ދުނިޔެ ހޯދަން އަބަދު މަސައްކަތްކުރީމާ އެޖެހެނީ މީދާ ރޭހެކެވެ. އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ މިދާ ރޭހަކުން މޮޅުވި ނަމަވެސް ވާނީ ހަމަ މީދަލަކަށެވެ.
ދުނިޔެ ހޯދަން އަބަދު މަސައްކަތްކުރާ މީހާއަށްވެސް އެ ޖެހެނީ ހަމަ އެފަދަ ރޭހެކެވެ. ދުނިޔެ ކިތަންމެ މޮޅަށް ލިބުނު ނަމަވެސް އެކަމުން އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ އާޚިރަތް ދުވަހަށް ލިބެނީ ކޮން އެއްޗެއް ހެއްޔެވެ؟ ދުނިޔޭގައި ތިބާގެ މަޤާމު ކިތަންމެ މަތި ނަމަވެސް އަދި ކިތަންމެ ބޮޑު މުއްސަނދިކަމެއް ލިބިފައި އޮތް ނަމަވެސް އެއިން އެއްވެސް ކަމަކުން އާޚިރަތް ދުވަހު ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.
އާޚިރަތް ދުވަހު ފައިދާއެއް ކުރާނީ އާޚިރަތް ދުވަހަށްޓަކައި ކުރަންޖެހޭ އަމަލެއް ކުރެވިފައިވާނަމަ އެވެ. ނަމަވެސް ނިކަން ވިސްނަބަލާށެވެ. ތިބާގެ ވަގުތަކުގެ 95 އިންސައްތަ ވަގުތު ތިއަ ހޭދަކުރަނީ "މިދާ ރޭސް" ޖެހުމަށެވެ. ބުނަން އޮތީ އަވަހަށް ތިއަ ރޭހުން ވަކިވާށެވެ. ހަޔޮ އަމަލުކުރުމުގެ ރޭހުގައި ވާދަކުރަން ފަށާށެވެ. އާޚިރަތް ދުވަހު ތިބާއަށް ސަލާމަތްކަމެއް އޮތީ އެއިރުންނެވެ.
މީހަކު މިސްކިތުގައި އިންނަ ނަމަ އެމީހަކީ މޮޔައަކަށް ހަދައި އެބަ ފުރައްސާރަ ކުރަމުއެވެ. އެއީ ދުނިޔަވީ އެއްވެސް އުފަލެއް ބޭނުން ނުވާ މީހެއް ކަމަށް ބުނެ މަލާމާތް އެބަކުރަމުއެވެ. ނަަމަވެސް ރަނގަޅަށް ވިސްނައިފިނަމަ ހަޤީޤީ މޮޔައިންނަކީ އެފަދަ ފުރައްސާރަކުރާ މީހުންނެވެ.
ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމާއި ގެންދަން ލިބޭނެ އެއްޗަކީ ކުޅަ ހެޔޮ އަމަލެއްކަން އޭނާއަށް އެބަ ވިސްނެއެވެ. މިސްކިތުގައި އެ އިންނަނީ އެހެންވެގެންނެވެ. ތިބާއަށް އެކަމެއް ނުވިސްނެއެވެ. އެކަން ނުވިސްނި ހުއްޓާ ތިބާގެ އަޖަލު އައިސް ޖެހިއްޖެނަމަ މޮޔައަކަށްވާނީ ކާކުހެއްޔެވެ؟ ނިކަން ބުނެދީބަލާށެވެ.
އަދިވެސް ބުނަން ހެއްޔެވެ؟ މިދުނިޔެ އެދިގެން އުޅޭ މީހަކަށް އާޚިރަތެއް ނުލިބޭނެއެވެ. ނަމަވެސް އާޚިރަތް އެދިގެން އުޅޭ މީހާއަށް މިދުނިޔެވެސް ދަނީ ލިބެމުންނެވެ.