ޓޮޓެންހަމް އަތުން ބަލިވެ، ގަދަ ހަތަރަކަށް އަރަން ޗެލްސީ ކުރަމުން އައި މަސައްކަތަށް އުނދަގޫތަކެއް

ކިޔުމަށް ހޭދަވާނީ 1މ 23ސ
ޓޮޓެންހަމް އަތުން ބަލިވެ، ގަދަ ހަތަރަކަށް އަރަން ޗެލްސީ ކުރަމުން އައި މަސައްކަތަށް އުނދަގޫތަކެއް
އިނގިރޭސި ޕްރެމިއާ ލީގުގައި ޓޮޓެންހަމް އަތުން ބަލިވެ، ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ޗެލްސީއިން ކުރަމުން އައި މަސައްކަތަށް އިތުރު އުނދަގޫތަކެއް ކުރިމަތިވެއްޖެއެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ 1-3 ގެ ނަތީޖާއިންނެވެ. އެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޗެލްސީއިންނެވެ. މެޗުގައި ފެނިގެންދިޔަ ޗެލްސީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 30 ވަނަ މިނެޓުގައި އެ ޓީމުގެ ޓޮޕް ސްޓައިކަރު އަލްވާރޯ މޮރާޓާއެވެ. މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ޓޮޓެންހަމްގެ ކްރިސްޓިއަން އެރިކްސަން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަަހަމަކޮށްފައެވެ. ޓޮޓެންހަމްއިން މި މެޗުގައި ކާމިޔާބުކުރި އަނެއް ދެ ލަނޑު ޖަހާފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. މި ދެ ލަނޑު ވެސް ޓޮޓެންހަމަށް ކާމިޔާބުކޮށްދިނީ ޑެލޭ އަލީއެވެ.

ރޭގެ މެޗުގެ ނަތީޖާއާއެކު، ޗެލްސީ އޮތީ 56 ޕޮއިންޓާއެކު ލީގު ތާވަލުގެ ފަސްވަނައިގައެވެ. ހަތަރުވަނައިގައި ޓޮޓެންހަމް އޮތީ 64 ޕޮއިންޓާއެކުވެ. ތިންވަނައިގައި އޮތް ލިވަޕޫލަށް 66 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ 68 ޕޮއިންޓާއެކުވެ. 84 ޕޮއިންޓާއެކު ލީގު ހޯދުމާ ގާތުގައި އުޅެނީ މެންޗެސްޓާ ސިޓީއެވެ.

ރޭގެ މެޗުން ޗެލްސީ ބަލިވުމާއެކު، ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދަން އެ ޓީމަށް ދެން އޮތީ ވަރަށް އުނދަގޫ މަގެކެވެ. އެހެންވީއިރު، ޔޫރަޕްގެ ކްލަބްތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފުވެރި މުބާރާތްކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވާދަކުރުމަށް އިނގިރޭސި ކްލަބްތަކުގެ ތެރެއިން ފުރުސަތު ލިބެނީ އިނގިރޭސި ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދާ ކްލަބްތަކަށެވެ.
މިއަދު އޮންލައިން