ތިބާ މިއަދު މަރުވީއެވެ. އެހިސާބުން ތިމާއަށް ޤިޔާމަތްވީއެވެ. ތިބާގެ އަމަލުތައް ބަންދުވީއެވެ. އިތުރަށް ހަމަ އެންމެ ހެޔޮ އަމަލެއްވެސް ނުކުރެވޭނެއެވެ. އެހާލަތުގައި ތިބާ ވަނިކޮށް ތިބާ ކުޅަކަމަކާއި ނުލައި ތިބާގެ ފާފަތައް ފޮހެވެން ތިބާ ބޭނުން ހެއްޔެވެ؟ އަދި ތިބާ ސުވަރުގޭގައި ވަނިކޮށް ސުވަރުގެ އިން ތިބާއަށް ލިބުނު ދަރަޖަ އުފުލި މަތިވެރިވުމަށް ބޭނުން ހެއްޔެވެ؟
ބައެއް މީހުން ސުވަރުގޭގައި ތިއްބައި އެމިހުން ތިބި ދަރަޖަ މަތީ ދަރަޖައަކަށް މާތް ﷲ ބަދަލުކުރައްވަވާނެތެވެ. އެހިސާބުން އެމީހުން ސުވާލުކުރާނެތެވެ. އަހަރެމެން ކުޅަ އަމަލަކާއި ނުލައި އަހަރެމެންގެ ދަރަޖަ މަތިވީ ކީއްވެގެން ހެއްޔެވެ؟
އެހިނދު އެމީހުންނަށް ޖަވާބު ލިބޭނެއެވެ. ތިބާގެ ޞާލިޙް ދަރިފުޅު ތިބާއަށްޓަކައި ކުރި ހެޔޮ ދުޢާގެ ސަބަބުންނެވެ.
ދަރިންނަށް އިސްލާމީ ތަރުބިއްޔަތާއި ދީނުގެ އިލްމު އުނގަންނައިދޭންޖެހެނީ މިފަދަ ސަބަބުތަކަށްޓަކައެވެ. އެކަމުން ތިބާއަށް ހެޔޮ ރަޙްމަތް ލިބުމުގެ އިތުރުން ދަރިން ނަރަކައިން ސަލާމަތްކުރުމަށެވެ. ދަރިންވެސް ސުވަރުގެ ވެއްދުމަށެވެ.
މާމޮޅު ކަމެއް ކަމަށް ދެކެ ދަރިފުޅަށް ދަރިފުޅު ބޭނުންވާހައި ދާއިރާއަކުން ޕީއެޗްޑީ އެބަ ހާޞިލުކޮށްދެމުއެވެ. ސައިންސްވެރިންނަށް އެބަހަދަމުއެވެ. އެއީ މައްސަލައެއް ނޫނެވެ. މާތް ﷲ ހުއްދަ ކުރައްވަވާފައިވާ ކޮންމެ އިލްމަކުންވެސް ހަމަ ކުރިއަރައިދާންވީއެވެ. އެކަމަށް ދަރިންނަށް ފުރުޞަތުތައްވެސް ފަހިކޮށްދޭންވީއެވެ.
ޔަޤީންކުރަންވީ އެ އިލްމާއިއެކު އިސްލާމީ ނޫރު ވެސް ދަރިފުޅުގެ ހިތުގައި ދިއްލުވައި އެއިގެ އަލިކަން ދަރިފުޅަށް ހޯދައިދިނުމަށެވެ. ދަރިފުޅުގެ އަމަލުތައް އިސްލާމް ދީނުގައިވާ ފަދައިން ބަހައްޓަން އާދަކުރުވުމަށެވެ.
ފަޚުރުވެރިވެލާފައި އަހަރެންގެ ދަރިފުޅަކީ ސައިންސް ވެރިއެކޭ މަސައްކަތްކުރަނީ ނާސާގައޭ ބުނާއިރު އެދަރިފުޅަށް ހިނައިތާހިރުވާން ނުއެނގުނީމާ އެޖެހުނީ ކޮންތަނަކުހެއްޔެވެ؟ މާތް ﷲ އަށް ސަޖިދަކުރުމުގެ އާދަ އެދަރިފުޅުގެ ކިބައި ނެތްނަމަ އޮތީ ކޮންފައިދާއެއް ހެއްޔެވެ؟ ދަރިފުޅުގެ އަމަލުތައް ހުރީ އިސްލާމް ދީނުން ބޭރުގައި ކަމަށްވާނަމަ ޤިޔާމަތް ދުވަހު ނަރަކައިން ސަލާމަތްވެވޭނެ ހެއްޔެވެ؟
ދަރިންނަށް ހެޔޮއެދޭނަމަ ދަރިން ތަރުބިއްޔަތުކުރަންވީ މިކަންކަމަށް ސަމާލުކަންދީގެންނެވެ. މާތް ﷲ ތިބާ އާއި ޙަވާލުކުރެއްވެވި އަމާނާތަށް ފުރިހަމައަށް ރައްކައުތެރިވެވުނުކަމަށްވާނީ އެއިރުންނެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން -