ދުނިޔޭގެ ކޮންމެ ތަނެއްގައި ކޮންމެ ވަގުތަކު ނަމަވެސް މީހަކު ނަމާދުކުރަން ފަށައިފިނަމަ ކާއިނާތުގެ ވެރި ރައްބު، މާތް ﷲ އެމީހަކަށް ވަގުތުން ބަސް ވަޙީކުރައްވަން ފަށްޓަވާނެއެވެ.
ނަމާދަކީ މާތް ﷲ ގެ އަޅާ މާތް ﷲ އަށް މުނާޖާ ދެންނެވުމެވެ. ނަމާދަށް ފަށައި އަލްޙަމްދުގެ ފުރަތަމަ އާޔަތް ކިޔެވުމުން "ތިމަން ﷲ ގެ އަޅާ ތިމަން ﷲ އަށް ޙަމްދުކޮށްފި" ކަމަށް މާތް ﷲ ވަޙީ ކުރައްވަވާނެތެވެ. ދެވަނަ އާޔަތްކިޔާއިރަށް "ތިމަން ﷲ ގެ އަޅާ ތިމަން ﷲ އަށް ޘަނާ ކިޔައިފި" ކަމަށް ވަޙީ ކުރައްވަވާނެތެވެ. 3 ވަނަ އާޔަތް ކިޔެވުމުން "ތިމަން ﷲ ގެ އަޅާ ތިމަން ﷲ މަތިވެރިކޮށްފި" ކަމަށް ވަޙީ ކުރައްވަވާނެއެވެ. 4 ވަނަ އާޔަތް ކިޔެވުމުން "މިއީ ތިމަން ﷲ އާއި ތިމަން ﷲ ގެ އަޅާ އާއި ދެމެދުގައިވާ ކަމެއް ކަމަށާއި ތިމަން ﷲ ގެ އަޅާ އެދޭ ކަމެއް ތިމަން ﷲ ގެ އަޅާއަށް ދެއްވަވާހުށީމެވެ." ވަހީކުރައްވަވާނެތެވެ.
އެއިގެ ފަހަތުން ހުރި އާޔަތްތައް ކިޔުމުން އެއީ "ތިމަން ﷲ ދެއްވަވަން ވައުދުވެވޮޑިގެންފައިވާ ކަންތައްތައް ކަމާއި ތިމަން ﷲ ގެ އަޅާ އެދުނު ކަންތައްތައް ތިމަން ﷲ ގެ އަޅާއަށް ދެއްވަވައިފީމެވެ." ވަޙީ ކުރައްވަވާނެތެވެ.
އެހެން ކަމުންވެސް އެނގިގެންދަނީ ނަމާދަށް ފެށީންސުރެ ނަމާދަށް ފަރުވާތެރިވާންޖެހޭނެ މިންވަރެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ވާ ގޮތަކީ ނަމާދަށް ފެށީންސުރެ ގެންގުޅެވެނީ އަވަހަށް ނަމާދު ނިންމައިލުމަށްފަހު އެނބުރި އަވަހަށް މަސައްކަތަށް ދިއުމުގެ ވިސްނުމެވެ.
ނަތީޖާއެއްގެ ގޮތުން އިމާމް މީހާ ތަންކޮޅެއް ވެސް ދިގުކޮށް ކިޔަވަން ފަށައިފިނަމަ ނަމާދުގެ ތެރޭގައި ހުރެ އިމާމް މީހާ ދެކެ ރުޅިއަންނަން ފަށައެވެ. އެހެން ނަމަވެސް ރާއްޖޭގެ އިމާމުން އެހައި ދިގުކޮށް ނުވެސް ކިޔަވައެވެ.
