ނަމާދު ނުކުރުމަށް އުޒުރު ދައްކާނަމަ ތިބާގެ ރޫޙް ވަނީ ނުރައްކަލުގެ ތެރޭގަ-
ނަމާދު ވަގުތު ޖެހުމުން އަދި ބަންގީގެ އަޑު އިވުމުން ވެސް ނަމާދު ނުކުރުމަށް ބައެއް މީހުންނަށް ތަފާތު އުޒުރުތައް ދެއްކެއެވެ. އެއީ ވަރަށް ބިރުވެރި ޙާލަތެކެވެ. ސަބަބަކީ ނަމާދު ވަގުތުވުމުން ނަމާދު ނުކުރުމަށް އުޒުރު ދެއްކުމަކީ ކުރެވެން އޮތް ކަމަކަށް ނުވާތީއެވެ.
އެގޮތަށް އުޒުރު ދަްއކާ ގިނަ މީހުންނަށް އޮންނަނީ ފަހުން ނަމާދު ނުވެސް ކުރެވިފައެވެ. ނަމާދަށް ޝައުޤުވެރިވާ، ނަމާދުގެ މުހިންމުކަން ހިތުގެ އަޑިން ޤަބޫލުކުރާ ހަމައެކަކުވެސް ކޮންމެހެން މަޖުބޫރު ޙާލަތެއް މެދުވެރިވެގެން މެނުވީ ބަންގީގެ އަޑު އިވުމުން އެންމެ ބޮޑު އިސްކަމެއް ދޭނީ ނަމާދުކުރުމަށެވެ.
ނަމާދުކުރުމުގެ މުހިންމުކަން ހިތުގެ އަޑިން ޤަބޫލުކުރާ މީހާ އަބަދުވެސް ހުންނާނީ ނަމާދު ވަގުތަށް އިންތިޒާރުކޮށްގެންނެވެ. ބަންގީގެ އަޑަކީ އެމީހާއަށް އިވޭނެ އެންމެ އުފާވެރި އަޑެވެ. ބަންގީގެ އަޑު އުފާވެރި އަޑަކަށްވާ ސަބަބުތައް ވަރަށް ގިނައެވެ.
އެންމެ ބޮޑު ސަބަބަކީ ތިމާ ކޮންމެހެން އަދާކުރަންޖެހޭ ވާޖިބު އަދާކުރުމުގެ ވަގުތު ޖެހިއްޖެކަން އަންގައިދީ ހަނދުމަކޮށްދޭތީއެވެ.
އެހެންކަމުން ޢިލްމުވެރިން ވިދާޅުވަނީ ނަމާދުކުރުމަށް އުޒުރު ދައްކާނަމަ އެމީހާގެ ފުރާނަ އެވަނީ ނުރައްކަލުގެ ތެރޭގައި ކަމަށެވެ. ނަމާދު ފުރިހަމައަށް އަދާ ނުކުރެވި ހުއްޓައި މަރުވެއްޖެނަމަ ފުރާނައަށް ސަލާމަތްކަމެއް ނެތުމުންނެވެ.