އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު މިއަދު މަސައްކަތްކުރަނީ ކޮންމެވެސް އެހެން މީހުންގެ ރުހުން ހޯދުމަށެވެ. ކޮންމެވެސް މީހެއްގެ ކުރިމަތީގައި ރަނގަޅު މީހަކަށް ވުމަށެވެ. އެހެން މީހެއްގެ ރުހުން ލިބޭ ފަދަ އަމަލެއް ކުރެވޭތޯއެވެ!
އެންމެ ކުޑަމިނުން ސޯޝަލް މީޑިއާގައި ބަހެއް ބުނި ނަމަވެސް ބުނެއުޅެނީ ކޮންމެވެސް މީހެއްގެ ތާއީދު ހޯދުމަށެވެ. ކޮންމެވެސް މީހެއްގެ ކުރިމަތީގައި އެހެން މީހުންނަށްވުރެ މަޤްބޫލުކަންބޮޑު މީހަކަށް ވުމަށެވެ.
މިފަދައިން ކަންތައްތައް ކުރެވެނީ އީމާންތެރިކަން ނެތުމުންނެވެ. ނުވަތަ އީމާންތެރިކަން ކުޑަވުމުންނެވެ. ހަޤީޤީ އީމާންތެރިން މަސައްކަތްކުރާނީ މާތް ﷲ ގެ ރުއްސެވުން އެދިއެވެ. ވީހައި ބޮޑަކަށް މާތް ﷲ އާއި ކުއްތަންވެވޭތޯއެވެ. މާތް ﷲ ގެ ޙަޟްރަތުގައި ތިމާއަށް އިތުރު ކުރިއެރުން ލިބޭތޯއެވެ.
އެއްވެސް މީހަކީ ތިބާއަށް އެއްވެސް ފައިދާއެއް ނުވަތަ ގެއްލުމެއްވެސް ދެވޭނެ މީހެއް ނޫނެވެ. މާތް ﷲ މިންވަރުފުޅު ކުރައްވަވާފައި ނުވާ ކަމެއް ކުރެވޭނެ ހަމަ އެއްވެސް މީހަކު ނުހުންނާނެއެވެ.
އަނިޔާވެރިން، އެމީހުންނަށް މާތް ﷲ ދެއްވެވި އިޚްތިޔާރުގެ ބޭނުންކޮށްގެން އަނިޔާވެރިވެއެވެ. އެކަންވެސް އެކުރެވެނީ ހަމަ މާތް ﷲ އެކަމަށް މިންވަރުފުޅު ކުރައްވަވާފައިވާތީއެވެ. ތިމާއަށް މާތް ﷲ ދެއްވެވި އިޚްތިޔާރުގެ ބޭނުންކޮށް މީހެއްގެ ކިތަންމެ ކުޑަ ނަމަވެސް ހައްޤަކަށް އަރައިގެންފިނަމަ އެކަމަކަށް ޙައްޤު ބަދަލު ދޭންޖެހޭނެއެވެ. ނުދީ ފަރުޖައްސަން ދެއްކޭނެ ހަމަ އެއްވެސް އުޒުރެއް ނުއޮންނާނެއެވެ.
ތިބާއަށް ވަޒީފާ ދެއްވަވަނީވެސް މާތް ﷲ އެވެ. އެވަޒީފާއިން ހައްޤު ނޫން ގޮތުގައި ވަކިކޮށްފިނަމަ އެކަމަށް ޙައްޤު ޖަޒާ ދެއްވަވާނީވެސް ހަމަ މާތް ﷲ އެވެ. އެއަށްވުރެ ރަނގަޅު ވަޒީފާއެއް ދެއްވަވާނީ ވެސް ހަމަ މާތް ﷲ އެވެ. އަހަރެމެންނަށް އޮތީ ކެތްތެރިވެ ދުޢާކުރުމެވެ. މާތް ﷲ އީ އަނިޔާ ލިބެމުންދާ މީހާގެ ދުޢާ އިޖާބަ ކުރެއްވެވުމުގައި އެންމެ އޯގާތެރިވަންތަ އަދި އެންމެ ދީލަތިވަންތަ އިލާހްއެވެ.
ލިބިދާނެ އަނިޔާއަކަށް ބަލައި ހައްޤު ނޫން ބަހެއް ނުބުނާށެވެ. ޙައްޤު ނޫން އަމަލެއް ނުކުރާށެވެ. ޙައްޤު ބަސް ބުނުންމަތީގައި ދެމިހުންނާށެވެ. ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިހުންނާށެވެ. ހަޤީޤީ އީމާންތެރިންނަކީ އެއީ އެވެ.
- ލަވްއިސްލާމްގެ ދަރުސަކުން -