އެވަޓަން ބަލިކޮށް ސިޓީ ލީގު ނެގުމާ ގާތަށް
އިނގިރޭސި ޕްރެމިއާ ލީގުގައި އެވަޓަން ބަލިކޮށް މެންޗެސްޓާ ސިޓީއިން ލީގު ކާމިޔާބުކުރުމާ ގާތަށް ޖެހިލައިފިއެވެ.
އެވަޓަންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުން ސިޓީ މޮޅުވީ 1-3 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ސިޓީއިންނެވެ. ސިޓީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ހަތަރުވަނަ މިނެޓުގައި ލެރޮއީ ސާނޭއެވެ. މެޗުގެ 12 ވަނަ މިނެޓުގައި ސިޓީގެ ގެބްރިއެލް ޖީސަސް ލަނޑެއް ޖަހައި ސިޓީއަށް މެޗުގެ ލީޑު ފުޅާކޮށްދިނެވެ. ސިޓީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 37 ވަނަ މިނެޓުގައި ރަހީމް ސްޓާލިންއެވެ. މެޗުގައި ފެނިގެންދިޔަ އެވަޓަންގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 63 ވަނަ މިނެޓުގައި ޔަނިކް ބޮލާސީއެވެ.
ރޭގެ މެޗުގެ ނަތީޖާއާއެކު، ލީގުގެ އެއްވަނައިގައި ސިޓީ އޮތީ 84 ޕޮއިންޓް ލިބިގެންނެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވަނީ 68 ޕޮއިންޓްއެވެ. ތިންވަނައިގައި ލިވަޕޫލް އޮތީ 66 ޕޮއިންޓާއެކުއެވެ.
ލީގުގައި ސިޓީ ދެން ބައްދަލުކުރާނީ ޔުނައިޓެޑާއެވެ. އެ މެޗުން ސިޓީ މޮޅުވެއްޖެނަމަ، ސިޓީއަށް ލީގު ކަށަވަރުވެގެންދާނެއެވެ. އަދި ސިޓީ ވެގެންދާނީ އިނގިރޭސި ލީގުގެ ތާރީޚުގައި އެންމެ އަވަހަށް އިނގިރޭސި ލީގު ހޯދި ޓީމަށެވެ. މި ރެކޯޑު މިހާރު އޮތީ ޔުނައިޓެޑްގެ އަތުގައެވެ. އެހެންވުމުން، ރެކޯޑް އޮތް ޔުނައިޓެޑް ބަލިކޮށް ރެކޯޑް އަތުލުމުގެ ޝަރަފު ހޯދުމުގެ ފުރުސަތު ސިޓީއަށް މިވަނީ ތަނަވަސްވެފައެވެ.