ﷲ އެންގެވި ގޮތުގަ އުޅުނު ދަރިން މަރުވުމުން ﷲ އެންގެވި ގޮތުގަ އުޅުނު މައިންބަފައިންނާ ބައްދަލުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ﷲ އެންގެވި ގޮތުގަ އުޅުނު ދަރިން މަރުވުމުން ﷲ އެންގެވި ގޮތުގަ އުޅުނު މައިންބަފައިންނާ ބައްދަލުވާނެ!
މީހަކު މަރުވެގެން ވަޅުލެވުމުން އެމީހަކީ ހެޔޮލަފާ މީހެއްނަމަ ވަޅުލެވިފައިވާ ހެޔޮލަފާ މީހުންތައް އައިސް އެމީހުންގެ ޢާއިލާގެ ކަންކަން އޮޅުންފިލުވަން ސުވާލުކުރާވާހަކަ ކުރިންވެސް ކިޔައިދިނީމެވެ.

ﷲ އެންގެވި ގޮތުގައި ދުނިޔޭގައި އުޅުނު ދަރިން މަރުވުމުން ﷲ އެންގެވި ގޮތުގައި ދުނިޔޭގައި އުޅުނު މައިންބަފައިންނާއި ބައްދަލުވާނެއެވެ. މައިން ބަފައިން ކައްވަޅުގައި ތިބޭނީ ވެސް ދަރިންނަށް އިންތިޒާރުކުރުންމަތީގައެވެ.

މީހަކު މަރުވެގެން ވަޅުލެވުމާއިއެކު ކުރިން ވަޅުލެވިފައިތިބި މީހުން އައިސް އެމީހުންގެ ޢާއިލާތަކާއިބެހޭ ގޮތުން ސުވާލުކުރާނެއެވެ. ތިމާގެ ދަރިން ނުވަތަ އާއިލާގެ މީހުން އުޅެނީ ހެޔޮލަފާ ގޮތުގައި ކަމަށް ބުނެފިނަމަ އެމީހުން އުފާކުރާނެތެވެ. އެމީހުން އެންމެ ހިތާމަކުރާނެ ވަގުތަކީ އެމީހުންގެ ދަރިން، އަނބިން ފިރިން އަދި ޢާއިލާގެ މީހުންނާއި ބެހޭ ގޮތުން ސުވާލުކުރުމުން އެމީހަކު މަރުވެފައިވާ ކަމަށް ބުނެފިނަމައެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ވަޅުލެވުމުން ބައްދަލު ނުވީ އޭނާއަކީ ހެޔޮލަފާ މީހަކަށް ނުވާތީކަން އެނގޭތީއެވެ. އެމީހަކު އެގެންދެވުނީ ކާފަރުންގެ ބައަށްކަން އެނގޭތީއެވެ.

މައިން ބަފައިން ނުވަތަ ވަރަށް ގާތް މީހުން މަރުވުމަށްފަހު ހުވަފެނުގައި ފެނިދާނެއެވެ. އަދި ވަރަށް ހެޔޮ ލަފާ ނަޞޭޙަތްވެސް ދެއެވެ. އެގޮތުން ދޭ ލަފާ ބައެއް ފަހަރު ދިމާވެފައިވެސް އެބަހުއްޓެވެ.

މިފަދަ ކަންކަން ހިނގާފައި ހުރުމުން ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ހެޔޮލަފާ މީހުން މަރުވުމުން އެމީހުން ހަމަ ބޭނުންވާއިރަށް ބޭނުންތަނަކަށް ދެވޭ ކަމަށެވެ. އަދި ދުނިޔޭގައި ކަންކަން ހިނގާ ގޮތް ވެސް ބެލޭ ކަމަށެވެ.

ނަމަވެސް އެއީ އެންމެ ރަނގަޅު ޤަބޫލުކުރުމެއް ނޫނެވެ. އެކަން އެނގެނީ މީހަކު މަރުވެގެން ވަޅުލުމުން ކައްވަޅުގައި ތިބި މީހުން ވަޅުލެވުނު މީހާގެ ގާތަށް ގޮސް އެމީހުންގެ ޢާއިލާ އާއި އަދި ކަންކަމާއިބެހޭ ގޮތުން ސުވާލުކުރާތީއެވެ. އެމީހުން ހަމަ ބޭނުންވާއިރަށް ދުނިޔެއަށް އައިސް ކަންކަން ބެލޭނަމަ އެހެން މީހެއްގެ ގާތުން ކަންކަން އޮޅުންފިލުވާކަށް ނުޖެހޭނެ ނޫންހެއްޔެވެ؟

ޤަބޫލުކުރަންވީ ކަމަކީ މާތް ﷲ އެންގެވިގޮތުގައި ދުނިޔޭގައި އުޅޭ މީހުންނަށް ކޮންމެ މަޤާމެއްގައި ވެސް މާތްﷲ ދެއްވަވަން އިރާދަކުރެއްވެވި ފުރުޞަތުތައް ދެއްވާނެ ކަމެވެ. މިދުނިޔޭގައިވެސް މެއެވެ. އަދި ކައްވަޅުގައިވެސް އެކަން ހިނގާނީ ހަމަ އެ އުޞޫލުން ކަމެވެ.

- ބިލާލް އައްސަދުގެ ދަރުސަކުން -
މިއަދު އޮންލައިން