ޤިޔާމަތްވާއިރު ދުނިޔޭގަ ޝަހާދަތް ކިޔާމީހަކު ނުހުންނާނެ - އެ ހާލަތުން ސަލާމަތްކުރުމުގަ ތިބާގެ ދައުރުވެސް މުހިންމު: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ޤިޔާމަތްވާއިރު ދުނިޔޭގަ ޝަހާދަތް ކިޔާމީހަކު ނުހުންނާނެ - އެ ހާލަތުން ސަލާމަތްކުރުމުގަ ތިބާގެ ދައުރުވެސް މުހިންމު: މުފްތީ މެންކް
ދުނިޔެ ނިމި ޤިޔާމަތްވާއިރު ޝަހާދަތްކިޔާ ހަމައެކަކުވެސް މިބިންމަތީގައި ނުހުންނާނެއެވެ. އެހެންކަމުން އެ ހާލަތުން މުޖުތަމައު ސަލާމަތްކުރުމުގައި ތިބާގެ ދައިރުވެސް ވަރަށް މުހިންމެވެ.

ގިނަ ބައަކަށް ހީވެފައި އޮންނަނީ ތިމާ އަޅުކަންކޮށް ރަނގަޅު ގޮތުގައި އުޅެފިނަމަ ފުދުނީ ކަމަށެވެ. އެވަރަކުން ނުފުދެއެވެ. އެހެން މީހުންނަށް މަގުދައްކަން މަސައްކަތްކުރާ މީހަކަށްވާންޖެހެއެވެ.

މިސާލަކަށް ރަށެއްގައި ތިބީ 1000 މީހުންނެވެ. އެ ރަށުގައި އޮތީ ޖާހިލުކަން ޢާންމުވެފައެވެ. މާތް ﷲ އަށް އީމާންވެ ހެޔޮ އަމަލުކުރާ ތިބީ 10 ވަރަކަށް މީހުންނެވެ. އެ 10 މީހުން އެހެން މީހުން އިޞްލާޙްކުރާކަށް މަސައްކަތެއް ނުކުރެއެވެ. އެމީހުން އެމީހުންނަށް އިޞްލާޙްވެގެން މަޑުން ތިބީއެވެ.

ދުވަސްކޮޅަކުން އެ 10 މީހުން މަރުވެ ހުސްވީއެވެ. ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މާތް ﷲ އަށް އަޅުކަން ކުރާނެ މީހަކު ހުންނާނެ ހެއްޔެވެ؟ ނުހުންނާނެއެވެ. އެރަށަކުން ބަންގީގެ އަޑެއް ނުއިވޭނެއެވެ. ޝަހާދަތުގެ ދެކަލިމަ ކިޔާނެ މީހަކުވެސް ނުހުންނާނެއެވެ. ޒަކާތް ދޭނެ މީހަކުވެސް ނުހުންނާނެއެވެ.

ދުނިޔޭގެ ކަންކަން މިހިސާބަށް ދިއުމުން މާތް ﷲ ގެ ކޯފާ ގަދަވެގެންދާނެއެވެ. ދުނިޔޭގެ ކަންކަން ނިމުމަކަށް ގެންނެވުމަށްޓަކައި ތާޅަފިލި ފުމެލެއްވުމަށް މަލާއިކަތާއަށް އަމުރުފުޅު ކުރައްވަވާނެތެވެ. އެހިސާބުން ދުނިޔެ ނިމުނީއެވެ. އާޚިރަތް ފެށުނީއެވެ.

ޔަޤީންކުރާށެވެ. ފަނާކުރައްވަން ޙައްޤު ނުވާ އެއްވެސް ތަނެއް މާތް ﷲ ފަނާ ނުކުރައްވަވާނެތެވެ.

އެހެންވީމާ އެމީހެއްގެ ހަޔާތުގައި އެފަދަ ދުވަހެއް އަޔަ ނުދިނުމަށް އަދި އަންނަން އޮތް ޖީލުތައްވެސް އެފަދަ ދުވަހަކުން ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރުމަކީ ހަމަ އެންމެންގެ ވެސް ޒިންމާއެކެވެ. އެމީހަކަށް ވެވުނު ވަރަކުން ދީނަށް ގޮވާލައި އެމީހާވެސް ރަނގަޅު ގޮތުގައި އުޅެންޖެހެނީ މިފަދަ ސަބަބުތަކަށްޓަކައެވެ.

މިއަދު ނަމާދު ވަގުތުތައް ފާއިތުވެގެންދާއިރުވެސް އަޅާ ނުލައި ހަމަޖެހިލައިގެން މިތިބެނީއެވެ. މާތް ﷲ އީ ޣަފޫރުއްރަހީމް ކަމަށާއި ފާފަތައް ފުއްސަވާނެ ކަމަށް ބުނަމުންނެވެ. އެގޮތުގައި މާދަން ނަމާދުކުރަން ފަށަން ހުއްޓާ އެބުނާ މާދަމާ ނުއަންނަނީސް މަރުވަނީ ކިތައް މީހުންހެއްޔެވެ؟ މިއަދު ނަމާދަށް ކަންނެތްވަނީ ތިބާއެވެ. ވިސްނަންވީ ކަމަކީ ދެން އަންނަ ޖީލު މިޖީލަށްވުރެ ނަމާދަށް ކަންނެތްވާނެ ކަމެވެ.

މީސްތަކުންނޭވެ. ފާފަ ފުއްސެވުމަކީ އެގޮތަށް އޮތް ކަމެއް ނޫނެވެ. މާތް ﷲ އީ ޣަފޫރުއްރަޙީމް އެވެ. ފާފަ ފުއްސަވާ ދީލަތިވަންތަ އިލާހް އެވެ. ނަމަވެސް މާތް ﷲ އެންގެވި ގޮތުގައި އަމަލުކުރާ މީހުންގެ އެވެ. މާތް ﷲ ނަހީ ކުރެއްވެވި ގޮތްތަކަށް އަމަލުކުރަމުން ފާފަ ފުއްސަވާނެކަމަށް ވިސްނައިގެން ނުވާނެއެވެ.

- މުފްތީ މެންކުގެ ދަރުސަކުން -
މިއަދު އޮންލައިން