މިއީ ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޝެއިޚް ބިލާލް އައްސަދު އަށް ކުރިމަތިވި ހާދިސާއެކެވެ.
"ފުރާވަރު އުމުރުގައި ތައުލީމު ހާސިލް ކުރުމަށް އަހަރެން ދިޔައީ އޮސްޓްރޭލިއާގެ ސެކިއުލާ ސްކޫލަކަށެވެ. އެދުވަސްތަކުގައި ވެސް އަހަންނަކީ ދީންވެރި މީހެއްތޯ މީހުން އަހަންނާއި ސުވާލު ކުރެއެވެ.
އަލްޙަމްދުލިﷲ އެއިރުވެސް އަހަންނަކީ ދީނަށް ތަބާވި ދީންވެރި މީހެކެވެ.
ނަމަވެސް އަހަރެން އުޅުނީ ފަސޭހަ ދިރިއުޅުމަކު ނޫނެވެ. ވަރަށް ގިނަ ދަތިތަކާ އަދި ވަރަށް ގިނަ ގޮންޖެހުންތަކަކާއި އަހަންނަށް ކުރިމަތިލާން ޖެހުނެވެ.
އޮސްޓްރޭލިއާގެ އެސްކޫލަށް ކިޔަވަން އަހަރެން ދިޔައީ ގްރޭޑް ހަތަކާއި އަށެއްގައެވެ. އެއިރު އަހަންނާއިއެކު ކިޔެވި ގިނަ ދަރިވަރުން އަހަރެން ގަނާ ކުރިއެވެ. އެމީހުން އަހަރެން ގަނާ ކުރީ އިސްލާމްދީނާއި ބެހޭ ގޮތުން އަހަރެން އަބަދުމެ ވާހަކަ ދައްކަމުން ދިޔުމުންނެވެ.
ނަމަވެސް ބުނަން ހެއްޔެވެ؟ އިސްލާމްދީނާއި ބެހޭ ގޮތުން ވާހަކަ ދައްކައިގެން އަހަރެން ގަނާކޮށް ބޮޑަށް އަހަރެން ދެރަކުރީ ޣައިރު މުސްލިމުންނެއް ނޫނެވެ. އަހަންނަށް ބޮޑަށް ދެރަދިނީ އަހަންނާއިއެކު އުޅުނު މުސްލިމު ރަޙުމަތްތެރިންނެވެ.
އެމީހުންނަކީ (އަހަރެން ގަނާކުރި މުސްލިމު ރައްޓެހިންނަކީ) އަހަންނާއިއެކު ޕްރައިމެރީ ގްރޭޑުތަކުގައި އެއްކޮށް ތައުލީމް ހާސިލް ކުރި މީހުންނެެވެ. ނަމަވެސް ހައިސްކޫލް ކިޔަވަން ދެވުންއިރު އިސްލާމްދީނާއި އެމީހުން ވަނީ ދުރުވެފައެވެ. އެހެންކަމުން އަހަރެން އެއިރުވެސް އިސްލާމްދީނާއި ބެހޭ ގޮތުން ވާހަކަ ދެއްކުމުން، އެމީހުންނަށް އެކަން ބަލައިނުގަނެވުނީއެވެ. އަދި އަހަރެން ދަންނަކަމަށް ވެސް ނުހަދަން އެމީހުން ފަހުން މަސައްކަތް ކުރިއެވެ.
އަހަންނާއިއެކު އުޅުނު މުސްލިމު ރަހުމަތްތެރިން އަހަންނަށް ޖޯކު ޖަހާ މަލާމާތް ކުރިއެވެ. އަހަންނަށް އުޅެން ޖެހުނީ ވަރަށް ވެސް ހިތާމަވެރި ހާލެއްގައި ދަތި ހާލެއްގައެވެ. ހީވީ ޒުވާން އުމުރު ޖަލެއްގައި އުޅެވޭ ހެންނެވެ. ފުރާވަރު އުމުރަކީ ހަގީގަތުގައި އެފަދަ ވަރަށް ގިނަ ކަންތައްތަކާއި ކުރިމަތިލާން ޖެހޭ ދުވަސްތަކެކެވެ.
އެފަދަ ހުރިހާ ގަނާ ކުރުމަކާއި ހިތާމަތަކަކާއިއެކު ވެސް، އަހަންނަށް އެންމެ ބޮޑަށް ހިތްވަރު ލިބުނީ އެއްކަމަކުންނެވެ. އަހަރެންގެ ބައްޕާފުޅު އަބަދުވެސް އަހަންނަށް މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) ގެ އަސްޙާބު ބޭކަލުންގެ ވާހަކަތައް ކިޔާދިނެވެ. އެހެންކަމުން އަހަރެން އަބަދުވެސް ހަނދުމަ ކުރަމުން ގެންދިޔައީ އަސްޙާބު ބޭކަލުންގެ އެވާހަކަތަކެވެ. އެބޭކަލުންނަށް ކުރިމަތިލާން ޖެހުން ކަންތައްތަކުގެ ވާހަކަތައް އަހަރެން ހަނދުމު ކުރަމެވެ.
އަސްޙާބު ބޭކަލުންގެ ވާހަކަފުޅާއި އެބޭކަލުން ރަސޫލާ (ޞޢޥ) ގޮވާލެއްވި ގޮވާލެއްވުންތަަކަށް އިޖާބަ ދެއްވެވިވަރު އަހަންނަށް އެނގި، އެކަން ހަނދުމަ ކުރުމުން، އެކަލޭގެފާނު ދެކެ އެބޭފުޅުން ލޯބިފުޅުވާވަރު އަހަންނަށް ވިސްނުނެވެ.
އަދުގެ ޒުވާނުންނަށް އެފަދައިން އެކަލޭގެފާނު ދެކެ ލޯބިފުޅު ވެވޭނެބާއޭ އަހަރެން ހިތައް އަރައެވެ. އަހަންނަށް ހިތްވަރު ލިބުނީ އެފަދަ ވާހަކަތައް ހަނދުމަ ކުރުމުންނެވެ.
އިސްލާމްދީނަށް ދޭންޖެހޭ އަަހައްމިއްޔަތުކަން އެއިރަށްވުރެ ބޮޑަށް މިހާރު ކުޑަވެއްޖެ ކަމަށް ވެސް އަހަރެން ޤަބޫލު ކުރަމެވެ.
މިހާރުގެ ޒުވާނުން ގާތު ދަންނަނީ ކިތައް ސެލެބްރިޓީންތޯ އަހައިފިނަމަ ސަތޭކަ އެއްހާ މީހުންގެ ނަން ކިޔާދޭނެއެވެ. ނަމަވެސް ރަސޫލާ (ޞޢޥ) ގެ އަސްޙާބު ބޭކަލެއްގެ ނަންފުޅު ބުނެދޭން އަހަފިނަމަ، އެމީހުންނަށް އޭގެން އެންމެ ނަންފުޅެއް ވެސް ނޭނގެއެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. އިސްލާމްދީނާއި ބެހޭ ގޮތުން އިތުރަށް މައުލޫމާތު އޮޅުންފިލުވާށެވެ.!"