މުސައްލަމަތީގައި އިށީނދެއިނދެ ތިބާއާއި ތިބާ އެމީހަކަށް ދޭ އަނިޔާތަކާއިމެދު ކަރުނައަޅަންޖެހޭ ވަރަށް އެއްވެސް މީހަކަށް އަނިޔާ ނުކުރާށެވެ!
އަނިޔާ ލިބެމުންދާ މިހާ ދުޢާއަކީ މާތް ﷲ އިޖާބަ ނުކުރައްވައި ދޫކޮށްލައްވަވާނެ ދުޢާއެއް ނޫނެވެ. ވަގުތުން އިޖާބަ ނުކުރެއްވެވުމަކީ އަނިޔާ ލިބިގެންވާ މީހާގެ އަޑު މާތް ﷲ އައްސަވައި ވޮޑިގެން ނުވާކަމުގެ ހެއްކެއް ނޫނެވެ. އެގޮތަށް ހީވެސް ނުކުރާށެވެ.
އަނިޔާ ލިބޭ މީހާ ކުރާ ދުޢާ މާތް ﷲ އިޖާބަކުރެއްވެވިކަން އަނިޔާކުރާ މީހާއަށް އަންގަވާ ވަގުތަކީ ނުވަތަ ދުޢާ އިޖާބަ ކުރައްވަވާ ވަގުތަކީ ތިބާ އެކަމަށް އެންމެ ހިތް ނުއެދޭނެ ވަގުތު ކަމަށްވެދާނެއެވެ.
މިސާލަކަށް ތިބާއަށް އެންމެ ބޭނުންވާ ވަޒީފާ ލިބޭ ވަގުތު އެވަޒީފާ ގެއްލިގެން ނުދާނެ ކަމަށް ހީނުކުރާށެވެ. ތިބާގެ މުއްސަނދިކަން އިތުރުވެފައިވަނިކޮށް ދިމާވާ ސަބަބަކާއިހުރެ ތިބާ ފަޤީރު ނުވެދާނެ ކަމަށް ވެސް ހީނުކުރާށެވެ. އަދި އަނބިމީހާ ހިތްދަތިކޮށް ވަރިކޮށްލުމަށްފަހު ތިބާ އިންތިހާއަށް ލޯބިވެގެން ކުރާ ކައިވެނީގައި އެއްވެސް އުފަލެއް ލިބިގެން ހިނގައިދާނެކަމަށް ވެސް ހީނުކުރާށެވެ.
މިއީ ދުނިޔެއިން އެތައް މިލިއަން ފަހަރަކު ފެނި ކުރެވިފައިވާ ތަޖުރިބާތަކެވެ. އެހެންކަމުން ތިމާ އުފަލުގައި އުޅެން ބޭނުންނަމަ އެހެން މީހުންގެ ހިތް ދަތިކޮށް އަނިޔާ ނުކުރާށެވެ. އުފާވެރިކަމަކީ ހަމަ އެންމެންގެ ވެސް ޙައްޤެކެވެ. ތިމާ އުފަލުގައި ދިރިއުޅެން ބޭނުންނަމަ އެކަން ޤަބޫލުކޮށްގެން ދިރިއުޅޭށެވެ.