މުޞީބާތްތައް ކުރިމަތިވުމުން ދުނިޔަވީ ސަބަބުތައް ދައްކަނީ އީމާންތެރިކަން ނެތް މީހުންނެވެ. މިއަދު ގިނައީ މާތް ﷲ ގެ މުޞީބާތްތައް ކުރިމަތިވުމުން އެއީ މާތް ﷲ ފޮނުއްވެވި މުޞީބާތެއް ކަމަށް ޤަބޫލުނުކުރާ މީހުންނެވެ. އެއީ ޤްދްރަތީ ކާރިސާއެއް ކަމަށާއި އެއީ މިވެނި، އެހެނިހެން ހިނގި ކަމެއް ކަމަށް ބުނާ މީހުންނެވެ.
ޒަލްޒަލާއެއް އައި ނަމަވެސް އެމީހުން ދައްކާނީ އެފަދަ ވާހަކަތެކެވެ. އެއީ އެމީހުންނަށް ފުރިހަމައަށް އީމާން ނުވެވޭތީއެވެ. ފުރިހަމައަށް އީމާން ވެވޭނަމަ އެފަދަ ވާހަކަތަކެއް ނުދައްކާނެއެވެ. ކައުނުގައި ހިނގާ ކޮންމެ ކަމެއް ވެސް ހިނގާނީ މާތް ﷲ ގެ އިރާދަފުޅާއި މިންވަރުފުޅުންނެވެ. އެނޫން ގޮތަކަށް އެއްވެސް ކަމެއް ނުހިނގާނެއެވެ. އެހެންކަމަށްވީއިރު ދައްކަން އޮންނާނީ އިތުރު ކޮން ބަހަނާއެއްތޯއެވެ؟
މާތްﷲ މުޞީބާތެއް ކުރިމަތި ކުރެއްވެވުމުން މީސްތަކުން 3 ގޮތަކަށް އަމަލުކުރެއެވެ.
ފުރަތަމަ ބައިގެ މީހުން އެކަމާއިމެދު ވިސްނައި ހިތާމަކޮށް އެކަމުން ސަލާމަތްކުރެއްވެވުން އެދި މާތް ﷲ އަށް ދުޢާ ކުރާނެއެވެ. މާތް ﷲ އަށް ބިރުވެތިވެ ދޫޢާކުރުން ގިނަ ކުރާނެއެވެ. އެކަން ކުރިމަތިވީ މާތް ﷲ ގެ ޙަޟްރަތުންކަން ފުރިހަމައަށް ޤަބޫލުކުރާނެއެވެ. އަދި މިއީ ރަސޫލުންނާއި ނަބިއްޔުން ކަންތައް ކުރެއްވި ގޮތެވެ. ހެޔޮލަފާ މުސްލިމުން ކަންތައް ކުރާ ގޮތެވެ.
ދެވަނަ ބައިގެ މީހުން މުޞީބާތެއް ކުރިމަތިވެ ދެން ސަލާމަތްނުވެދާނެކަމަށް ޤަބޫލުކުރެވުމުން މާތް ﷲ އަށް ތައުބާވެ ސަލާމަތް ކުރެއްވެވުން އެދި ދުޢާކުރާނެއެވެ. އަދި އެފަދަ މީހުން މުޞީބާތުން ސަލާމަތް ކުރެއްވެވި ނަމަވެސް މާތް ﷲ ގެ މަތިން ހަނދުމަ ނައްތައިލާނެއެވެ.
ބައެއް މީހުން މިފަދަ ހާލަތުގައި މާތް ﷲ އަށް އީމާންވާން މަސައްކަތްކުރާނެއެވެ. ނަމަވެސް އެފަދަ މީހުންނަށް އޮންނާނީ ތައުބާވުމުގެ ވަގުތު ފާއިތުވެފައެވެ. ފިރުއައުނު ހިމެނެނީ އެފަދަ މީހުންގެ ތެރެއިންނެވެ.
ތިންވަނަ ބައިގެ މީހުން އެމީހުންނަށް މުޞީބާތެއް ކުރިމަތިވެ މަރުވާ ހާލަތުގައިވެސް މާތް ﷲ އަށް ޙަސަދަވެރިކަން އިތުރުކޮށް އަދާވާތްތެރިކަން އިތުރުކުރާނެއެވެ. އަބޫޖަހުލު މަރުވެގެންދިއައީ އެފަދަ ހާލަތުގައެވެ. އޭނާގެ މަރު އައިސް ޖެހުނު ވަގުތުވެސް ބުނީ މިއަދަކީ މާތް ﷲ ގެ ރަސުލާ މުޙައްމަދު (ޞޢވ) އާއި އެންމެ އަދާވާތްތެރިކަން އިތުރުވީ ދުވަސް ކަމަށެވެ.
- ޝައިޚް ޖަޢްފަރު ފާއިޒް ގެ ދަރުސަކުން -