ޤިޔާމަތް ދުވަހު ނަރަކައަށް ލާންޖެހޭ މީސްތަކުން ނަރަކައަށް ލުމަށް ގެންދެވުމުން ޒުވާބެއް އުފެދޭނެއެވެ. ފަހަތު ސަފުތަކުގައި ތިބޭ މީހުން ބުނާނެތެވެ. "އަހަރެމެންނަށް މަގު އޮޅުވައިލީ މިތިބަ މީހުންނެވެ. އެމީހުންނަށް އަޒާބު ބޮޑުކޮށް ދޭށެވެ.!"
"ޖަވާބުގައި އެމީހުން ބުނާނެއެވެ. ވާންޖެހޭނީ އެއްވަރެވެ. ކުށްކުރީ ކަލޭމެންނެވެ. އަހަރެމެން ބުނާހައި ކަމެއް ކުރަން ކަލޭމެންނަށް ޖެހޭ ހެއްޔެވެ؟"
އެމީހުންގެ ޒުވާބުގެ ވަގުތުގައި މާތް ﷲ ވަޙީ ކުރައްވަވާނެތެވެ. "ބޮޑަށް އަޒާބު ލިބެންޖެހޭމީހުން މޮޅަށް ދެނެވޮޑިގެންވަނީ ތިމަން ﷲ އެވެ. ބޮޑަށް އަޒާބު ލިބެންޖެހޭ މީހުންނަށް ބޮޑަށް އަޒާބު ދެއްވާހުށީމެވެ. އެއީ ކަލޭމެންނާއި ބެހޭ ކަމެއް ނޫނެވެ."
މިއީ މިއަދު ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަމެކެވެ. މަގުފޭރޭ މީހުންނާއި ޖާހިލުން ބުނީމާ އެބުނާކަމެއް އެބަކުރަމުއެވެ. ވެރިން ނުވަތަ ބޮޑުން ބުނީމާ އެބުނާ ކަމެއް ވެސް އެބަކުރަމުއެވެ. ކީއްވެގެން ހެއްޔެވެ؟ ދުނިޔެއިން ލިބިދާނެ ވަގުތީ އުފަލަކަށްޓަކައެވެ. ދާދި ކުޑަކުޑަ މަންފާއަކަށްޓަކައެވެ.
ދެންމެ ކިޔައިދިން ވާހަކަތައް މިކިޔައިދިނީ ކީރިތި ޤްރްއާނުގެ އާޔަތްތަކުންނެވެ. އެހެންކަމަށްވާއިރު ނުބައިހައި ކަންކަން ކުރުމަށްފަހު ތިމަންނާ މިވެނިކަމެއް ކުރީ އެވެނި މީހަކު ބުނެގެންނެވެ ބުނުމުން އެއްވެސް ސަލާމަތްކަމެއް އެބައޮތްހެއްޔެވެ؟ އެމީހަކު ކުރި އަމަލެއްގެ ޒިންމާ އުފުލަން އެމީހަކަށް ނުޖެހިއެއް ނުދާނެއެވެ. އެދުވަހަކީ އެހެން މީހުންގެ ބޮލުގައި ކަންކަން އަޅުވައިގެން ތިމާއަށް ސަލާމަތްކަން ލިބެން އޮތް ދުވަހެއް ނޫނެވެ.
މާތް ﷲ ޙަރާމް ކުރެއްވެވި ކަންތައްތަކާއި ހުއްދަ ކުރެއްވެވި ކަންކަން ތިބާއަށް ރަނގަޅަށް އެނގޭ ނޫންހެއްޔެވެ؟ ވީއިރު މީހަކު ހަމަ ބުނާއިރަށް މާތް ﷲ އަންގަވާފައިވާ ގޮތް ދޫކޮށް އެމީހާ ބުނި ގޮތަށް އަމަލުކުރަނީ ތިމާގެ ދެލޮލަށް މާތް ﷲ ނުފެންނާތީ ހެއްޔެވެ؟ ބަލާށެވެ! ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާގެ ސުންނަތް އެއޮތީ ހާމައަށް ފެންނާށެވެ. އެވަރުން ވެސް ނުފުދެނީ ހެއްޔެވެ؟
- ބިލާލް އައްސަދުގެ ދަރުސަކުން -