ﷲ އަށް ޝުކުރުވެރިވުމަކީ ދުލުން ބުނާ ބަހެއް ނޫން - އަމަލުން އެކަން ދެއްކުން: ޝައިޚް ޔާސިރް ޤާދި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ﷲ އަށް ޝުކުރުވެރިވުމަކީ ދުލުން ބުނާ ބަހެއް ނޫން - އަމަލުން އެކަން ދެއްކުން: ޝައިޚް ޔާސިރް ޤާދި
މާތް ﷲ އިންސާނާ އުފައްދަވައި ހުރިހާ ނިއުމަތްތަކެއް ވަނީ ދެއްވަވައިފައެވެ. ވިސްނުމަށް ބުއްދިއާއި ބަލައި ހޯދުމަށް ދެ ލޮލާއި އަޑު އެހުމަށް ކަތް ފަދަ ނިއުމަތްތަކެވެ.

މާތް ﷲ ވަޙީ ކުރައްވަވާފައިވަނީ ތިމަން ﷲ އިންސާނާއަށް ދެއްވި ނިއުމަތްތައް އިންސާނާއަށް ނުވެސް އެނގޭނެ ކަމަށާއި ލިސްޓު ވެސް ނުކުރެވޭނެ ކަމަށެވެ. އެއިގެ ތެރެއިން އިންސާނާއަށް އެނގެނީ ބައެއް ނިޢުމަތްތައް ކަމަށާއި އަނެއްބައި ނިޢުމަތްތައް ވަނީ ސިއްރު ކުރައްވަވާފައި ކަމަށެވެ.

މިހުރިހައި ނިޢުމަތްތަކެއް ދެއްވެވުމަށްފަހު މާތް ﷲ އިންސާނާއަށް ވަނީ އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. އެއީ ނިޢުމަތްތަކަށް ޝުކުރުވެރިވުމާއި ނުވުމުގެ އިޚްތިޔާރެވެ.

ޝުކުރުވެރިވާން ބޭނުންމީހާ ފުރަތަމަ ކުރަންޖެހޭ ކަމަކީ މާތް ﷲ ތިމާއަށް ދެއްވެވި ނިޢުމަތްތައް ހިތުގެ އަޑިން ބަލައިގަތުމެވެ. ހަމައެއާއިއެކު ދުލަށް އޮތް ދައުރަކީ އެ ނިޢުމަތްތަކަށް ޝުކުރުވެރިވާކަން ދުލުން ހާމަކުރުމެވެ. ހަށިގަނޑަށް އޮތް ދައުރަކީ ޝުކުރުވެރިވާކަން އަމަލުން ދެއްކުމެވެ.

ޝުކުރުވެރިވާކަން ހިތުން ދެއްކުމަށްޓަކައި މާތް ﷲ ގެ އެންގެވުންތައް ހިތުގެ އަޑިން ބަލައިގަންނަން ޖެހޭނެއެވެ. މާތް ﷲ ގެ އެންގެވުންތަކަށް ލޯބިކުރަން ޖެހޭނެއެވެ. މާތް ﷲ ނަހީ ކުރެއްވެވި ކަންތައްތަކަށް ނަފްރަތުކުރަންޖެހޭނެއެވެ.

ޝުކުރުވެރިވާކަން ދުލުން ދެއްކުމަށްޓަކައި ކީރިތި ޤްރްއާން ކިޔަވަން ޖެހޭނެއެވެ. މާތް ﷲ އަށް ޛިކުރުކުރަން ޖެހޭނެއެވެ. ދުލުން ބުނަންޖެހޭނީ މާތް ﷲ ހުއްދަ ކުރެއްވެވި ބަސްތަކެވެ. ނަހީ ކުރައްވަވާފައިވާ ބަހެއް ބުނެގެން ނުވާނެއެވެ.

ހަށިގަނޑުން ޝުކުރުވެރިވާކަން ދެއްކުމަކީ މާތް ﷲ އަމުރުފުޅު ކުރައްވަވާފައިވާ ކަންކަން ފުރިހަމައަށް ކުރުމެވެ. ނަމާދުކުރުމެވެ. އެހީތެރިކަމަށް ބޭނުންވެގެން ތިބި މީހުންނަށް އެހީތެރިވުމެވެ. މާތް ﷲ ހުއްދަކުރެއްވެވި އަމަލެއް ނޫނީ ނުކުރުމެވެ. މާތް ﷲ ޙަރާމް ކުރެއްވެވި އެއްވެސް ކަމެއް ނުކުރުމެވެ.

"ތިމަންނަ މާތް ﷲ އަށް ޝުކުރުވެރިވަމޭ ބުނުމަކުން ނުފުދޭނެ. މާތް ﷲ ނޫޅުއްވަވާ އެ ބަސް ބޭނުންފުޅުވެވޮޑިގެނެއް. ޝުކުރުވެރިވާކަމަށް ބުނުމަކީ ފެށުން. ހަޤީޤީ ޝުކުރުވެރިވުމަކީ ތިމާ ކުރާ ކޮންމެ ކަމެއް މާތް ﷲ އެންގެވި ގޮތުގައި ކުރުން."

ކީރިތި ޤްރްއާނުގައި ޝުކުރު އައިސްފައިވަނީ އަމަލުން ކުރަންޖެހޭ ކަމެއްގެ ގޮތުގައެވެ. ޝުކުރުވެރިވުމަކީ ތިމާގެ އަމަލުތަކުން އެކަން ދެއްކުމެވެ.

މާތް ﷲ ދާވޫދުގެފާނަށާއި ސުލައިމާނުގެފާނަށް ދެއްވެވި ނިއުމަތްތައް އެހެން އެއްވެސް އިންސާނަކަށް ދެއްވަވާފައި ނުވާކަމަށް ބުނެވިދާނެއެވެ.

އެހުރިހާ ނިއުމަތްތަކެއް ދެއްވެވުމަށްފަހު މާތް އެންގެވީ އެ ނިއުމަތްތަކަށް ޝުކުރުވެރިވެވަޑައިގަންނަވާކަން އަމަލުން ދެއްކެވުމަށެވެ.

މިކަމުން ވެސް އެނގެނީ ޝުކުރުވެރިވުމަކީ އަމަލުން ކުރަންޖެހޭ ނުވަތަ ދައްކައިދޭންޖެހޭ ކަމެއް ކަމެވެ.

- ޔާސިރް ޤާދިގެ ދަރުސަކުން -
މިއަދު އޮންލައިން