ކީރިތި ޤްރްއާން ނުކިޔަވާ މީހުން ދަނީ އިތުރުވަމުންނެވެ. މިއީ ވަރަށް ބިރުހުރި ކަމެކެވެ. އެހެނީ ކީރިތި ޤްރްއާން ނުކިޔެވުން މާތް ﷲ ބަޔާން ކުރައްވަވާފައިވަނީ މާތް ﷲ ގެ މަތިން ހަނދުމަ ނުކުރުން ކަމުގައެވެ. ހަމައެއާއިއެކު ކީރިތި ޤްރްއާން ނުކިޔެވުމަކީ މުޞީބާތްތަކުގެ ތަޅުދަނޑިކަން ވެސް ކީރިތި ޤްރްއާނުން އެނެގެން އެބައޮތެވެ.
ކީރިތި ޤްރްއާން ނުކިޔަވާ މީހާއަށް ހަމަޖެހުމެއް ނެތްކަމާއި އަބަދުވެސް ދާނީ މުޞީބާތްތައް ކުރިމަތިވަމުން ކަމާއި ދިމާވާ ކުދިކުދި ކަންވެސް ބޮޑެތި މުޞީބާތްތަކަށް ބަދަލުވެގެންދާނެކަންވެސް ކީރިތި ޤްރްއާނުގެ އާޔަތްތަކުން ވަރަށް ސާފުކޮށް އެނެގެން އެބައޮތެވެ.
ހަމައެފަދައިން ކީރިތި ޤްރްއާން ކިޔަވާ މީހާއަށް ހިތްހަމަޖެހުން ލިބޭނެ ކަމާއި ކެތްތެރިކަން މިންވަރުފުޅު ކުރައްވަވާނެ ކަމާއި އިތުރު ކުރިއެރުން ލިބޭނެކަންވެސް ހަމަ ކީރިތި ޤްރްއާނުން އެނގެން އެބައޮތެވެ.
ލޮބުވެތި މުސްލިމުންނޭވެ. ކުރުކޮށް ނަމަވެސް މިބުނެލީ ވަރަށް މުހިންމު ވާހަކަތަކެކެވެ.
ކީރިތި ޤްރްއާން ނުކިޔަވައި ދުރުހެލިވި މީހުން ޤިޔާމަތް ދުވަހު ކަނު ކުރައްވަވާނެ ކަމަށް އޮތް ވަޙީ ބަސްފުޅެއްވެސް އެބައޮތެވެ. ކޮން ފަދަ ބިރުވެރި ޙާލަތެއްތޯއެވެ؟
ކީރިތި ޤްރްއާނަށް މާތްކޮށް ހިތުމުގެ ނަމުގައި ބައެއް މީހުން މިހާރު ކުރާ ކަމަކީ އަގު ބޮޑު ޝޯކޭސްތަކުގައި މުޞްޙަފް ބޭއްވުމެވެ. އަގު ބޮޑު ކަވަރަށް ވެސް ލައިފައެވެ. ނަމަވެސް ބުނަން ހެއްޔެވެ؟ ރަނުން ހަދާފައިވާ ފޮށްޓެއްގައި ބޭއްވި ނަމަވެސް ނުކިޔަވާނަމަ އެކަމުން ތިބާއަށް ކުރާނެ ހަމަ އެއްވެސް ފައިދާއެއް ނެތެވެ.
އަދިވެސް ބުނަން ހެއްޔެވެ؟ ބައެއް މީހުން މިބުނި ފަދައިން ޢިއްޒަތުގައި ގޭގެ ސިޓިންގ ރޫމާއި ކޮޓަރިތަކުގައި މުޞްޙަފްތައް ބޭއްވުމަށްފަހު އެތަނުގައި ޖަހަނީ މިޔުޒިކެވެ. މިކުރެވެނީ ކީއްހެއްޔެވެ؟ ނިކަން ފުންކޮށް އަމިއްލައަށް ވިސްނައިލަބަލާށެވެ!
ދުނިޔަވީ ހަމަތަކުން ބެލި ނަމަވެސް އެއްޗެއްގެ އަގު ވަޒަންކުރާނަމަ، އެ އެއްޗަކަށް ލޯބިކުރާނަމަ އެއެއްޗަކާއި ކައިރިވުން ގިނަކުރާނެއެވެ. އެއިގެ ބޭނުން ހިފުން ގިނަކުރާނެއެވެ. އެއެއްޗެއްގެ ބޭނުން ކުޑަވާނަމަ އެއެއްޗަކާއި ދުރުހެލިވާނެއެވެ. ވީއިރު ތިބާއަށް ކީރިތި ޤްރްއާނާއިމެދު ކަންތައްތައް ތިއަ ކުރެވެނީ ހަމަ ރަނގަޅަށް ހެއްޔެވެ؟ ކީރިތި ޤްރްއާން ދެކެ ލޯބިވާ މީހަކު އަމަލުކުރާނެ ގޮތަށް ހެއްޔެވެ؟
މީސްތަކުންގެ ހިތްތަކުގައި ޖަހާ ދަބަރު ފިލުވުމަށްވެސް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ބަޔާންކޮށްދެއްވެވީ ދެކަމެކެވެ. އެއީ މާތް ﷲ ގެ މަތިން ހަނދުމަކުރުމާއި ކީރިތި ޤްރްއާން ކިޔެވުމެވެ.
- ލަވް އިސްލާމްގެ ދަރުސަކުން -