މަދީނާގައި ޢާންމުކޮށް ފަތިސް ނަމާދުކުރަން ފަށަނީ ބަންގިއަށްވުރެ 25 ވަރަކަށް މިނިޓް ފަހުންނެވެ. މަދީނާގެ ޙަރަމްފުޅުގައިވެސް މެއެވެ. ފުރަތަމަ ރަކްއަތް ފަށާފަހުން ނިދިން ހޭލެވުނު ނަމަވެސް ފާޚާނާކޮށް ވުޟޫކޮށްހަދައިގެން މިސްކިތަށް ދިއަ ނަމަވެސް ފުރަތަމަ ރަކްޢަތް ލައްވާލައެވެ.
ރާއްޖެއަށް ބަލައިފިނަމަ މާލޭގެ ބައެއް މިސްކިތްތަކުގައި ތަންކޮޅެއް ދިގުކޮށް ކިޔެވި ނަމަވެސް ޢާންމުގޮތެއްގައި ކިޔަވަނީ އެންމެ ކުރު ސޫރަތްތަކެވެ. ވަރަށް ކުރީންސުރެ މިސްކިތަށް ގޮސް ހުރެގެން ނޫނީ ލައްވައިވެސް ނުލައެވެ.
ނަމާދުގެ އަސްލު ލައްޒަތު މީހާއަށް ލިބޭނަމަ ކުރު ސޫރަތް ކިޔަވައި ނަމާދު އަވަހަށް ނިންމައިލާތީ ކަންބޮޑުވާނެއެވެ. ސަޖިދައިގައި އޮވެގެން ކުރާ ޛިކުރުތަކާއި ނަމާދުގައި ކުރާ ޛިކުރުތަކުން ނުކުންނަން ބޭނުމެއް ނުވާނެއެވެ. ﷲ އާއިއެކު ބޭއްވޭ އެ ބައްދަލުވުމުން ވަކިވާކަށް ބޭނުމެއް ނުވާނެއެވެ. އެންމެ ލޯބިވާ ﷲ އާއި ބައްދަލުވާނެ ދެވަނަ ނުވަތަ އިތުރު ފުރުޞަތެއް ނުލިބިދާނެކަމުގެ ބިރު ހިތުގައި އޮންނާތީއެވެ. ފާފަ ފުއްސެވުމަށް އެދި ދަންނަވާނެ އެފަދަ އިތުރު ފުރުޞަތެއް ނުލިބި މަރުވެދާނެކަމަށް ބިރުގަނެ ހިތާމަކުރާނެއެވެ.
މީސްތަކުން ގިނަގިނައިން ނަމާދުކުރުމަށް މާތް ﷲ ލޯބިކުރައްވަތެވެ. ނަމާދުކުރުމުގައި ވީހައި ގިނަ ވަގުތު ހޭދަކުރުމަށް މާތް ﷲ ލޯބިކުރައްވަވަތެވެ. ނަމާދު ބާވައިލެއްވެވިއިރު 50 ނަމާދު ޝަރުޢު ކުރެއްވެވީ އެހެންވެގެންނެވެ. ރެއަކާއި ދުލާލުގެ ތެރޭގައި 50 ނަމާދުކުރަން ޖެހުނުނަމަ ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހޭނީ ނަމާދުކުރުމުގައެވެ.
50 ނަމާދުގެ ސަވާބު 5 ނަމާދުން ލިބޭ ގޮތަށް މާތް ﷲ ހަމަޖައްސަވައި ދެއްވެވުމުން އެ ނަމާދު ވީހައި ފުރިހަމައަށް ކުރުމުގެ މުހިންމުކަން އެނގިގެންދެއެވެ. ނަމަވެސް ބައެއް މީހުންނަށް އެ 5 ނަމާދުވެސް ހަމަ ނުކުރެވެއެވެ. އަނެއްބައަކު މިއުޅެނީ ނަމާދަށް އެރި ނަމަވެސް ނަމާދު ނިމުން ލަސްވެގެންނެވެ.
- އައްޝައިޚް އަޙްމަދު ސަމީރުގެ ދަރުސަކުން -
ގުޅުންހުރި އަޑު: