އަލިފާނުގެ މިވަޅަށް ތިބާ ވެއްޓުން ހުއްޓުވޭނީ ހަމަ ތިބާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
އަލިފާނުގެ މިވަޅަށް ތިބާ ވެއްޓުން ހުއްޓުވޭނީ ހަމަ ތިބާއަށް!
ތިބާއަށް މުއްސަނދިކަމާއި ރަސްކަން ލިބިފައިވާނަމަ ކިތަންމެ ބޮޑު ގަނޑުވަރެއްގައިވެސް އުޅެވިދާނެއެވެ. ތިމާގެ ހިމާޔަތުގައި ކިތަންމެ ގިނަ ސެކިޔުރިޓީން ބައިތިއްބައިގެންވެސް އުޅެވިދާނެއެވެ. ނަމަވެސް ތިމާއަށް ތިއަ ހުރެވެނީ ހަމަ ގަދަފަދަ އަޒާބާއި އަލިފާނުގެ ތުންފަތްމަތީގައެވެ.

މާތް ﷲ އެކަމަށް ކަނޑައަޅުއްވަވާފައިވާ ވަގުތު ޖެހުމުން އަލިފާނުގެ މިވަޅަށް ތިބާ ވައްޓާލުމަށް އެންމެ ކުޑަމިނުން ކޮއްޕައިލާކަށް ވެސް ނުޖެހެއެވެ. ތިބާގެ ނޭވާގެ އަދަދު ހަމަވުމުން ޖެހޭނީ ހަމަ ވެއްޓޭށެވެ. ނުވެއްޓުމަށްޓަކައި ގައިގައި ކިތަންމެ ގިނަ ޗޭނުތަކެއް ޖަހައިގެން ހުރި ނަމަވެސް ޗޭނުތަކަށް ޖެހޭނީ ހަމަ ކެނޑިގެންދާށެވެ. ތިބާ އަށް އޮންނަން ޖެހޭނީ ހަަމަ މިއަލިފާނުގެ ވަޅުގެ ފުލުގައެވެ.

އަލިފާނުގެ މިވަޅަށް ނުވެއްޓި ތިބާއަށް ސަލާމަތް ވެވެން އެބައޮތެވެ. ޗޭނު ޖަހާކަށް ވެސް ނުޖެހެއެވެ. ސެކިޔުރިޓީންނެއް ވެސް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ހަމައެކަނި އިޚްލާޞްތެރިކަމެވެ. މާތް ﷲ އެންގެވި ގޮތުގައި އަމަލުތައް ބެހެއްޓުމެވެ. އަނިޔާވެރި ނުވުމެވެ. ޢަދުލުވެރިވުމެވެ.

މިކަންކަން ކީރިތި ޤްރްއާނުން ވަރަށް ރަނގަޅަށް އެނގެން އޮތް އިރުވެސް ތިމާއަށް ބާރެއް ލިބުމުން މާތް ﷲ ގެ އާޔަތްތައް މަތިން ހަނދާން ނެތިގެންދިއުން ޢާންމުވެއްޖެއެވެ.

އަނިޔާވެރިކަން އިތުރުވެ ހައްދުފަހަނައަޅައިފިއެވެ. ޤަބޫލުކުރެވެނީ ތިމާއަށް ލިބިފައިވާ ބާރުތައް ދުވަހަކުވެސް ގެއްލިގެން ނުދާނެ ކަމަށެވެ.

ތިމާއަށް ބާރުތައް ދެއްވެވީ މާތްﷲ ކަމާއި އެއީ އެނިއުމަތްތައް ދެއްވެވި މާތް ﷲ ބޭނުންފުޅުވެވޮޑިގެންނެވި ކޮންމެ ވަގުތަކު ނިގުޅުއްވަވައިގެންފާނެ ކަމެއްކަން ހަނދާނެއްވެސް ނުހުރެއެވެ.

މިއީ ވަޅެއްގެ މިސާލެވެ. ވިސްނަންވީ މަރުވާނެ ކަމާއިމެދުގައެވެ. ކައްވަޅާއިމެދުގައެވެ. ކައްވަޅަށް ނުގޮސް ހުރެވުނު ހަމައެކަކުވެސް އުފަންވެފައި ނުވާ ކަމާއިމެދުގައެވެ. ބަރުޒަޚުގެ ޢާލަމުގައި ހޭދަކުރަންޖެހޭނެ ދުވަސްތަކަށެވެ. ބިރުވެތިވާންވީ އާޚިރަތް ދުވަހަށާއި ނަރަކައަށެވެ.
މިއަދު އޮންލައިން