ރާއްޖޭގައި 45 ވަންދެން ކުރިއަށް ގެންދިއަ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި ސަރުކާރަށާއި ޕީީޕީއެމަށް ރައްޔިތުންގެ ތާއީދު އިތުރުވެފައިވާ ކަމަށާއި އެކަން އެނގެނީ އިދިކޮޅުފަރާތްތަކުން ބޭއްވި ހަރަކާތްތަކަށްވުރެ ގިނަ ގިނަ ބައަކު ޕީޕީއެމުން ބޭއްވި ކަންކަމުގައި ބައިވެރިވުމުން ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުޢިއްޒު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި ވެސް ސަރުކާރުން ހިންގަމުން އައި ތަރައްޤީގެ މަޝްރޫއުތައް ބާރަށް ކުރިއަށް ގެންދެވުނު ކަމަށާއި އަދި ރައްޔިތުންނަށް ފައިދާހުރި އިތުރު މަޝްރޫއުތައްވެސް ފަށާފައިވާ ކަމަށެވެ.
ޑރ. މުޢިއްޒު މިމޭރުމުން ވިދާޅުވި ނަމަވެސް އަލަށް ފެށީ ރައްޔިތުންނަށް ފައިދާހުރި ކޮން މަޝްރޫއުތަކެއްކަން ވިދާޅުވެފައެއް ނުވެއެވެ.
މިއަދުގެ ބައްދަލުވުމުގައި ވެސް ޕީޕީއެމްގެ ނައިބް ރައީސް އަދުރޭ ބުނީ 1 ފެބްރުއަރީގެ ޙުކުމަކީ ޖޫޑިޝަރީގެ ތެރެއިން ސަރުކާރު ވައްޓާލަން ނެރުނު ބަޣާވާތުގެ އަމުރެއް ކަމަށެވެ. ނަމަވެސް އެ އަމުރުގައި ސަރުކާރު ވައްޓާލަން ހިމަނާފައި އޮތީ ކޮން ކަމެއްކަން ވިދާޅުވެފައެއް ނުވެއެވެ.
ޕީޖީ ލީޑަރު އަހްމަދު ނިހާން ވިދާޅުވީ 1 ނޮވެމްބަރުގެ ބަޣާވާތާއި ގުޅިގެން ޕީޖީ އިން ނެރުނު ބަޔާނަކީ ޤާނޫނު އަސާސީން ބާރުލިބޭ މުއައްސަސާއަކުން ނެރުނު ބަޔާނަކަށް ވާތީ ބަގާވާތާއި ގުޅިގެން ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދެއްކި ވާހަކަތަކަށް ޔަޤީންކަން މިހާރު ލިބިފައިވާ ކަމަށެވެ.