ދުނިޔޭގައި އެންމެ އުފަލުގައި އުޅުނު މީހަކު ނަރަކައިގެ އަލިފާނުގައި ޖައްސާލާފައި ނެގުމަށްފަހު އޭނާ އާއި ސުވާލު ކުރި ނަމަވެސް ބުނާނީ ދުނިޔޭގައި ހޯދި އެއްވެސް އުފަލެއްގެ ހަނދާން ވެސް ނެތް ކަމަށެވެ.
މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟ ނަރަކައިގެ އަލިފާނުގެ ހޫނު ގަދަކަމުންނެވެ. އެތަނުގެ ބިރުވެރިކަން ބޮޑުކަމުންނެވެ.
މިއީ މީހަކު ބުނެލާ ވާހަކައެއް ނޫނެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅުން ސާބިތުވާ ކަމެކެވެ.
ދުނިޔޭގައި އުފާތައް ކުރުމުގެ ބޭނުމުގައި މާތް ﷲ ޙަރާމް ކުރެއްވެވިހައި ކަންކަން ކުރަމުން ގެންދާއިރު ޢާޚިރަތް ދުވަހު ނަރަކައަށް ދާން ތިބާއަށް ޖެހިއްޖެ ނަމަ ޖެހޭނެ ހާލާއިމެދު ވިސްނައެއް ނުލަމުއެވެ. މާތް ﷲ ފަރުޟުކުރެއްެވވި ނަމާދާއި އެހެނިހެން އަޅުކަންތައް ނުކޮށް ދޫކޮށްލައި ވަގުތުތައް އުފާކުރުމުގައި ހޭދަކުރަމުން ގެންދާއިރު މިއީ ދާދި އަވަހަށް ނިމިގެން ހިނގައިދާނެ ދުވަސްކޮޅެއް ކަމާއި ދާއިމީ މަންޒިލަކީ ތިމާ މަރުވުމުން ފެށޭ ހަޔާތް ކަމާއިމެދު ވިސްނައެއް ނުލަމުއެވެ.
"އަހަރެން ޝަރީކެއް ނުކުރަމެވެ. ވީވަރަކުން އަޅުކަންވެސް ކުރަމެވެ. ނަރަކައަށް ދާން ޖެހުނު ނަމަވެސް އަހަރެން ސަލާމަތްވާނެއެވެ." ހީކުރާ ބައަކުވެސް އެބައުޅެއެވެ. ތެދެކެވެ. މާތް ﷲ އަށް ޝަރީކު ނުކުރާ ނަމަ، ޝަހާދަތުގެ ދެ ކަލިމަ ދުލުން ކިޔައި އެކަން ޤަބޫލުކުރާނަމަ ކޮންމެވެސް ޒަމާނަކުން ނަރަކައިން ސަލާމަތް ކުރައްވަވާނެތެވެ.
އެހެން ނަމަވެސް އެއީ ކިތައް ބިލިއަން އަހަރު ފަހުންކަން އެނގެނީ ކާކަށް ހެއްޔެވެ؟ ފަށަމުން މި ބަޔާންކުރީ ނަރަކައިގެ އަލިފާންގަނޑުގައި ޖައްސާލާފައި ނެގުނު މީހާގެ ވާހަކައެވެ. ވީއިރު ދެން އިތުރަށް ތިބާ އަމިއްލައަށް ވިސްނައިލުން ރަނގަޅުވާނެއެވެ. ވަގުތު ފާއިތުނުވަނީހެވެ.
- ޝައިޚް ބިލާލް އައްސަދުގެ ދަރުސަކުން -