ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ޕީއެސްޖީއިން ފްރެންޗް ލީގު ކަޕް ކާމިޔާބުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 26ސ
ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ޕީއެސްޖީއިން ފްރެންޗް ލީގު ކަޕް ކާމިޔާބުކޮށްފި


ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ފްރާންސްގެ ވަރުގަދަ ޕީއެސްޖީއިން ފްރެންޗް ލީގު ކަޕް ކާމިޔާބުކޮށްފިއެވެ.

ޕީއެސްޖީއިން ފްރެންޗް ލީގު ކާމިޔާބުކުރީ، ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި 0-3 ގެ ނަތީޖާއިން ވާދަވެރި މޮނާކޯގެ މައްޗަށް ކުރިހޯދައިގެންނެވެ.

ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި، މެޗުގެ ފުރަތަމަ ލަނޑު ޖަހައި ޕީއެސްޖީއިން ލީޑު ނެގީ މެޗުގެ 8 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކުރިއަށް ފޮނުވާލައި، ޕީއެސްޖީއަށް ލީޑު ނަގައިދިނީ އެޑިސަން ކަވަނީއެވެ. މެޗުގެ 21 ވަނަ މިނެޓުގައި ޕީއެސްޖީއަށް މެޗުގެ ލީޑު ފުޅާކޮށްދިނީ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ ކިލިއަން އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތަކުން އެންހަލް ޑިމާރިއާއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-2 ގެ ނަތީޖާއިން ޕީއެސްޖީ ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން މޮނާކޯއިން ކުޅުން ރަނގަޅު ކުރި ނަމަވެސް މި ހާފުގައި ވެސް ބޮޑަށް ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ޕީއެސްޖީއިންނެވެ. މެޗުގައި ފެނިގެންދިޔަ ޕީއެސްޖީގެ ފަހު ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ކަވާނީއެވެ.

މިދިޔަ ހަތަރު އަހަރުގައި ވެސް ފްރެންޗް ލީގު ކާމިޔާބުކޮށްފައިވާ ޕީއެސްޖީއިން ޖެހިޖެހިގެން ފަސްވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާއިރު، އެންމެ ގިނައިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ވެސް ޕީއެސްޖީއިންނެވެ. ޕީއެސްޖީއިން ވަނީ މިހާތަނަށް މި މުބާރާތް 8 ފަހަރު މަތިން ކާމިޔާބުކޮށްފައެވެ.
ފްރެންޗް ލީގުގެ އެއްވަނައިގައި 17 ޕޮއިންޓްގެ ލީޑުގައި އޮތް ޕީއެސްޖީ ވަނީ މި އަހަރުގެ ފްރެންޗް ކަޕްގެ ފައިނަލަށް ވެސް ދަތުރުކޮށްފައެވެ.
މިއަދު އޮންލައިން