ޤިޔާމަތް ދުވަހު މީސްތަކުންގެ މައްޗަށް މާތް ﷲ ޙުކުމް ކުރައްވަވައި ނިމުމުން ނަރަކައަށް ލާންޖެހޭ މީހުން ގެންދެވޭނީ ބައިބައަށެވެ. އެންމެ ކުރީ ސަފުތަކުގައި ތިބޭނީ އެންމެ ގަދަފަދަ އަޒާބުލިބޭނެ މީހުންނެވެ. އެއި އެންމެ ބޮޑެތި ކުށްވެރިންނެވެ.
އެކި މީހުން ނަރަކައަށް އެއްލައިލެވޭނީ އެކި ގޮތްގޮތަށެވެ. ބައެއް މީހުން ގެންގޮސް ނަރަކައަށް ވައްދަން ވެސް ޖެހޭނެއެވެ. އަދި ބައެއް މީހުން ނަރަކައާއި ވަކި ހިސާބަކަށް ކައިރިވުމުން އެމީހާ އަވަހަށް ނަރަކައަށް ވަންދަން ނަރަކަ ބޭނުންވެގެން ނަރަކަ އުތުރި އަރައިގަނެ އަމިއްލައަށް ޖަހައިގަންނާނެ ބައަކުވެސް ތިބޭނެއެވެ.
ނިކަން ވިސްނައިލަބަލާށެވެ. ހަމަކަށަވަރުންވެސް އެފަދަ މީހުން ވާނީ މިދުނިޔޭގައި ހިތަށް އެރިހައި ގޮތަކަށް އުޅުނު ބައަކަށެވެ. މާތްﷲ ނަހީކުރެއްވެވި ކަންތައްތަކަށް އަރައިގަތުމުގައި އެއްވެސް ހައްދެއް ނެތި އަމަލުތައް ކުރި މީހުންނަށެވެ. އާޚިރަތް ދުވަސް އަންނާނެކަން ޤަބޫލުވެސް ނުކުރެވުނު މީހުންނަށެވެ. އެމީހަކު ބޭނުންވެގެން ނަރަކަ އަމިއްލައަށް އެމީހަކާއި ދިމާއަށް އަންނާނީ އެމީހާއަށް މިދުނިޔޭގައި ފިސާރި ގޮތްތަކަކަށް އުޅެވިގެންތާއެވެ!
ނަރަކައަށް މީސްތަކުން އުކައިލެވޭއިރު ﷲ އަށް އީމާންވެގެން އުޅުނު މީހުންގެ ތެރެއިން ނަރަކައަށް ވެއްދޭނީ ހިތުގައި މާތް ﷲ އަށް އިޚްލާޞްތެރިކަމެއް ނެތުމުން ދެއްކުންތެރިކަމުގެ ގޮތުން ހެޔޮ އަމަލުތައް ކޮށް އުޅުނު މީހުންނެވެ. އެއިގެ ތެރޭގައި ދީނީ އިލްމުވެރިންނާއި ދެއްކުންތެރިކަމުގެ ގޮތުން ޞަދަޤާތް ބަހައި އުޅުނު މީހުންނާއި ޖިހާދުކުރުމުގެ ނަމުގައި ތިމާގެ މޮޅުކަން ދައްކަން ހަނގުރާމަތައްކުރަނިކޮށް މަރުވި މީހުންވެސް ހިމެނޭނެއެވެ.
މިފަދަ މީހުންނަށް ޙައްޤު އަޒާބު ލިބި ނިމޭނެކަމާއި ނަރަކައިން ސަލާމަތްވާނެކަން ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. އެކަމަށް ބުނެވޭނެ ބަހެއް ނެތެވެ. ދެއްކުންތެރި ގޮތުގައި އެއްވެސް ކަމެއް ނުކުރަންވީ މި ސަބަބަށްޓަކައެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން -