"މިއޮތީ ރަސީދު" ކެމްޕޭންގެ ބޮޑު އިނާމު ހަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
"މިއޮތީ ރަސީދު" ކެމްޕޭންގެ ބޮޑު އިނާމު ހަވާލުކޮށްފި
ވިޔަފާރިތަކުން ޚިދުމަތްހޯދާ ފަރާތްތަކަށް ރަސީދުދޫކުރުމަށް ބާރުއެޅުމުގެގޮތުން "މިއޮތީ ރަސީދު" ގެ ނަމުގައި މީރާއިން ހިންގި ކެމްޕޭނުގައި އެންމެ ގިނަ ވިޔަފާރިތަކުން އެންމެ ގިނަ ރަސީދު ހުށަހެޅި ފަރާތްކަމުގައިވާ ށ.ފޭދޫ، ދޫރެސް މުހައްމަދު އިބްރާހިމް އާއި 32000(ބައްތިރީސް ހާސް) ރުފިޔާގެ އިނާމު މީރާއިން ހަވާލުކޮށްފިއެވެ.



މި ކަމަށްޓަކައި އިއްޔެ ހެނދުނު ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވައި ފައިސާގެ އިނާމް ހަވާލުކޮށްދެއްވައިފައިވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންޔަޒީދު މުހައްމަދު އެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނަރަލް ވިދާޅުވީ މި ފަހަރުގެ ކެމްޕޭނަކީ ވަރަށް ކާމިޔާބު ކެމްޕޭނެއްކަމުގައެވެ. އަދި މި ފަދަ ކެމްޕޭންތަކުގެ މަގުސަދަކީ، ވިޔަފާރިކުރާ ފަރާތްތައް ދިވެހިރާއްޖޭގެ ޓެކުހުގެ ނިޒާމަށް އަހުލުވެރިކުރުވައި، ވިޔަފާރީގެ ހިސާބުތައް ރަނގަޅަށް ބެލެހެއްޓުމަށް ބާރުއެޅުންކަމަށް ވިދާޅުވެފައިވެއެވެ. އަދި މީގެ އިތުރުން ވިޔަފާރިކުރަން ދާ ފަރާތްތަކުން ރަސީދު ހޯދުމަށް އާދަކުރުވުންކަމަށް ވެސް ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި ވެސް މި ފަދަ އިތުރު ކެމްޕޭނެއް ކުރިއަށްގެންދާނެ ވާހަކަ ކޮމިޝަނަރ ޖެނެރަލް ވިދާޅުވިއެވެ.



މި ހަފްލާގައި ވަނި ފެބުރުވަރީ މަހު ރަސީދު ފޮނުވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތަށާއި، އެންމެ ގިނަ ތަންތަނުގެ ރަސީދު ފޮނުވި ފަރާތަށް ދޭ ފައިސާގެ އިނާމުވެސް ހަވާލުކޮށްފައެވެ. މި ގޮތުން، ފެބުރުވަރީ މަހު އެންމެ ގިނަ ތަންތަނުން ރަސީދު ފޮނުވައިގެން އިނާމު ހާސިލުކޮށްފައިވަނީވެސް މުޙައްމަދު އިބްރާހިމްއެވެ. އަދި، ފެބުރުވަރީ މަހު ރަސީދު ފޮނުވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނީ އާމިނަތު އަބްދުލް ސައްތާރުއެވެ.

5 ސެޕްޓެންބަރު 2017 އިން ފެބުރުވަރީ 2018ގެ ނިޔަލަށް ހިންގި މި ކެމްޕޭންގައި ވަރަށް ގިނަ ފަރާތްތަކުން ބައިވެރިވެފައިވާކަމަށް މީރާއިން ހާމަކުރެއެވެ. މި ގޮތުން މި ކެމްޕޭނުގައި 690 ފަރާތަކުން ޖުމްލަ 57,587 ރަސީދު ފޮނުވައިފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ. މީގެ ތެރެއިން 88% ރަސީދަކީ ގާނޫނާއި ގަވާއިދުގައިވާ ޝަރުތުތައް ފުރިހަމަވާ ރަސީދު ކަމަށްވާއިރު، ޖުމަލަ 3,280 ވިޔަފާރިތަކުގެ ރަސީދު މީރާއަށް ލިބިފައިވާކަމަށް މީރާއިން ހާމަކުރެއެވެ.


މިއަދު އޮންލައިން