ތިބާގެ އަމަލުތައް ހަރުކަށިވެފައި ތިބާއަކީ އަނިޔާވެރިއަކަށް ވެއްޖެނަމަ މީސްތަކުން ތިބާ އާއި ދުރުހެލިވާނެ އެވެ. ތިބާގެ ކިބައިން ދުރަށް މޫނުތައް އަނބުރައިލާނެއެވެ. ތިބާއަށް ފުރަގަސްދޭނެއެވެ. ތިބާ އެކަނިވެރިކުރުވާނެއެވެ.
މިއީ މީހަކު ބުނެފައިވާ ބަހެއް ނޫނެވެ. މާތް ﷲ ގެ ވަޙީ ބަސްފުޅުން އެނގެން އޮތް ކަމެކެވެ. މިފަދައިން މާތް ﷲ ވަހީ ކުރައްވަވާފައިވަނީ އެންމެހައި ރިވެތި އަޚްލާޤުން ޒީނަތްތެރިވެވަޑައިގެން ހުންނެވި އެންމެ އަޚްލާޤް ރަނގަޅު، އެންމެ މަޑުމައިތިރި އަދި އެންމެ އަދުލުވެރި އެންމެ މާތް ނަބިއްޔާ، މުޙައްމަދު (ޞޢވ) އަށް ނިޞްބަތް ކުރައްވަވައެވެ.
އިންސާނާގެ ހުރިހާ މާތްކަމެއް ވަނީ އެމީހާގެ ކިބައި ހުންނަ އީމާންތެރިކަމާއި ރިވެތި ޚުލްޤަށެވެ. ރިވެތި ޚުލްޤް ހިމެނެނީ އީމާންތެރިކަމުގެ ތެރެއިންނެވެ. އީމާންތެރިއަކު ހަރުކަށި ގޮތުގައި ކަންކަމެއް ނުކުރާނެއެވެ. އަނިޔާވެރިއެއް ވެސް ނުވާނެއެވެ.
މާތް ﷲ ގެ މިބަސްފުޅުތަކުން، ވަހީން، އެނގެނީ މީހެއްގެ ކިބައިގައި ކިތަންމެ މަތިވެރިކަމެއް އޮތް ނަމަވެސް އެމިހާގެ ކިބައިގައި ރިވެތި އަޚްލާޤެއް ނެތްނަމަ މީސްތަކުން އެމީހަކު ބަލައި ނުގަންނާނެ ކަމެވެ. ކިތަންމެ ގަދަފަދަ ބާރުތަކެއް ލިބިފައިވީނަމަވެސް މެއެވެ.
މާތް ﷲ، އިތުރު މާތް ނަބިއްޔާއަށް އެ އަންގަވަނީ ތިމަން ﷲ، އިތުރު މާތް ނަބިއްޔާއަށް ވަޙީ ބާވައިލެއްވެވިނަމަވެސް އެންމެ މާތް ހުރިހާ ކަމެއް މިންވަރުފުޅު ކުރައްވަވާފައިވީނަމަވެސް އިތުރު މާތް ނަބިއްޔާގެ ކިބައިގައި ރިވެތި އަޚްލާޤެއް ނެތް ނަމަ މީސްތަކުން ވަޙީ ވެސް ބަލައި ނުގަންނާނެ ކަމެވެ.
ތިބާގެ ކިބައިގައި ރިވެތި އަޚްލާޤެއް ނެތް ނަމަ މީސްތަކުން ޖަމާކޮށް މޮޅު ވާހަކަތައް ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެއިން އެކަކުވެސް ތިބާ ދައްކާ ވާހަކަ އަޑެއް ނުއަހާނެއެވެ. ޤަބޫލެއްވެސް ނުކުރާނެއެވެ.
"މާތް ﷲ ތިމަން ރަސޫލުކަމާއިގެން ފޮނުއްވެވީ މަކާރިމުލްއަޚްލާޤް ފުރިހަމަކުރެއްވުމަށް" ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ އެ ސަބަބަށްޓަކައެވެ.
މިހުރިހާ ކަމަކުންވެސް އެނގެންދަނީ މީސްތަކުންނަށް އޯގާތެރިވާންޖެހޭނެ ކަމާއި އަނިޔާވެރިވުމެއް އެއްވެސް ގޮތަކުން އެއްވެސް ކަމެއްގައި ނެތްކަމެވެ. ބުނާ ބަހުގައިވެސް ކުރާ އަމަލުތަކުގައިވެސް ހަރުކަށިވުމެއް ނެތްކަމެވެ. އަދުލުވެރިވުމާއި އޯގާތެރިވުމުގެ މުހިންމުކަން ބޮޑުކަމެވެ.
- ލަވް އިސްލާމްގެ ދަރުސަކުން -