ކައްވަޅުން ފެށިގެން ނަރަކައިގެ އަލިފާނުން އަނދައަނދަ އޮންނަން ޖެހުމުން ސަލާމަތްވާން އެދޭނަމަ...

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ކައްވަޅުން ފެށިގެން ނަރަކައިގެ އަލިފާނުން އަނދައަނދަ އޮންނަން ޖެހުމުން ސަލާމަތްވާން އެދޭނަމަ...
މީސްތަކުންގެ މެދުގައި މިހާރު އެންމެ ޢާންމުވެފައިވާ މުންކަރާތްތަކުގެ ލިސްޓުގެ އެންެމެ ކުރީގައި ހިމެނިފައިވަނީ ފާހިޝް އަމަލުކުރުމެވެ. އެއީ އެއްވެސް ކުށެއް ނޫން ކަމަށް ޤަބޫލުކުރާ މީހުން މިދަނީ އިންތިހާއަށް އިތުރުވަމުންނެވެ. އެފަދަ މީހުންގެ ކުރިމަތީގައި އެއީ ހަމަ ވަރަށް އާދައިގެ ކަމެކެވެ. ހަމައެކަނި އުފާ ޙާޞިލުކޮށްލުމެކެވެ. އެއީ ހަމަ އެއްވެސް ނުބައި ކަމެއް ނޫނެވެ.

ނަމަވެސް ހަޤީޤަތް މުޅިން ތަފާތެވެ. ފާހިޝް އަމަލުތައް ކުރުމަކީ އެންމެ ގަދަ ފަދަ އަޒާބު ލިބޭނެ އެއް އަމަލެވެ. ހަމައެކަނި ނަރަކައިގައެއް ނޫނެވެ.

މަރުވާވަގުތުން ފެށިގެންނެވެ. ކައްވަޅުންފެށިގެންނެވެ. ޤިޔާމަތާއި ހަމައަށް ކައްވަޅުގައި އެމީހުން ދެމި ތިބޭނީ ދުމަށްޓެއް ފަދަ ތަނެއްގައެވެ.
ދުމަށީގެދަށުން އަބަދުވެސް އަލިފާންގަނޑު ހުންނާނީ އަރައަރައެވެ. ހަށިގަނޑު ހުންނާނީ ފިހިފިހިއެވެ. ރޯފިލަފިލައެެވެ.

ޤިޔާމަތް ދުވަހު ނަރަކައިގައި އެމީހުން ތިބޭނީ މިއަށްވުރެ މާ ބޮޑު އަޒާބުގައެވެ. ނަރަކައިގެ އަލިފާނުން ފިހެމުންދާއިރު ތިބޭނީ ޖިންސީ ގުނަވަނާއި މޫނުގައި ޗޭނުޖެހި އެލުވިފައެވެ.

މިހާލަތުން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރަން މަޖުބޫރެވެ. އެހެންކަމުން މިފަދަ އަމަލުތަކުން ސަލާމަތް ވުމަށް ކުރެވިދާނެ ދެކަމެއް ބުނެލަން ބޭނުމެވެ.

ފުރަތަމަ ކަމަކީ ކިތަންމެ ސިއްރުން ކިތަންމެ ބަންދުތަނެއްގައި ކުރި ނަމަވެސް އެ އަމަލު މާތް ﷲ ދެކެވޮޑިގެންވާކަން ހިތަށް ގެނައުމެވެ. ތިމާއަށް އެފަދަ ހުށަހެޅުމެއް ހުށަހެޅޭވަގުތު ވެސް ހިތަށް ގެންނަންވީ މާތް ﷲ އެ އަމަލު ހަމަ އެތަނުގައި ވޮޑިގެންވެ ބައްލަވައިވޮޑިގެންވާކަމެވެ. އަވަހަށް އެދި ދަންނަވަންވީ އެ ޙާލަތުން ތިމާ ސަލާމަތްކޮށްދެއްވެވުން އެދިއެވެ. އެފަދަ އަމަލެއް ކުރަން ހިތަށް އަރާ މީހާވެސް މެއެވެ.

ބުނަން ހެއްޔެވެ؟ ވަރަށް ބާރަށް 3 ފަހަރު ﷲ ކިޔާށެވެ! ﷲ އަށް ތިބާ ގޮވާލާނެ ފަދައިން ގޮވާލާށެވެ. ތަޖުރިބާއަކީ މީހާގެ އިޙްޞާޞްތައް ވަގުތުން ބަދަލުވެގެންދާކަމެވެ. ހިތަށް ބިރުވެރިކަން ވަންނަ ކަމެވެ.

ދެވަނަ ކަމަކީ އެފަދަ ކަމެއް ކުރެވެން އުޅޭނަމަ އަވަހަށް އެތަނަކުން ނުކުމެގެންދިއުމެވެ. އެފަދަ މާހައުލެއްގައި އެންމެ އިރުކޮޅަކުވެސް ނުހުރުމެވެ.
މީގެތެރޭގައި އެބާވަތުގެ ކަންކަމުގެ ވާހަކަ ދައްކާ މީހުންނާއި ދުރުހެލިވުންވެސް ހިމެނެއެވެ. އެފަދަ މީހުންނާއި އެއްވެސް ވާހަކައެއް ނުދައްކާށެވެ. ސޯޝަލް މީޑިއާގައިވެސް މެއެވެ. އެކަހެރިކަމާއިއެކު އެއްގޮތަކަށްވެސް ބައްދަލު ނުކުރާށެވެ.

ތިމާ ނަރަކައިން ސަލާމަތްވުމަކީ ތިމާ އަމިއްލައަށް ކުރަންޖެހޭ ކަމެކެވެ. ޔަޤީންކުރަންވީ ކަމަކީ ފާހިޝް އަމަލެއް ހިންގަން އެދޭ މީހާއަކީ ތިބާ ނަރަކައަށް ވައްދަން މަސައްކަތްކުރާ މީހެއް ކަމެވެ. ޝައިޠާނެއް ކަމެވެ. އިބިލީހާއި ދުރުހެލިވާން މަސައްކަތްކުރަން ޖެހޭ ފަދައިން އެފަދަ މީހުންނާއި ދުރުހެލިވާންވެސް މަސައްކަތްކުރަންޖެހެއެވެ.
މިއަދު އޮންލައިން