ތިބާގެ އަނބިމީހާއާއި ދިމާލަށް ބޭނުން ވަރަކަށް ބެލުމުގެ ހުއްދަ އޮތް އިރު، ހިލޭ އަންހެނުންނާއި ދިމާލަށް ބަލާ ހުޝާމަތު ކުރަނީ ކީއްވެ؟- މުފްތީ މެންކު

ކިޔުމަށް ހޭދަވާނީ 1މ 53ސ
ތިބާގެ އަނބިމީހާއާއި ދިމާލަށް ބޭނުން ވަރަކަށް ބެލުމުގެ ހުއްދަ އޮތް އިރު، ހިލޭ އަންހެނުންނާއި ދިމާލަށް ބަލާ ހުޝާމަތު ކުރަނީ ކީއްވެ؟- މުފްތީ މެންކު
ކައިވެނީގެ މުހިންމުކަމާއި މިޒަމާނުގައި ކައިވެނި ކުރާހާ ފަސޭހައިން ކައިވެނި ރޫޅުމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މައްޝޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކު ވިދާޅުވީ ގިނަ ފަހަރަށް މިފަދައިން ކަންކަން ދިމާވަނީ ތިމާ ހަލާލުގޮތުގައި ހޯދާފައިވާ އަނބިމީހާ ނުވަތަ ފިރިމީހާއަށް ވުރެ އިސްކޮށް ހިލޭ މީހުން ނަގާތީ ކަމަށެވެ.

"ތިބާގެ އަނބިމީހާއާއި ދިމާލަށް ތިބާ ބޭނުން ވަރަކަށް ބުލުމުގެ ހުއްދަ ތިބާއަށް ލިބިފައިވާއިރު ވެސް ތިބާ އޭނާއާއި ދިމާލަކަށް ނުބަލައެވެ. ނަމަވެސް އެހެން މީހުންނާއި (ހިލޭ އަންހެނުންނާއި) ދިމާލަށް ބޮލުން ފެށިގެން ފައިގެ އިނގިލިތަކާއި ހަމައަށް ތިބާ ބަލަމުން ގެންދެއެވެ. މާތް ﷲ އަޅަމެންނަށް އެހީތެރިވެދެއްވާންދޭވެ" މުފްތީ މެންކު ބުނެފައިވެއެވެ.

މުފްތީ މެންކުގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވާ އަނެއްކަމަކީ ފިރިން އަނބިންނަށް އަދި އަނބިން ފިރިންނަށް ތައުރީފް ނުކުރާކަމެވެ. އެކަކު އަނެކަކަށް ތައުރީފް ކުރުމަކީ ދެމަފިރިންގެ ދެމެދު ގުޅުން ވަރުގަދަވާ ކަމެއް ކަމުގައި މުފްތީ ވިދާޅުވެފައިވެއެވެ.

"އަހަރުމެންނަށް އެހެން މީހުން ކުރާ ކަންކަމަށާއި އެހެން މީހުންނަށް ތައުރީފް ކުރަން ފަސޭހަކަމަކަށް ވެއެވެ. ނަމަވެސް އަމިއްލަ ބައިވެރިޔާއަށް ތައުރީފް ކުރުމަކީ ވަރަށް ވެސް އުނދަގޫ ކަމަކަށްވެއެވެ. ކައިވެންޏެއް ރަނގަޅަށް ދެމެހެއްޓުމަށް އެކަކު އަނެނަށް ތައުރީފް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެއީ އިސްލާމްދީން ވަރަށް ބޮޑަށް ބާރުވެސް އަޅާ ކަމެކެވެ."

ކައިވެނިތައް ރޫޅުމުގައި ސޯޝަލް މީޑިއާ ވަރަށް އިސް ރޯލެއް އަދާކުރާ ކަމުގައި ވެސް މުފްތީ މެންކު ވިދާޅުވެފައިވެއެވެ.

"މޮބައިލް ފޯނުން މިހާރު ލިބޭ ފަސޭހައަށްވުރެ ބޮޑަށް ވަނީ ގެއްލުމެވެ. މައްސަލައަކީ ފޯނެއް ނޫނެވެ. އަހަރުމެންނަށް ހެޔޮގޮތުގައި އެގެންގުޅެން ނޭނގުމެވެ. ދެމަފިރިން އެކަކު އަނެކަކާއި ޖެހިގެން ހުންނައިރު ވެސް 'ޗެޓުން' ނޫނީ ލޯބިވާ ވާހަކަ ވެސް ނުބުނެވެއެވެ. އެކި ފާޑުފާޑުގެ ސްޓިކާ ތަކުން އައިލަވްޔޫ ބުނުމަކުން ގުޅުން ވަރުގަދައެއް ނުވާނެއެވެ. އެކުގައި ބޭރަށް ދިޔަކަމުގައި ވިޔަސް ދެމީހުންވެސް ތިބެނީ ފޯނަށް ގެއްލިފައެވެ. ގިނަ ފަހަރަށް މިހެން ސޯޝަލް މީޑިއާއަށް ގެއްލިގެން އިނުމުން އެކަކު އަނެކަކާއިމެދު ޝައްކު ކުރުންވެސް އިތުރުވެއެވެ. ހިތައް އަރާނީ ތިމާއަށް އަހައްމިއްޔަތުކަން ނުދީ ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާ އެވަރަށް ޗެޓު ކުރާނީ ކޮންމެވެސް ނުބައި ގުޅުމެއް އޮންނަ މީހަކާއި ކަމަށެވެ. އެހެންކަމުން މިފަދަ ކަންކަން ކުރުން ހުއްޓާލުން ބުއްދިވެރިއެވެ." މުފްތީ މެންކު ވިދާޅުވެފައިވެއެވެ.
މިއަދު އޮންލައިން