އުޅެންވީ ދުނިޔެ ނިމޭނެ ދުވަސް ހޯދާކަށް ނޫން - ކިރިޔާވެސް ސަލާމަތްކަން އޮތީ މަރަށް ތައްޔާރުވީ ވަރަކުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
އުޅެންވީ ދުނިޔެ ނިމޭނެ ދުވަސް ހޯދާކަށް ނޫން - ކިރިޔާވެސް ސަލާމަތްކަން އޮތީ މަރަށް ތައްޔާރުވީ ވަރަކުން!
ދުނިޔެ ނިމޭނެ ވަގުތާއި ދުވަސް ހޯދަން ވަރަށް ގިނަ ބައަކު އަބަދުވެސް ޝައުޤުވެރިވެއެވެ. ތަފާތު ސުވާލުތައް ކުރެއެވެ. އެގޮތުން ޞަހާބީއަކު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް އެސުވާލުކުރިމަތި ކުރެއްވިއެވެ.

"އިތުރު މާތް ނަބިއްޔާއެވެ. ޤިޔާމަތް ވާނީ ކޮން ދުވަހަކުތޯ" ސުވާލުކުރެއްވުމުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ދެއްވެވި ޖަވާބުގައި ވެސް ކުރެއްވެވީ ސުވާލެކެވެ. "ތިބާ އެކަމަށް ތައްޔާރުވާން ކުރީ ކޮން ކަމެއްހެޔެވެ؟"

މީގެ މާނައަކީ މުހިންމީ މަރުވާނެ ވަގުތެއް ނޫނެވެ. މުހިންމީ މަރަށް ތައްޔާރުވާން ތިމާކުރާ އަމަލުތަކެވެ. އެހެނީ ޤިޔާމަތްވުމަކީ ދުނިޔެ ނިމުން ކަމަށް ބަލައިގެން އުޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެމީހަކު މަރުވުމުން އެމީހަކަށް އެއޮތީ ޤިޔާމަތްވެފައެވެ. އެކަން ބަޔާން ކުރައްވަވައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހަދީޘްފުޅު ކުރައްވަވާފައިވަނީ މީހާ މަރުވުމުން އެއޮތީ އެމީހަކަށް ޤިޔާމަތްވެފައި ކަމަށެވެ. އިތުރު ޙަދީޘްފުޅެއްގައި ވިދާޅުވެފައިވަނީ ކައްވަޅަކީ ޤިޔާމަތަށް ކުރާ ދަތުރުގެ ފުރަތަމަ މަންޒިލް ކަމަށެވެ.

އެހެނީ މީހާ މަރުވުމުން ޤިޔާމަތްވަންދެން އެއްވެސް ކަމެއް ކުރިމަތިނުވެ ދުވަސްތައް ފާއިތުވަނީއެއް ނޫނެވެ. މަރުވުމުން އެފެށެނީ އިތުރު ހަޔާތެކެވެ. އެހެންކަމުން އެއީ މިދުނިޔޭގެ ހަޔާތް ނިމި އާޚިރަތަށް ކުރާ ދަތުރުގެ ފެށުމެވެ.

ވިސްނާށެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަކީ އެއްވެސް ފާފައެއް ކުރެއްވެވި ބޭކަލެއް ނޫނެވެ. މާތް ﷲ ވަނީ އިތުރު މާތް ނަބިއްޔާގެ ހުރިހާ ފާފައެއް ފުއްސަވައިދެއްވަވައި އެކަން އަންގަވައިދެއްވަވައިފައެވެ. އެހެންކަމާއިއެކު ވެސް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަބަދުވެސް މަސައްކަތްޕުޅު ކުރެއްވެވީ އަވަހާރަވެދާނެ ވަގުތަށް ތައްޔާރުވެވަޑައިގަތުމަށެވެ. އެންމެ ގިނައިން ކުރެއްވެވި އެއް ދުޢާއަކީ "ތެދުވެރި އީމާންތެރިއެއްގެ ގޮތުގައި މިއަޅާގެ މަރު ގެންދަވާނދޭވެ." މިދުޢާ އެވެ.

ޞަޙާބީންވެސް އަމަލު ކުރެއްވެވީ ހަމަ މިގޮތަށެވެ. ހަމަ އެއާއިއެކު ހިތްޕުޅު ޠާހިރުކޮށްދެއްވެވުމަށާއި އީމާންކަން ވަރުގަދަ ކޮށްދެއްވެވުން އެދިވަޑައިގެން ގިނަގިނައިން ދުޢާ ކުރެއްވެވިއެވެ. އެއީ އިންސާނާގެ ހިތަކީ ވަރަށް ފަސޭހައިން ކިލަނބުވެ ބަދަލުވާ އެއްޗަކަށްވާތީއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ އަމަލުފުޅުތައް މިގޮތަށް ބަހައްޓަވާފައިވާއިރު އަދި ޞަހާބީންގެ އަމަލުފުޅުތައް މިގޮތަށް ބަހައްޓަވާފައިވާއިރު މިއަދު އަހަރެމެންނަށް ކަންކަން މިކުރެވެނީ ކިހިނަކުންހެއްޔެވެ؟ އަމަލުތައް މިބެހެއްޓެނީ ކިހިނަކުންހެއްޔެވެ؟ ހެޔޮ އަމަލުތައް ކުރެވެނީ ކިހައިވަރަކަށް ހެއްޔެވެ؟ ދުޢާ ކުރެވެނީ ކިހައި ވަރަކަށް ހެއްޔެވެ؟

މިއީ ހަމަ ކޮންމެ މީހަކުވެސް އަމިއްލަ ނަފުސާއި ކޮންމެ ދުވަހަކުވެސް އެންމެ ގިނައިން ކުރަންވީ ސުވާލުތަކެވެ. ގަދައަޅައި މަސައްކަތްކުރަންވީ މަރަށް ތައްޔާރުވުމަށެވެ. ކޮންމެހެން ދުނިޔެ ނިމޭނެ ވަގުތާއިމެދު ވިސްނާކަށް ނޫނެވެ!

- ބިލާލް އައްސަދުގެ ދަރުސަކުން -
މިއަދު އޮންލައިން