ކިތަންމެ ގިނަ ހެޔޮ އަމަލުކުރި ނަމަވެސް ހިތުގަ ހަސަދަވެރިކަން ބާއްވާނަމަ ޤިޔާމަތްދުވަހު ކުރާނެ ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ކިތަންމެ ގިނަ ހެޔޮ އަމަލުކުރި ނަމަވެސް ހިތުގަ ހަސަދަވެރިކަން ބާއްވާނަމަ ޤިޔާމަތްދުވަހު ކުރާނެ ފައިދާއެއް ނެތް!
ބައެއް މީހުން އާޚިރަތް އެދިގެން ވަރަށް ގިނަ ހެޔޮ އަމަލުތައް ކުރެއެވެ. އަޅުކަމުގައި ވަގުތުތައް ހޭދަކުރެއެވެ. ޞަދަޤާތްވެސް ދެއެވެ. ނަމަވެސް އަބަދުވެސް ކޮންމެވެސް ކަމަކާއި ހެދި ކޮންމެވެސް މީހަކާއި ހަސަދަލައިގެން އުޅޭނަމަ އެމީހާ ކުރާ ހެޔޮ އަމަލުތަކުން އެމީހަކަށް ޤިޔާމަތް ދުވަހު ކުރާނެ އެއްވެސް ފައިދާއެއް ނެތްކަމަށް ބުނެވިދާނެއެވެ.

މިގޮތަށް ބުނަންޖެހެނީ ހަސަދވެރިކަމަކީ މީހާގެ ހެޔޮ އަމަލުތައް، އަލިފާންގަނޑު ދަރުގަނޑު ކައިލާ އުޞޫލުން ކައިލާއެއްޗެއްކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅުން އެނގެން އޮތުމުންނެވެ.

ހަސަދަވެރިކަމަކީ ކޮބައި ހެއްޔެވެ؟ ޙަސަދަވެރިކަމަކީ އެންމެ އާދައިގެ ގޮތަކަށް ބުނާނަމަ ތިމާއަށް ލިބެން އެދޭކަންކަން އެހެން މީހަކަށް ލިބެން ނުއެދުމެވެ. ނުވަތަ އެހެން މީހަކަށް މާތް ﷲ ދެއްވަވާފައިވާ ނިޢުމަތްތައް އޭނާއަށް ލިބިފައިވާތީ އެކަމަށް ނަފުރަތުކުރުމެވެ.

އެހެން މީހުންނަށް ލިބިފައިވާ ނިއުމަތްތަކަށް ހަސަދަވެރިވެވުމުން ބައެއް ފަހަރު އެމީހުންގެ ކިބައިން އެ ނިއުމަތްތައް ނިގުޅައިގަތުމަށް ތިބާގެ ހިތުގައި ޝައުޤުވެރިކަން އުފެދެއެވެ. އެފަދަ މީހުންނާއިމެދު ދޮގު ވާހަކަތައް ފަތުރަމުއެވެ. އެހެންމީހުންގެ ހިތްތަކުގައި ނަފުރަތު އުފައްދުވަން މަސައްކަތްކުރަމުއެވެ. މިއީ ހައްތާވެސް ހަސަދަވެރިކަމުގެ ސަބަބުން ކުރެވޭ ކަންކަމެވެ.

ވިސްނާށެވެ. ޤިޔާމަތް ދުވަހަކީ ދަރިން އެމީހުންގެ މައިންބަފައިންގެ އަތުން ނަމަވެސް އަދި މައިންބަފައިންނަށް ަދަރިންގެ އަތުން ނަމަވެސް އެންމެ ސަވާބެއް ހޯދެން އޮތް ނަމަވެސް އެ ސަވާބެއް ދަމައިގަންނާނެ ދުވަހެވެ. އެ ސަވާބު ލިބިގަތުމަށް މާތް ﷲ ގެ ޙަޟްރަތުގައި ޝަކުވާ ކުރާނެ ދުވަހެވެ.

ހަސަދަވެރިވެގެން މިއަދު ތިކުރާ ކަންތައްތަކަށް އެދުވަހުން ތިބާ ބަދަލުދޭނީ ކިހިނަކުން ހެއްޔެވެ؟

ހަސަދަވެރިކަން ހިތުގައި ނުބާއްވައި ދުނިޔޭގައި އުޅުނު މާތް މީހުން، ޞަހާބީން އެދުވަހުވެސް އެކަކު އަނެކަކާއި ބައްދަލުވުމުން އުފައުކޮށް މަރުހަބާކިޔާނެއެވެ. ތިމާއަށް މާތް ﷲ ދެއްވެވި މިންވަރުގެ މައްޗަށް ފަޚުރުވެރިވާނެއެވެ. އެމީހުން އަވަސްވެގަންނާނީ ސުވަރުގޭގެ ދޮރުކޮޅު ކައިރިއަށް އަވަހަށް ދިއުމަށެވެ. އިންތިޒާރުކުރާނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަޑައިގަތުމުން ދޮރުކޮޅު ހުޅުވޭވަގުތަށެވެ. ފަހަތްޕުޅުން ސުވަރުގެ ވަނުމަށެވެ.

(ތަފާތު ބޭނުންތަކަށް އެކަކު އަނެކެއްގެ ދޮގު ވާހަކަތައް ދައްކައި އަބުރު ކަތިލައި މީސްތަކުންގެ ހިތްތަކުގައި އަނެކުންގެ މައްޗަށް ނަފުރަތު އުފައްދުވަމުން ގެންދާއިރު ޤިޔާމަތް ދުވަހު ތިމާއަށް ކުރިމަތިލާންޖެހޭނެ ޙާލަތަށް ވިސްނައިލާނެ ނަމައެވެ.)

- ޝައިޚް ބިލާލް އައްސަދުގެ ދަރުސަކުން -
މިއަދު އޮންލައިން