަކުވެސް ހުންނާނީ ހެޔޮ އަމަލުތައް މަދުވެފައެވެ. އިތުރުވާނެ ގޮތަކަށް އެދިއެދިއެވެ.

(މީސްތަކުންގެ ހައްޤުތަކަށް އެއްވެސް ސިފައެއްގައި އަރައި ނުގަންނަންވީ އެ ސަބަބަށްޓަކައެވެ. އޮޅުމަކުން ނަމަވެސް އަރައިގަނެވިފައިވާނަމަ މިދުނިޔޭގައި މާފަށް އެދޭށެވެ. ދޭންޖެހޭ ބަދަލެއް ދީ ނިންމާށެވެ. ލަދުންނަމަވެސް އެކަން މިދުނިޔޭގައި ނުކޮށްފިނަމަ ފަހަކުން ނުކުރެވޭނެއެވެ.)

އެމީހުންނަށް ދޭންޖެހޭ ބަދަލުތައް ދީ ނިމޭއިރު ތިބާގެ ތިލަފަތް ލުއިވަމުން ގޮސް ހުސްވެދާނެއެވެ. އެހިސާބުން ތިބާއަށް ޖެހޭނީ އެމީހުންގެ ފާފަތައް ބޮލުގައި އަޅަން ފަށާށެވެ. އެ ފާފަތައް އަމިއްލަ ބޮލުގައި އަޅަމުން ގޮސް ތިބާއަށް ޖެހޭނީ އެންމެފަހުން ނަރަކައަށް ވަންނާށެވެ. ކިތައް މިލިއަން ބިލިއަން އަހަރަށްކަން އެނގޭނީވެސް ކިހިނެއް ހެއްޔެވެ؟

މިފަދަ ހާލަތު ކުރިމަތިވާނެ މީހުންގެ މިސާލު ދައްކަވަމުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހަދީޘްފުޅު ކުރައްވަވާފައިވަނީ އެންމެ ބޮޑަށް ބަނގުރޫޓުވެފައިވާ މީހުންނަކީ އެފަދަ މީހުން ކަމަށެވެ.

(ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ތިމާއަށް މާތްﷲ ބާރެއް ދެއްވެވީމާ ހިތަށް އެރި އަމުރެއް ނެރެ މީސްތަކުންނަށް އަނިޔާވެރިވަމުންދާ މީހުންނާއި ގައިގައި ބާރު ހުރީމާ އަނިޔާވެރިވެ ކަންކަން ކުރަމުންގެންދާ މީހުން އަދި މީސްތަކުންގެ އަބުރު ކަތިލައި ހައްޤު ނޫން ބަދުނާމްތައް އަޅުވަމުންދާ މީހުން މި އިން އެއްވެސް ކަމަކަށް ވިސްނައި ނުލާކަން ހާދަ ދެރައެވެ. މިއަދު އިށީނދެ އިނީ ކިތަންމެ ބިޔަ ގޮޑިއެއްގައި ނަމަވެސް މަތިމައްޗަށް 100 ކޯޓު ލައިގެން ހުރި ނަމަވެސް އެދުވަހު ހުންނަން ޖެހޭނީ ހަމަ އެއްވެސް ފޭރާމެއްވެސް ނެތި ދުނިޔެއަށް އުފަންވި ގޮތަށެވެ.)

- ބިލާލް އައްސަދުގެ ދަރުސަކުން -
މިއަދު އޮންލައިން