ދުނިޔޭގައި ކުރިމަތިވާ ކޮންމެ ކަމަކީވެސް ހަމަ ވަރަށް ކުޑަކުޑަކަމެކެވެ. ބޮޑުކަމަކީ ހަމައެކަނި މާތް ﷲ ގެ ކޯފާއެވެ. ބިރުވެތިވާންވީ މާތް ﷲ ގެ ކޯފާއަށެވެ. ކުރެވުނުހައި މަސައްކަތްތަކެއް ކުރަންވީ މާތް ﷲ ގެ ކޯފާއިން ސަލާމަތްވުމަށެވެ.
މުޞީބާތެއް ކުރިމަތިވެއްޖެނަމަ އެކަމަކުން ސަލާމަތްކޮށްދެއްވެވުން އެދި އަޅުގަނޑުމެން މާތް ﷲ އަށް ދުޢާކުރަމުއެވެ. އަޅުގަނޑުމެންގެ އަދޭހުގެ އަޑު އައްސަވައި މާތް ﷲ އަޅުގަނޑުމެންގެ ދުޢާ އިޖާބަކުރައްވަވައެވެ. ނަމަވެސް އެކަމުން ސަލާމަތްވެވުމުން އެކަން ހަނދާން ހުންނަނީ މަދު މީހެކެވެ.
އެފަދަ މީހުންނަށް ހީވެފައި އޮންނަނީ އެއީ ހުރިހާ ކަމަކުން ސލާމަތްވެވުނީ ކަމަށެވެ. ދެން ﷲ އަށް އާދޭސް ދަންނަވަން ނުޖެހޭނެ ކަމަށެވެ. އެހެންވެ އުޅެމުންދަނީ ހިތަށް އެރިހައި ގޮތަކަށެވެ.
އަޅުގަނޑުމެން މިއަދު ޣާފިލުވެފައި ތިބިވަރު ބޮޑުކަމުން މުޞީބާތެއް ކުރިމަތިވެއްޖެނަމަ "އިންނާ ލިﷲ ވައިއްނާ އިލައިހި ރާޖިޢޫން" ކިޔައިލަން ހަނދާންވަނީ ވެސް މަދު މީހަކަށެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ތިމަންމެން އައީވެސް މާތް ﷲ ގެ ޙަޟްރަތުންނެވެ. އެނބުރި ދާހުށީވެސް މާތް ﷲ ގެ ޙަޟްރަތަށެވެ. މިވަރު ހިތަށް ގެންނަންވެސް މިވަނީ ބުރަކަމަކަށް ވެފައެވެ.
މާތް ﷲ ގެ ޤްދްރަތްތެރިކަމުން ދުނިޔޭގައި ހިނގާ އެއްވެސް ކަމެއް ހުއްޓުވުނީ ކާކަށްތޯއެވެ؟ އެފަދަ ކަމެއް ހުއްޓުވޭނެ އެއްވެސް މީހަކު ހުންނާނެތޯއެވެ؟ ނުހުންނާނެއެވެ. ވީމާ އަޅުގަނޑުމެންނަށް އޮތީ ކެތްތެރިވުމެވެ. ކެތްތެރިވެ މާތް ﷲ އަށް ދުޢާ ކުރުމެވެ. ކެތްތެރިންނަށް ހުރި މަތިވެރި ޤަދަރާއި މަޤާމް މާތް ﷲ ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. ކެތްތެރިން ވަނީ ތިމަން ﷲ ގެ ޙިމާޔަތުގައި ކަމަށް މާތް ﷲ ވަނީ ބަޔާންކުރައްވަވައިފައެވެ. އެއަށްވުރެ މަތިވެރި ނިޢުމަތަކީ ކޮބައިތޯއެވެ.
- އައްޝައިޚް ޖަޢްފަރު ފާއިޒުގެ ދަރުސަކުން -