ނަރަކައަށް ލާންޖެހޭ ކަމަށް މަލާއިކަތް ބޭކަލުންނަށް ޤަބޫލުފުޅު ކުރެއްެވެވޭ ބައަކު މާތް ﷲ ހުއްޓުވާނެތެވެ. އެއިގެތެރޭގައި ރޯދަވެރިން ހިމެނެއެވެ.
ފަރުޟު ރޯދަ ނަމަވެސް ސުންނަތް ރޯދަ ނަމަވެސް އިޚްލާޞްތެރިކަމާއިއެކު ހިފާ އަޅުންނަށް ދެއްވަވާނެ ސަވާބު ކަނޑައަޅުއްވަވަނީ މާތް ﷲ އެވެ. މަލާއިކަތް ބޭކަލުންނަށްވެސް އެކަން އެނގިވަޑައެއް ނުގަންނަވައެވެ.
އެންމެ ފަހު ވަގުތު ތިބާ ނަރަކައަށް ގެންދިއުމަށް މާތް ﷲ ހުރަސްއަޅުއްވަވާނެތެވެ. ނަރަކައަށް ގެންދިއުން ހުއްޓުވާނެތެވެ. ތިބާ އިޚްލާޞްތެރިކަމާއިއެކު ހިފި ރޯދައިގެ ސަބަބުންނެވެ. ރޯދަވެރިންނަށް ދެއްވަވަން ހުރި ސަވާބުގެ ސަބަބުން ހެޔޮކަމުގެ ތިލަފަތް އިންތިހާއަށް ބަރުވެގެންދަނީއެވެ. މިއީ ރޯދަވެރިންނަށް ހުރި ކޮންފަދަ ބޮޑު ނިއުމަތެއް ހެއްޔެވެ؟ ކޮން ފަދަ ބޮޑު ރަޙްމަތެއް ހެއްޔެވެ؟
ޤިޔާމަތް ދުވަހު މީސްތަކުންގެ މޫނުގެ ކުލަވަރު ބަދަލުވަމުންދާނެއެވެ. ނަރަކައިން ސަލާމަތް ވެވިދާނެ ކަމުގެ އުންމީދު ލިބުމުން މޫނުތައް އުޖާލާވެގެންދާނެއެވެ. ނަރަކައަށް ދާންޖެހިދާނެކަމަށް ހީވުމުން މޫނުގެ ސިފަ ބިރުވެރިވެގެންދާނެއެވެ.
ލޮބުވެތި އަޚުންނޭވެ. މިދުނިޔޭގައި ތިބާގެ ފުދުންތެރިކަން ހުރިވަރަކުން އަގު ބޮޑު ސެންޓު ޖަހަމުއެވެ. މީރުވަސް ދުއްވުމަށެވެ. އެއީ ސުންނަތެއްވެސް މެއެވެ. ނަމަވެސް ހަގީގީ ހުވަދަކީ ތިބާގެ ގައިގައި ޤިޔާމަތް ދުވަހު ލެވޭ ހުވަނދެވެ. ޤިޔާމަތް ދުވަހުން ތިބާގެ ގައިގައި ލެވޭ ހުވަނދަކަށްވާނީ ތިބާ ކުޅަ ހެޔޮ އަމަލުތަކެވެ. މާތް ﷲ ގެ ދަރުބާރުގައި ތިބާ ޙާޒިރުވެ ހުންނައިރު ގައިން މީރުވަސް ދުއްވަން ބޭނުންނަމަ ހެޔޮ އަމަލުތައް ކުރުން ގިނަކުރާށެވެ. އެކަން ކުރެވޭނީ މިދުނިޔޭގައެވެ.
ހެޔޮ އަމަލުތައް ކުރުމުގައި އިޚްލާޞްތެރިވުމަށާއި މާތް ﷲ އެންގެވި ފަދައިން ކަންކަން ކުރަން ޚާއްޞަ ސަމާލުކަމެއް ދޭށެވެ. ނޫންނަމަ ވެގެންދާނެ ގޮތް އެނގޭ ހެއްޔެވެ؟ ތިބާ އާޚިރަތަށް ދާނީ ހެޔޮ އަމަލުތަކުގެ ފުނިތަކެއް ހިފައިގެންނެވެ. ނަމަވެސް އެ ހުރިހާ އަމަލުތައް ހިރަފުސް ފަދައިން ބުރައިގެންދާނެއެވެ. ކީއްވެގެން ހެއްޔެވެ؟ އެއަމަލުތައް ކުރިއިރު ތިބާގެ ހިތުގައި އިޚްލާޞްތެރިކަމެއް ނެތުމުންނެވެ.
ޞަދަޤާތް ކުރުމުގައިވެސް އޮތީ މިގޮތެވެ. ދެއްކުންތެރިކަމާއި އެނޫންވެސް ނުރަނގަޅު ނިޔަތުގައި ކުރާ ޞަދަޤާތަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެހެން މީހަކަށްވުރެ ދީލަތިކަން ބޮޑުކަން ދައްކަން ކުރާ ހޭދައިން ލިބޭނެ އެއްވެސް ސަވާބެއް ނެތެވެ. ހަމަ ދާނީ ވަޔަށް ބުރައިގެންނެވެ. ތިބާގެ ކިބައިގައި މާތް ﷲ އަށް އެއްވެސް އިޚްލާޞްތެރިކަމެއް ނެތުމުންނެވެ.
- ޝައިޚް ބިލާލް އައްސަދުގެ ދަރުސަކުން -