އަޅުގަނޑުމެންގެތެރެއިން ވަރަށް ގިނަ ބައަކު އެމީހުންގެ ފޯނަށް ކީރިތި ޤްރްއާންގެ އެޕްލިކޭޝަން އަޅައިގެން ގެންގުޅެއެވެ. ނަމަވެސް އެއިގެ ތެރެއިން ކީރިތި ޤްރްއާން ކިޔަވަނީ ވަރަށް މަދު މީހެކެވެ.
ބުނަން އޮތް ވާހަކައަކީ ފޯނަށް ކީރިތި ޤްރްއާންގެ އެޕްލިކޭޝަން އަޅައިގެން ގެންގުޅުމަކީ ކީރިތި ޤްރްއާން ކިޔެވިކަމުގެ ސަވާބު ލިބޭނެ ކަމެއް ނޫންކަމެވެ. ކީރިތި ޤްރްއާން ކިޔެވިކަމުގެ ސަވާބު ލިބޭނީ ކިޔެވުމުން ކަމަށްވާތީ އެވެ.
ފޯނަށް އަޅައިގެން ނަމަވެސް ކީރިތި ޤްރްއާން ވީހައި ގިނައިން ކިޔަވަންވީއެވެ. ހަމައެއާއިއެކު ބުނެލަން ބޭނުމީ މުޞްހަފުން ކިޔެވެން އޮތް މީހުން މުޞްހަފުން ކިޔެވުން ރަނގަޅު ކަމަށެވެ. މުޞްހަފުން ކިޔެވުމުން ލިބޭނެ ސަވާބު އިތުރުވާނެ ކަމަށް އަހަރެން ޤަބޫލުކުރަމެވެ.
ސަބަބުތައް ވަރަށް ގިނައެވެ. ފުރަތަމަ ކަމަކީ މުޞްޙަފުން ކިޔަވާނަމަ އެކަމަށް ތިމާ ތައްޔާރުވެއެވެ. ވުޟޫ ކުރެއެވެ. މުޞްހަފުގައި ލިޔެފައި ހުންނަ ލިޔުން ފެނުމުން ހިތަށް ކުރާ އަސަރު ފޯނުގެ ލިޔުން ފެނުމުން ގާތީ ނުކުރުމެވެ. ކީރިތި ޤްރްއާން ކިޔަވަންވާނީ އެމީހެއްގެ ހިތަށް އެކަމުން އަސަރުކުރާނެ ގޮތަށެވެ.
މީގެ މާނައަކީ ފޯނުން ނުކިޔެވުމެއް ނޫނެވެ. މިއަދު ފޯނަކީ ތިމާ ދާ ކޮންމެ ތަނަކަށް ގެންދެވޭ އެއްޗެކެވެ. ބަހެއްގައި ދަތުރުކުރި ނަމަވެސް ފްލައިޓެއްގައި ދަތުރުކުރި ނަމަވެސް ފޯނު އަތުގައި އޮވެއެވެ. ބޭކާރު ކަންކަމަށް ވިސްނުމަށް ވަގުތު ނަގާނުލައި ބޭކާރު ބެލުންތަކަށް ފުރުޞަތު ނުދީ ބަލަންވީ ކީރިތި ޤްރްއާނުން އާޔަތެއް ނަމަވެސް ކިޔަވައިލެވޭތޯއެވެ.
ރީތިކޮށް ލިޔެފައި ހުންނަ އާޔަތްތަކާއި އޮނަސައްތަ އިސްމުފުޅު ފަދަ ލިޔުންތައް ގޭގައި ނުބެހެއްޓުމަކަށް އަހަރެން ނުބުނާނަމެވެ. ބުނާނީ ފަސޭހައިން ކިޔައިލެވޭ ވަރުގެ އަކުރުން ލިޔެފައި ބަހައްޓާށެވެ. އަދި ފެނުމުން ކިޔަވާށެވެ. ކިޔާށެވެ. އެހެން ނޫނީ ބެހެއްޓުމުގެ ބޭނުމެއް ނެތެވެ.
މިސާލަކަށް ރީތިކޮށް ފްރޭމްކޮށްފައި އޮނަސައްތަ އިސްމުފުޅު ގޭގެ ފާރުގައި އިންނަތަން ކުޑައިރުންސުރެ ފެންނަ މީހާ ބޮޑުވާއިރުވެސް، މުސްކުޅިވާއިރުވެސް އެމީހަކަށް އޮނަސައްތަ އިސްމްފުޅު ހިތުން ނުއެނގޭނަމަ ފާރުގައި ފެންނަ ގޮތަށް ބެއިންދުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ލިބޭނެ ފައިދާއަކީ ކޮބައިހެއްޔެވެ؟ ކުރިން ބުނި ފަދައިން ކީރިތި ޤްރްއާނަކީ ރީތިކޮށް ލިޔެފައި ބެހެއްޓުމުން ފައިދާކުރާ އެއްޗެއް ނޫނެވެ. ފައިދާކުރާނީ ކިޔެވުމުންނެވެ.
ދަސްކުރުމުންނެވެ. އެކަންކަން ނުކުރާނަމަ އެކަމަކީ ދެއްކުންތެރިކަމުގެ އަމަލަކަށް ބެލިދާނެއެވެ. ގޭގައި ނުވަތަ އޮފީހުގައި އެފަދަ ތަކެތި ބަހައްޓަނީ އެހެންމީހުންނަށް ތިމާގެ ދީންވެރިކަން ދައްކަން ކަމަށްބެލިދާނެއެވެ. އެހެންވެއްޖެނަމަ އެކަން ބަދަލުވާނީ އަޒާބުލިބޭނެ ކަމަކަށެވެ. އެއީ ބިރުވެތިވާންޖެހޭނެ ޙާލަތެކެވެ.
ކީރިތި ޤްރްއާން ކިޔަވައި ނޫޅޭ ޒަމާނެއް އަންނާނެ ކަމާއި އެ ޒަމާނުގައި ހުންނާނީ ހަމައެކަނި ކީރިތި ޤްރްއާނުގެ ލިޔުންތައް ކަމާއި އެއީ ފަހު ޒަމާން އައިސް ދުނިޔެ ނިމެނީ ކަމުގެ ޢަލާމާތެއްކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ.
އެ ޒަމާނުގައި ރީތި މިސްކިތްތައް ހުންނާނެއެވެ. ރަނގަޅަށް ބަލަހައްޓާނެއެވެ. ނަމަވެސް މިސްކިތަށް އަރާނީ ރަސްމިއްޔާތަކަށް ދާ ފަދައިންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން -